އެއް މަސް ތެރޭ ލޮނުޒިޔާރަތް ޕާކަށް 50،000 މީހުން ޒިޔާރަތްކޮށްފި

މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ތަރައްގީ ކުރި "ލޮނުޒިޔާރަތް ޕާކު" ހުޅުވިތާ އެއް މަސް ފުރުނު އިރު، ޕާކަށް 50،000 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ލޮނުޒިޔާރަތް ޕާކުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އެކި ސަބަބުތަކާ ހުރެ ނުނިމި ލަސްވިޔަސް، މި އަހަރުގެ ސެޕްޓެމްބަރު މަހު ހިސާބު އެ ޕާކުގެ މަސައްކަތް އެއްކޮށް ކަހަލަ ގޮތަކަށް ނިންމާލި އެވެ. މާލޭގެ މޭޔަރު ޝިފާ މުހައްމަދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޕާކު ނުހުޅުވި ލަސްވީ ކޮވިޑް-19އާ ހެދި އެވެ.

ކައުންސިލުން ވަނީ ޕާކަށް ޒިޔާރަތްކުރި 50،000 ވަނަ ފަރާތަށް ހާއްސަ ހަދިޔާއެއް ދީ، އެކަން ފާހަގަކޮށްފައެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބޭ "ތަރުހީބަށް" ޝުކުރު އަދާކުރިއެވެ.

ޖުމްހޫރީ ދުވަހާ އަމާޒުކޮށް ނޮވެމްނަރު މަހުގެ 11 ވަނަ ދުވަހު އެ ޕާކު ހުޅުއްވައިދެއްވީ، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު އުމަރު ޒާހިރެވެ.

ލޮނުޒިޔާރަތް ޕާކު ތަރައްގީކޮށްފައި ވަނީ ހިތްފަސޭހަ ކަމާއެކު އާންމުންނަށް ތިބެވޭނެ ފެހި ތަނެއްގެ ގޮތުގަ އެވެ.

ނާސަރީގައި ހައްދައިގެންނާއި އެކި ގޮތްގޮތުން ހޯދައިގެން އެތަނުގައި ގިނަ އަދަދެއްގެ ގަސް އަދި ވިނަ އިންދާފައިވެ އެވެ. އެ ޕާކުގައި ފެންގަނޑެއްވެސް އޮންނަ އިރު، އެތަނުގައި މީހުންނަށް އިށީނދެ ތިބެވޭނެހެން ބެންޗު ޖަހާފައި ހުރެ އެވެ. އަދި އެތަނުގައި ޖޮގިން ޓްރެކެއްވެސް ހުރެ އެވެ.

މާލޭގެ މޭޔަރު ޝިފާ ވިދާޅުވެފައިވާ ގޮތުގައި، ލޮނުޒިޔާރަތް ޕާކުގައި ވެޑިން އާއި އެކި ހަފްލާތައް ބޭއްވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.

ސިޓީ ކައުންސިލްއިން މީގެ ކުރިން ބުނީ ލޮނުޒިޔާރަތް ޕާކް ހުޅުވުމުން އެތަނަކީ ރާއްޖޭގެ އެންމެ ބޮޑު ޕާކަށް ވެގެންދާނެ ކަމަށެވެ.

ލޮނު ޒިޔާރަތް ޕާކް ހުރި ބިން ބުރިޖު ހެދިއިރު ބޭނުންކުރަމުން ދިޔައީ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައެވެ.

comment ކޮމެންޓް