އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުކުރަން ވޯލްޑް ބޭންކުން 107 މިލިއަން ޑޮލަރު

ސޯލާޕެނަލްތަކެއް---

އިއާދަކުރަނިވި ހަކަތަ އަށް ބަދަލުވުން އަވަސްކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު އާރާސްތު ކުރަން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކުން ނިންމައިފި އެވެ.

މި އެހީ ފޯރުކޮށްދިނުމަށްޓަކައި ހިންގާ 107.4 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް ވާލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) ނަމަކަށް ކިޔާ މި މަޝްރޫއު ބިނާކޮށްފައިވަނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ހޯދުމުގެ ބޭނުމުގައި ވޯލްޑް ބޭންކުން މިހާރުވެސް ކުރިއަށްގެންދާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްސް އިން ރިނިއުއަބަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށެވެ.

މި ދެ މަޝްރޫއަކީ ވެސް ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީއަކަށް ވާނެ ގޮތަށް ފަރުމާކޮށްފައިވާ ދެ މަޝްރޫއެވެ. ހަމައެއާއެކު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަން ފެށުމުން ތެލަށް ބަރޯސާވުން ކުޑަވެ، އޭގެ ސަބަބުން ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ކާބަންގެ މިންވަރު ވެސް މަދުވާނެ އެވެ.

ވޯލްޑް ބޭންކުން ރާއްޖެއާއި ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒާވޮސް ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަވަހަށް އަރައިގަތުމަށާއި އިގްތިސާދު އާރާސްތުކޮށް، ކާރިސާތަކަށް ތައްޔާރުވެފައި އޮންނަ މިންވަރު ވަރުގަދަކުރުމަށްޓަކައި ވޯލްޑް ބޭންކުން ދޭ އެހީގެ ޕްރޮގްރާމަށް ބަދަލުތައް ގެންނަމުންދާ ކަމަށެވެ.

އެގޮތުން އެރައިޒް އަދި އެސްޕަޔާ މަޝްރޫއުއަކީ ވެސް ކޮވިޑް19ގެ ގޮންޖެހުންތަކުން އަރައިގަތުމަށް ވޯލްޑް ބޭންކުން ގެންގުޅޭ ވިސްނުމާ ގުޅިފައިވާ ދެ މަޝްރޫއު ކަމަށް އޭނާ ވިދާޅުވި އެވެ.

އާ މަޝްރޫއުގެ ބޭނުމަކީ މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް، އެ ހަކަތަ ކަރަންޓް ވިއުގައިގެ ތެރޭގައި ބޭނުންކުރެވޭ ވަރު އިތުކުރުމަށްޓަކައި ކަރަންޓް ވިއުގަ ހަރުދަނާ ކުރުމެވެ.

އެސްޕަޔާ އަދި އެރައިޒް މަޝްރޫއުގެ ދަށުން ޤާއިމްކުރެވޭ އަވިން ހަކަތަ އުފައްދާ ނިޒާމުތައް މެދުވެރިކޮށް ޖުމްލަ 42.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ އެވެ. މިއީ އިއާދަކުރަނިވި ވަސީލަތްތައް މެދުވެރިކޮށް 2020 ގެ ނިޔަލަށް 51 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކަނޑައަޅާފައި ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ޕްރޮގްރާމާއެކު ވާލްޑް ބޭންކް ގްރޫޕުގައި ހިމެނޭ މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ (މީގާ) އަދި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ ވަސީލަތްތަކާއި ތަޖުރިބާ ބޭނުންކޮށްގެން އިންވެސްޓަރުންނަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި ހާއްސަ އިނާޔަތްތައް ފޯރުކޮށްދޭނެ އެވެ.

އޭގެ ތެރޭގައި އުފައްދާ ހަކަތަ ގަންނަ އަގު ކުޑަކުރުމަށްޓަކައި ދެވޭ އިނާޔަތްތަކާއި ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ މެކޭނިޒަމްއެއް ގާއިމްކުރުމުގެ އިތުރުން އިންވެސްޓްމަންޓް ގެރެންޓީ ފޯރުކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުވަމުންދާ ވަރަކަށް އެ ހަކަތަ ބޭނުންކުރެވޭ ވަރު ފުޅާކުރުމަށްޓަކައި މިހާރު ހުރި ކަރަންޓް ވިއުގަތަކުގެ ފެންވަރު ވެސް މަތިކުރާނެ އެވެ. އަދި ކުޑަ އަގެއްގައި މެދުކެނޑުމެއް ނެތި ކަރަންޓް ފޯރުކޮށްދިނުމަށާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އުފައްދާ ހަކަތަވެސް ބޭނުންކުރެވޭ ގޮތަށް ބެޓެރީ ނިޒާމުތަކެއް އައްޑޫ ސިޓީ އާއި އެހެނިހެން ބައެއް ރަށްރަށުގައި ގާއިމްކުރަން ވަނީ ރާވާފަ އެވެ.

މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ މުވައްޒަފުން ތަމްރީން ކުރުމުގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން އިއާދަކުރަނިވި ހަކަތަ އުފައްދަން ބޭނުންކުރާ އެހެނިހެން ބައެއް ވަސީލަތްތައް ކަމަށްވާ ވައި އަދި ހައިޑްރޮޖަން ފަދަ ވަސީލަތްތަކާއި ކަރަންޓުން ހިންގާ އެއްގަމު އުޅަނދުފަހަރު ޗާޖުކުރެވޭ ސްޓޭޝަންތައް އަދި 'ވެހިކަލް-ޓު-ގްރިޑް' ފަދަ އާ އީޖާދުތަކުގެ އަޖުމަ ވެސް މި މަޝްރޫއުގެ ތެރެއިން ބަލާނެ އެވެ.

މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ފަންނީ އެހީގެ ޕެކޭޖުން ރާއްޖޭގެ ހަކަތައިގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅާނެ އެވެ. އޭގެ ތެރޭގައި ހަކަތައިގެ ދާއިރާގައި އަންހެނުންނަށް މިހާރަށް ވުރެ ގިނަ އަދި ރަނގަޅު ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި އަންހެން ދަރިވަރުންނަށް ހާއްސަ ވޯކްޝޮޕްތައް ހިންގުން އަދި އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ އަންހެނުންނަށް ހުނަރު ދަސްކޮށްދިނުމުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެ އެވެ.

މި މަޝްރޫއަށް ވާލްޑް ބޭންކުން ކަނޑައަޅާފައިވާ ޓާސްކް ޓީމް ލީޑަރުން ކަމަށްވާ އަމިތު ޖައިން އަދި ޖޫންކިޔަން ސޮންގް ވިދާޅުވީ ތެޔޮ އެތެކުރުމުގައި ދިމާވާ މައްސަލަތަކާއި ތެލުގެ ބާޒާރުގައި އަގަށް އަންނަ ބަދަލުތަކާ ކުރިމަތިލާންޖެހުމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ ތެލަށް ބޮޑު އަގެއް ދައްކަންޖެހިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި ހަކަތަ އުފެއްދުމަށް ކުރާ ހޭދަ ވަރަށް ބޮޑުވާ ކަމަށް ވިދާޅުވި އެވެ.

"މި މަޝްރޫއުގެ ސަބަބުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ނޫން ދާއިރާތަކަށްވެސް އިންވެސްޓް ކުރެވި އަދި އެހެނިހެން އިގްތިސާދީ މަސައްކަތްތަކާ ގުޅޭ ގޮތުން ދިރާސާކުރުމަށް ހިތްވަރު ލިބިގެންދާނެ. އަދި އިއާދަކުރަނިވި ހަކަތަ އުފައްދާ ވަސީލަތްތަކާއި އެ ނޫންވެސް ތަފާތު ފަހުގެ އީޖާދުތައް މެދުވެރިކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ތަނަވަސް ކުރެވޭނެ." އެ ބޭފުޅުން ވިދާޅުވި އެވެ.

އެރައިޒް މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނާ ގުޅިގެން މިނިސްޓްރީ އޮފް އެންވާރަމަންޓްއިންނެވެ. މި މަޝްރޫއަށް ޖުމްލަ ހޭދަވަނީ 107.4 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން ލޯނު ދޭ ވާލްޑް ބޭންކުގެ އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވެސް ހިމެނެ އެވެ.

ވާލްޑް ބޭންކް ގްރޫޕުގެ ބޭރުން މި މަޝްރޫއަށް ކްލީން ޓެކްނޮލޮޖީ ފަންޑުން 30 މިލިއަން ޑޮލަރު، އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 20 މިލިއަން ޑޮލަރު އަދި އާންމު ވިޔަފާރީގެ އުސޫލުން ދޭ 45 މިލިއަން ޑޮލަރު ވެސް ލިބޭނެ އެވެ.

comment ކޮމެންޓް