ޓޭލާ ސްްވިފްޓްގެ އުފަންދުވަހާއި ދިމާކޮށް ދެވަނަ ސަޕްރައިޒް އަލްބަމެއް

ޓޭލާ ސްވިފްޓް ގެ އާ އަލްބަމް 'އެވާ މޯ' ގެ ކަވާއެއް-- ފޮޓޯ:ޓްވިޓާ

މި އަހަރުގެ ޖުލައި މަހު ނެރުނު ސަޕްރައިޒް އަލްބަމަށްފަހު އަނެއްކާވެސް ފޭނުން ހެއްވާލަދީ މުޅީން އާ އަލްބަމެއް ޓޭލާ ސްވިފްޓް ނެރެފިއެވެ. ހުކުރު ދުވަހު ނެރުނު މި އަލްބަމްގެ ނަމަކީ 'އެވާ މޯ" އެވެ.

ހިތްގައިމު މަޑުމައިތިރި ލަވަތަކަކާއެކު ޓޭލާ ސްވިފްޓް މިއަަހަރު ރިލީޒްކުރި ފުރަތަމަ އަލްބަމް 'ފޯކްލޯ" ރިލީޒްކޮށްފައިވަނީ ޖުލައި މަހުގެ ތެރޭގައި، ހަމަ މިހެން ސަޕްރައިޒް ކޮށެވެ. މިއީ އޭނާގެ އަށްވަނަ ސްޓޫޑިއޯ އަލްބަމަށްވީއިރު، ޖުމްލަ 16 ލަަވައެއް އަލްބަމްގައި ހިމެނުނެވެ. މި އަލްބަމް ބޮޑު ހިޓަކަށްވެ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޗާޓުތަކުގެ އެއްވަނަ ހޯދިއިރު، ހަ ގްރެމީ ނޮމިނޭޝަންސް ވެސް ލިބިފައިވެއެވެ. އޭގެ ތެރޭގައި އަލްބަމް އޮފް ދަ އިޔާވެސް ހިމެނެއެވެ.

އެއާއެކު އިތުރު އަލްބަމެއް ނުކުމެދާނެ ކަމަށް ފޭނުން އެއްވެސް ވަރަކަށް އުންމީދު ނުކޮށްތިއްބާ ޓޭލަރ ސްވިފްޓް އެންމެން ހައިރާންކޮށްލީ އަލްބަމް ނެރުމުގެ 16 ގަޑިއިރު ކުރިން އޭނާކޮށްލި ޓްވީޓަކުންނެވެ.

ގިނަ ބަޔަކު ސިފަކުރާ ގޮތުގައި "އެވާ މޯ" މި އަލްބަމަކީ ކުރިން ނެރުނު "ފޯކްލޯ"އާ ދާދި އެއްކަހަލަ އަލްބަމެކެވެ. ކުރީގެ އަލްބަމްގެ ލަވަތައް ވެސް ރިކޯޑްކުރި ދުވަސްވަރު މި އަލްބަމްގެ ލަވަތައް ވެސް ރިކޯޑްކޮށްފައިވާއިރު، މި އަލްބަމްގައި 17 ލަވައެއް ހިމެނެ އެވެ. މީގެތެރެއިން ތިން ލަވައަކީ އެހެން އާޓިސްޓުންނާއެކު ރިކޯޑްކޮށްފައިވާ ލަވަތަކެކެވެ.

މީގެއިތުރުން މިހާރު އޭނާ ވަނީ އަމިއްލަ އަށް ޑައިރެކްޓްކޮށް އަލްބަމްގެ "ވިލޯ" ލަވައިގެ މިއުޒިކް ވީޑިއޯވެސް ރިލީޒްކޮށްފަ އެވެ.

ޓޭލާ ސްވިފްޓް މިއަހަރު ނެރުނު ދެވަނަ އަލްބަމް ރިލީޒްކޮށްފައިމިވަނީ އޭނާ ބުނާގޮތުގައި، އޭނާގެ 31 ވަނަ އުފަންދުވަހާއި ވެސް ދިމާކޮށެވެ. ޑިސެމްބަރު މަހުގެ 13 އަކީ އޭނާގެ އުފަންދުވަހެވެ.

comment ކޮމެންޓް