ފަސިންޖަރުންގެ ކޮވިޑް ޓެސްޓު ނެތުމުން ބަންގްލަދޭޝްއިން މޯލްޑިވިއަން ޖޫރިމަނާކޮށްފި

ވެލާނާ އިންޓަނޭޝަނަލ އެއާޕޯޓުގެ އާ އޭޕްރަން އިފްތިތާހުކުރުން -- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ބަންގްލަދޭޝްއަށް ގެންދިޔަ 200 މީހުންގެ އަތުގައި ނެގެޓިވް ޕީސީއާރު ޓެސްޓެއް ނެތުމުން ގައުމީ އެއާލައިން މޯލްޑިވިއަން ޖޫރިމަނާކޮށްފި އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވަނީ "ސަން"އަށް މިކަން ކަށަވަރުކޮށްދެއްވި އެވެ.

އޭނާ މިއަދު ވިދާޅުވީ ނެގެޓިވް ޕީސީއާރު ޓެސްޓެއް ނެތުމުން މޯލްޑިވިއަން ޖޫރިމަނާކުރި ކަމަށާއި އަދި ދައްކަން ޖެހޭ ހުރިހާ ފައިސާއެއް މިހާރު ދައްކާފައިވާ ކަމަށެވެ.

މިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

މި މައްސަލަ ކުރިމަތިވީ މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ރެޕަޓްރިއޭޝަން ފްލައިޓުގައި ބަންގްލަދޭޝްގެ ހަޒްރަތު ޝާހުޖަލާލް އިންޓަނޭޝަނަލް އެއާޕޯޓް (އެޗްއެސްއައިއޭ)އަށް ގެންދިޔަ 200 މީހުންގެ އަތުގައި ނެގެޓިވް ޕީސީއާރު ޓެސްޓެއް ނެތުމުންނެވެ.

އެޗްއެސްއައިއޭގެ އެގްޒެކެޓިވް މެޖިސްޓްރޭޓާ ހަވާލާދީ ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެތަނުން 118 މީހުންގެ އަތުގައި ނެގެޓިވް ޕީސީއާރު ޓެސްޓެއް ނެތެވެ. އަދި ބާކީ ތިބި 82 މީހުންގެ އަތުގައި އޮތީ ބަންގްލަދޭޝްގެ ބިއުރޯ އޮފް މޭންޕަވާ އެމްޕްލޯއިމަންޓް އެންޑް ޓްރެއިނިން (ބީއެމްއީޓީ) ގެ ކާޑެއް އެކަންޏެވެ.

އެމީހުންގެ ތެރެއިން ބީއެމްއީޓީ ކާޑު އޮތް މީހުން އެއާޕޯޓުގައި ހެލްތު ސްކްރީން ކުރުމަށްފަހު ހޯމް ކަރަންޓީނަށް ފޮނުވާލި ނަމަވެސް، ދެން ތިބި މީހުން ފޮނުވާލީ ކަރަންޓީން މަރުކަޒަކަށެވެ.

ޖޫރިމަނާކުރި އަދަދެއް ކަމަށް ރިޕޯޓުކޮށްފައިވާ އަދަދަކީ 236،000 ބަންގްލަދޭޝީ ޓާކާ އެވެ. އެއީ ޔޫއެސް ޑޮލަރުން ބަލާނަމަ 2785.97 ޑޮލަރު އަދި ދިވެހި ރުފިޔާއިން ނަމަ ގާތްގަނޑަކަށް 42،900 ރުފިޔާ އެވެ.

ކޮވިޑް-19ގެ ދެވަނަ ރާޅެއް އަޔަނުދިނުމަށްޓަކައި މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝްއަށް އެތެރެވާ މީހުން 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭ ގޮތަށް ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މީހުން ފުރުވާލުމަށް މޯލްޑިވިއަންއިން ގިނަ އަދަދެއްގެ ރެޕަޓްރިއޭޝަން ފްލައިޓް ވަނީ ބާއްވާފަ އެވެ.

comment ކޮމެންޓް