އިސްރާއިލާ ގުޅުން ގާއިމު ކުރަން މޮރޮކޯއިން އެއްބަސްވެއްޖެ

މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަ ވަނަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ފޮޓޯ:

ރަބާތު (ޑިސެމްބަރު 11): މޮރޮކޯއިން އިސްރާއީލާ ގުޅުން ގާއިމު ކުރަން އެއްބަސްވެއްޖެ ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އިއްޔެ ކުރެއްވި ޓުވީޓެއްގައިވާ ގޮތުން އެމެރިކާ މެދުވެރިވެގެން އިސްރާއިލާއި މޮރޮކޯއާ ދެމެދު ބޭއްވި މަޝްވަރާތަކަށް ފަހު ދެ ގައުމުން ވަނީ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކުރަން އެއްބަސްވެފަ އެވެ. އަދި އެއީ މެދުއިރުމަތީގެ ސުލްހައަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

"މިއަދުވެސް އިތުރު ތާރީހީ ކުރިއެރުމެއް! އަޅުގަނޑުމެންގެ ދެ ގާތް އެކުވެރިން ކަމަށްވާ އިސްރާއީލާއި ކިންގްޑަމް އޮފް މޮރޮކޯއިން ވަނީ ޑިޕްލޮމެޓިކް ގުޅުންތައް [ގާއިމު ކުރަން] އެއްބަސްވެފަ - މެދުއިރުމަތީގެ ސުލްހައަށް ވަރަށް ބޮޑު ކުރިއެރުމެއް،" ޓްރަމްޕް ވިދާޅުވި އެވެ.

ވައިޓް ހައުސްއިން ބުނި ގޮތުގައި ޓްރަމްޕް ވަނީ މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަ ވަނައާ ވާހަކަ ދައްކަވާފަ އެވެ. އަދި ރަސްގެފާނު ވަނީ ސަރަހައްދީ ހަމަޖެހުން އިތުރު ކުރުމަށްޓަަކައި އިސްރާއީލާއި މޮރޮކޯގެ އިގުތިސާދީ އަދި ސަގާފީ ބައިވެރިވުންވެސް ފުޅާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ގައުމުގެ މެދުގައި ހެދި އެއްބަސްވުމުގެ ދަށުން ތެލް އަވީވުގަ އާއި ރަބާތުގައި ދެ ގައުމުގެ ލިއޭޒަން އޮފީސް ހުޅުވާ، ފަހުން އެމްބަސީތައް ވެސް ހަދަން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އިސްރާއީލުގެ ފްލައިޓުތަކަށް މޮރޮކޯ މަތިން އުދުހުމަށާއި ދެ ގައުމުގެ ދޭތެރޭގައި ސީދާ ދަތުރުތައް ފެށުމަށްވެސް އެ އެއްބަސްވުމުގައިވެ އެވެ.

ވައިޓް ހައުސްއިން ބުނި ގޮތުގައި، މޮރޮކޯގެ ދެކުނުގައި އޮންނަ ވެސްޓަން ސަހަރާއަކީ އެގައުމުގެ ބަޔެއް ކަމަށް އެމެރިކާއިން އެ އެއްބަސްވުމުގެ ދަށުން ބަލައިގަންނާނެ އެވެ.

ސްޕެއިންގެ އިސްތިއުމާރުގެ ދަށުގައި އޮތް ވެސްޓަން ސަހަރާ މޮރޮކޯއިން 1975 ވަނަ އަހަރު އެގައުމުގެ ބަޔަކަށް ހެދި ނަމަވެސް، އެ ސަރަހައްދުގެ މިލްކުވެރިކަމާ ބެހޭ ގޮތުން ދެބަސްވުން ވަނީ އުފެދިފަ އެވެ. އެއީ އެ ސަރަހައްދުގެ މިނިވަން ކަމަށް ތާއިދު ކުރާ ޕޮލިސާރިއޯ ފްރޮންޓާއި މޮރޮކޯގެ ސަރުކާރާ ދެމެދުގަ އެވެ. އެ މައްސަލައާ ގުޅިގެން 16 އަހަރުވަންދެން ހަނގުރާމަ ކުރި ނަމަވެސް އެ ދެ ފަރާތުން 1991 ވަނަ އަހަރު ހަމަލާތައް ހުއްޓާލަން އެއްބަސްވި އެވެ. އަދި ވެސްޓަން ސަހަރާ މިނިވަންވުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ބާއްވާނެ ކަމަށް މޮރޮކޯއިން އޭރު ބުނި ނަމަވެސް އެފަދަ ވޯޓެއް އަދި ބާއްވާފައި ނުވެ އެވެ.

ވެސްޓަން ސަހަރާ އަކީ މޮރޮކޯގެ ބަޔެއް ކަމަށް އެމެރިކާއިން ބަލައި ގަންނާނެ ކަމަށް ބުނުމުން ޕޮލިސާރިއޯ ފްރޮންޓުން ވަނީ އެ ސަރަހައްދުގެ ގާނޫނީ ހައިސިއްޔަތު ކަނޑައަޅާނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދގެ ނިންމުންތަކުން ކަމަށް ބުނެފަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ދެ ގައުމުގެ އެއްބަސްވުމަކީ ތާރީހީ އެއްބަސްވުމެއްގެ ގޮތުގައި ސިފަ ކުރައްވާ، މޮރޮކޯގެ ރަސްގެފާނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މީގެ ކުރިން ރައީސް ޓްރަމްޕްގެ ސަރުކާރުން މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހު ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ބަހްރައިން އާއި ސޫދާނުން ވަނީ އިސްރާއިލާ ގުޅުން ގާއިމު ކުރަން އެއްބަސްވެފަ އެވެ.

comment ކޮމެންޓް