ބޭރޫތުގެ ގޮވުމާ ގުޅިގެން ލުބުނާނުގެ ބޮޑުވަޒީރުގެ މައްޗަށް ދައުވާކޮށްފި

ލުބްނާނުގެ ބޮޑުވަޒީރު ހަސަން ދިއާބުގެ މައްޗަށް ވަނީ ބޭރޫތުގެ ގޮވުމުގެ މައްސަލައިގައި ދައުވާކޮށްފަ -- ފޮޓޯ: ރޮއިޓާސް

ބޭރޫތު (ޑިސެމްބަރު 11): ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ބަނދަރުގައި ހުރި ގުދަނެއް މިދިޔަ އޮގަސްޓު މަހު ގޮވި މައްސަލައިގައި އެގައުމުގެ ބޮޑުވަޒީރު ހަސަން ދިއާބުގެ މައްޗަށް އިހުމާލުވުމުގެ ދައުވާކޮށްފި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ލުބުނާނުގެ ޖުޑިޝަރީގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކުރި ގޮތުގައި ބޭރޫތުގެ ބަނދަރުގައި ގުދަނެއް ގޮވި މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރު ފަދީ ސަވާން ވަނީ ބޮޑުވަޒީރު ދިއާބުގެ އިތުރުން ކުރީގެ ތިން މިނިސްޓަރަކަށް ދައުވާ ކުރައްވާފަ އެވެ. އެއީ ކުރީގެ ދެ ޕަބްލިކް ވޯކްސް މިނިސްޓަރަކާއި ކުރީގެ ފިނޭންސް މިނިސްޓަރެކެވެ. އަދި އެ ހަތަރު ބޭފުޅުންގެ މައްޗަށްވެސް ކޮށްފައި ވަނީ އިހުމާލުވުމުގެ ދައުވާ އެވެ.

ބޭރޫތުގެ ބަނދަރުގައި އޮގަސްޓު ހަތަރެއްގައި ގޮވި ގުދަނަކީ ގަސްކާނާ އާއި ބޮން ހަދަން ވެސް ބޭނުން ކުރެވިދާނެ ކެމިކަލެއް ކަމަށްވާ އެމޯނިއަން ނައިޓްރޭޓްގެ 2،750 ޓަނު ރައްކާކޮށްފައި ހުރި ގުދަނެކެވެ. އަދި އެ ކެމިކަލްތައް 2013 ވަނަ އަހަރުން ފެށިގެން ގުދަނުގައި ބަހައްޓާފައި ވަނީ އެކަށީގެންވާ ވަރަށް ރައްކާތެރި ފިޔަވަޅުތައް ނާޅާ ކަމަށް ދިއާބު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އޭއެފްޕީ ނޫހަށް މައުލޫމާތު ދެއްވި ޖުޑިޝަލް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ގުދަނުގައި ހުރި "އެމޯނިއަމް ނައިޓްރޭޓް ނައްތާލުން ލަސް ކުރުމުގެ ނުރައްކަލާ ބެހޭ ގޮތުން ދިއާބު އާއި މިނިސްޓަރުންނަށް ލިޔުމުން އަންގާފައިވާކަން" އެ މައްސަލައިގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި އޭގެ ސަބަބުން ދިމާވެދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެ ބޭފުޅުން ނާޅާ ކަމަށްވެސް ތަހުގީގުން ދޭހަވި އެވެ.

އެ މައްސަލައާ ގުޅިގެން އަންނަ ހޯމަ ދުވަހުން ފެށިގެން ފަނޑިޔާރު ސަވާން، ބޮޑުވަޒީރު ދިއާބުއާ ސުވާލު ކުރައްވާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް ދިއާބުގެ އޮފީހުން ބުނި ގޮތުގައި އޭނާއާ ދެކޮޅަށް ދައުވާކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށެވެ. އަދި އެ ގައުމުގެ އިސް ވެރިންގެ މައްސަލަތައް ބެލުމުގެ ޒިންމާ ހަވާލުކޮށްފައި އޮންނަނީ ޕާލިމެންޓުގެ ހާއްސަ ކޯޓަކާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ބޭރޫތުގެ ގޮވުމުގެ މައްސަލައިގައި ދިއާބު އަމަލު ކުރެއްވީ "ޒިންމާދާރުކޮށް، ދެފުށް ފެންނަ ގޮތަކަށް" ކަމަށް އޭނާގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

ލުބުނާނުގެ އިސް ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާ ކައުންސިލަކުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން، ބޭރޫތުގެ ގޮވުމާ ގުޅިގެން ސަރުކާރުގެ ބައެއް އޮފިޝަލުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށް ވިދާޅުވެ މީގެ ދެ ހަފްތާ ކުރިން ފަނޑިޔާރު ސަވާން ޕާލިމެންޓަށް ސިޓީއެއް ލިޔުއްވި އެވެ. ނަމަވެސް ޕާލިމެންޓުން އެ ތުހުމަތުތައް ތަހުގީގު ކުރަން ދެކޮޅު ހެދި ކަމަށް ފަނޑިޔާރުންގެ ކައުންސިލުން ބުންޏެވެ.

ބޭރޫތުގެ ބަނދަރުގައި ގުދަން ގޮވި ހާދިސާގައި 200 މީހަކު މަރުވެ، 6،000އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އަދި 300،000 މީހުންގެ ގެދޮރު ގެއްލި، 15 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ. އެ ހާދިސާއަށް ފަހު ދިއާބުގެ ސަރުކާރުން އިސްތިއުފާ ދިން ނަމަވެސް އާ ސަރުކާރެއް އެކުލަވާލެވެންދެން އޭނާ ގެންދަވަނީ ބޮޑުވަޒީރުކަން ކުރައްވަމުންނެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް 25 މީހަކު ހައްޔަރުކޮށް، ދައުވާ ކުރި މީހުންގެ އަދަދު ވަނީ 37އަށް އަރާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް