އުތުރުގެ ތިން ރަށެއްގައި ޝަރަފުގެ ހިނގާލުމާއެކު ހަވާއަރުވަނީ

"ހިޔާ" މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ޝަރަފުގެ ހިނގާލުން ބާއްވަން ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫ އަދި ހއ. އިހަވަންދޫގައި ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީގައި ހިނގާލުން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި 18 ވަނަ ދުވަހު ދިއްދޫގައި ޝަރަފުގެ ހިނގާލުން ބާއްވަން ހަމަޖެހިފައިވާއިރު، އިހަވަންދޫގައި ޝަރަފުގެ ހިނގާލުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ މިމަހު 19 ވަނަ ދުވަހުއެވެ.

ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ އެ ރަށްތަކުގެ ބޮޑެތި މަގުތަކުގައި އެދުވަސްތަކުގެ ހަވީރު 4:00 އިން 5:00 އާ ދެމެދުއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ރަށްރަށުގައި ޝަރަފުގެ ހިނގާލުން އޮންނަ ދުވަސްތަކުގެ ރޭގަނޑު، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ހެޔޮއެދުންތަކާއެކު، ހަވާ އަރުވާގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އަދި، ޝަރަފުގެ ހިނގާލުން ބާއްވޭ ރަށްރަށުގައި ސިފައިންގެ ހިދުމަތާ ގުޅޭގޮތުން މައުލޫމާތު ހޯދަން ޝައުގުވެރިކަން ހުންނަ ސްކޫލުތަކުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން ެސް ވަނީ ނިންމައިފައެވެ.

އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން މިމަހުގެ 15 ވަނަ ދުވަހު މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލު" ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް ހިންގި އެ ކޯހުގައި 97 ދަރިވަރުން ބައިވެރިވިއެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބާއްވޭ ޝަރަފުގެ ހިނގާލުމަކީ އާންމުންނަށް ހުޅުވާލައިގެން މިގޮތަށް ބާއްވޭ ފުރަތަމަ ޝަރަފުގެ ހިނގާލުމެވެ.

މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތަކަކީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކުއާޓަރެއްގައި ބޭއްވެމުން ދިޔަ ޝަރަފުގެ ހިނގާލުންތަކެކެވެ.

އެހެންނަމަވެސް، މި އަހަރުން ފެށިގެން، ރާއްޖޭގެ އެކި ރަށްރަށުގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ނިންމާފައިވަނީ، މިފަދަ ޝަރަފުގެ ހިނގާލުންތައް ރަށްރަށުގެ ރައްޔިތުންނަށް ކައިރިން ބަލާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަދި، ކުރިއަށްއޮތް ތަނުގައި، އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން، އެ ކޯހުގެ ތަމްރީނުތައް ކުރިއަށްދާ އެމްއެންޑީއެފް އޭރިއާއަކަށް ނިސްބަތްވާ ރަށްރަށުގައި ބާއްވަން ވަނީ ނިންމައިފައެވެ. މިފަހަރުގެ ޝަރަފުގެ ހިނގާލުން އިންތިޒާމްކޮށް، ކުރިއަށްގެންދަން ނިންމާފައިވަނީ އެ ރަށްރަށުގެ ކައުންސިލް އިދާރާތަކާއި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެންނެވެ.

comment ކޮމެންޓް