ހޮންކޮންގްގެ ޑިމޮކްރަސީއަށް މަސައްކަތް ކުރާ ބިލިއަނަރުގެ މައްޗަށް ދައުވާކޮށްފި

ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނާ ހިލާފުވި ކަމުގެ ތުހުމަތުގައި ޖިމީ ލައި ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: އީޕީއޭ

ހޮންކޮންގް (ޑިސެމްބަރު 11): ހޮންކޮންގްގެ ޑިމޮކްރަސީއަށް މަސައްކަތް ކުރާ ބިލިއަނަރު އެކްޓިވިސްޓެއް ކަމަށްވާ ޖިމީ ލައި އެ ސަރަހައްދުގެ އަމަނާ ބެހޭ ގާނޫނާ ހިލާފުވި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.

ޗައިނާއިން މިދިޔަ ޖޫން މަހު ފާސް ކުރި ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނުގެ ދަށުން 73 އަހަރުގެ ލައި ފުރަތަމަ ހައްޔަރު ކުރީ މިދިޔަ އޮގަސްޓު މަހު އެވެ. އަދި އޭރު އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ފަހު މި މަހުގެ ދޭއްގައި އޭނާ ވަނީ އަލުން ހައްޔަރުކޮށްފަ އެވެ.

ޗައިނާގެ މައި ސަރުކާރަށް ފާޑު ކިޔާ އެޕަލް ޑެއިލީ ނޫހުގެ ވެރިޔާ ކަމަށްވާ ލައިގެ މައްޗަށް ހޮންކޮންގް އިން ވަނީ ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ކުރަން އުޅުމުގެ ތުހުމަތު ކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މާދަމާ އޭނާ ކޯޓަށް ހާޒިރު ކުރާނެ އެވެ.

ލައި އަކީ، ޗައިނާއިން ހޮންކޮންގްގުގައި އެގައުމުގެ ބާރުގަދަ ކުރުމާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާތަކުގައި ބައިވެރިވެފައިވާ މީހެކެވެ. އަދި މިދިޔަ އަހަރު ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގައި އޭނާ ބައިވެރިވުމުން މިދިޔަ ފެބްރުއަރީ މަހު އޭނާގެ މައްޗަށް ގަވާއިދާ ހިލާފަށް އެއްވެ އުޅުމުގެ ދައުވާކޮށް ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

އަންނައުނުގެ ވިޔަފާރިން ފުރަތަމަ މުއްސަނދިވި ލައިގެ މިލްކިއްޔާތުގެ އަގު މިހާރު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މިދިޔަ އަހަރު ހޮންކޮންގްގައި ބޭއްވި މުޒާހަރާތަކުގައި ބައިވެރިވި ތިން ޑިމޮކްރަސީ އެކްޓިިސްޓަކު ޖަލަށް ލާން ހޮންކޮންގްއިން ވަނީ މި މަހުގެ ދޭއްގައި ހުކުމްކޮށްފަ އެވެ. އެއީ ޖޯޝުއާ ވޮންގް، 24، އިވަން ލާމް، 26، އަދި އެގްނެސް ޗޯ، 23، އެވެ. އޭގެ ތެރެއިން ވޮންގް 13 މަހަށް، ޗޯ 10 މަހަށް އަދި ލާމް ހަތް މަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

ޗައިނާއިން މިދިޔަ ޖޫން މަހުގެ 30ގައި ފާސް ކުރި ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނަށް ގިނަ އަދަދެއްގެ މީހުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

އެ ގާނޫނުގައި ވަނީ ޗައިނާއިން ހޮންކޮންގް ވަކި ކުރުމާއި މައި ސަރުކާރުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމާއި ބޭރުގެ ބާރުތަކާއެކު ސިއްރިއްޔާތުގައި މަސައްކަތް ކުރުމާއިި ޓެރަރިޒަމްގެ އަމަލުތައް މަނާކޮށްފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އިންތިހާބުތަކުގައި ވާދަކުރުން މަނާކޮށް، އުމުރަށް ޖަލަށް ލެވިދާނެ ކަމަށް ކަނޑައަޅާފަ އެވެ.

ހޮންކޮންގްގެ ގިނަ އަދަދެއްގެ މީހުން ވަނީ އާ ގާނޫނުގެ ސަބަބުން އެ ސަރަހައްދުގެ މިނިވަންކަން ގެއްލިގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

comment ކޮމެންޓް