ހުތުބާގައި ނަމާދު ވަގުތުގައި ނަމާދު ކުރުމާ ބެހޭ މެސެޖެއް

ޖޫން 15، 2020: މީހަކު މިސްކިތެއްގައި ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަރުޟު ފަސް ނަމާދު އެ ނަމާދުތަކުގެ ވަގުތުތަކުގައި ކުރުމާ ބެހޭގޮތުން މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތް ދީފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވަނީ ޝަހާދަތުގެ ދެ ކަލިމައަށް ފަހު އަދާ ކުރަން ޖެހޭ އެންމެ މުހިންމު ވާޖިބަކީ ފަރުޟު ފަސް ނަމާދު ކަމަށެވެ. އަދި އެ ފަސް ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކުރަން އޮންނަ އަޅުކަމެއް ކަމަށް ބުނެފައިވެ އެވެ.

"ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އަދާ ކުރުމަށް މުއުމިނުންގެ މައްޗަށް އަމުރުކުރައްވާފައިވާ އަޅުކަމެކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

"މާތްﷲ ކަނޑައަޅުއްވާފައިވާ ވަގުތުތަކުގައި ފަރުޟު ފަސް ނަމާދު އަދާ ކުރުމަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ. ނަމާދަކީ ހުރިޙާ ހެޔޮކަމެއްގެ ތަޅުދަނޑިކަން ދަންނާށެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުމާ ހަމައަށް ތިޔަބައިމީހުންނަށް ދަތުރު ކުރެވޭނީ ނަމާދުގެ ތެރެއިންނެވެ." ހުތުބާގައިވެ އެވެ.

ދުނިޔެވީ ކޮންމެ ހާލަތެއް ދިމާވި ނަމަވެސް ނަމާދު އޭގެ ވަގުތުގައި ކުރުުމަށް ހުތުބާގައި ބާރު އެޅި އެވެ. ނަމާދަކީ ރަށުގައި ގާއިމްވެގެން ހުންނަ މީހާގެ މައްޗަށާއި، ދަތުރުވެރިޔާގެ މައްޗަށާއި، ބަލިމީހާގެ މައްޗަށްވެސް ފަރުޟުކުރައްވާފައިވާ އަޅުކަމެއްކަން ހުތުބާގައި ފާހަގަ ކުރި އެވެ. އަދި ހަނގުރާމައިގެ ހާލަތުގައި އާއި ބިރުވެރިކަމުގެ ހާލަތުގައިވެސް ނަމާދު ކުރުން ފަރުޟު ކުރައްވާފައިވާކަން ފާހަގަކުރި އެވެ.

ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ ނަމަ އިށީނދެގެން އިނދެ ނަމާދު ކުރުމަށ،ް އަދި އިށީނދެގެން އިނދެ ނުކުރެވޭ ނަމަ އޮށޯވެގެން އޮވެ ނަމާދު ކުރުމަށް ރަސޫލާ ހަދީސްކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އޮށޯވެގެން އޮވެ ނުކުރެވޭ ނަމަ އިޝާރާތުންވެސް ކުރަން ޖެހޭނެ ކަމަށް އިސްލްމުވެރިން ވިދާޅުވާ ކަމަށް ބުނެފައިވެ އެވެ. އަދި އިޝާރާތުން ނުކުރެވޭ ނަމަ ހިތުންވެސް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، މިއަދު މީހުން ބަލި ވެލާ އިރަށް ނަމާދު ދޫކޮށްލާ ކަމަށް ހުތުބާގައިވެއެވެ. އަދި ބައެއް މީހުންނަށް އެއީ އުފަލަން ޖެހިފައިވާ ބުރައެއް ކަމަށް ބުނެފައިވެ އެވެ. ބައެއް މީހުންނަށް ނަމާދަށް ވުރެ ދުނިޔެވީ ކަންކަން މުހިންމުވާ ކަމަށާއި ނަމާދުގެ ވަގުތާ ދިމާކޮށް ދުނިޔެވީ ކަންކަން ރާވައި ހިންގާތަން ފެންނަ ކަމަށް ހުތުބާގައިވެ އެވެ.

"ޝައިތާނާ މުސްލިމުން ނަމާދުން ދުރުކުރުމަށް ޓަކައި ވަރަށް ގިނަ ހީލަތްތަކާއި، މަކަރުތައް ހަދައި، ދުނިޔެ ރަންކޮށް ދައްކަތެވެ. ޝައިތާނާއަށް ވެގެންވާ ނަމަ މުސްލިމުން މުޅިން ނަމާދާ މުޅިން ދުރުހެލި ކުރެވޭތޯ ބަލާނެ އެވެ. އާދަކޮށް ނަމާދު ކުރާ މީހެއް ނަމަ އޭނާ ބައެއް ނަމާދުކަތާ ދުރުހެލި ކުރެވޭތޯ ބަލާނެ އެވެ،"

ޖަމާއަތުގައި ކުރާ ނަމާދުގެ ސަވާބު އެކަހެރިކޮށް ކުރާ ނަމާދުން ލިބޭ ސަވާބަށް ވުރެ 27 ދަރަޖަ އިތުރުކަން ފާހަގަކޮށް، ޖަމާއަތުގައި ނަމާދު ކުރުމަށް އިސްކަން ދިނުމަށްވެސް ހުތުބާގައި ބާރު އެޅި އެވެ.

comment ކޮމެންޓް