ލައިސާ: ސަރަހައްދުގެ ރާޒުވާ "ކުއީން"

އުމުރުން 15 އަހަރުގެ މަރިޔަމް ލައިސާ އަބްދުއްރަޝީދު ރާއްޖެ ސިއްސުވާލީ ރަންމެޑަލަކުންނެވެ. މި އަހަރުގެ ނޮވެމްބަރު މަހު ދެކުނު އޭޝިއާގެ ޗެސް ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ސައުތު އޭޝިއަން ޗެސް ފެސްޓިވަލް ފޯ ކެޑޭޓްސް، ޔޫތު އެންޑް ޑިސޭބަލްޑް ޖޫނިއާސް 2020" ރާޒުވާ މުބާރާތުން ވިދާލި އެންމެ މުހިންމު ނަމަކީ އޭނާ އެވެ.

ތާޖުއްދީން ސްކޫލްގެ ގްރޭޑު 9 ގައި ތައުލީމު ހާސިލްކުރަމުން އަންނަ ލައިސާއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން އެންމެ 15 އަހަރުގައި، މައިންބަފައިންނާއި، ގައުމު ހެއްވާލަދިނީ ހިތުގައި އުފެދުނު ހައިރާންކަމެއް ފިލުވާލައި ޖަވާބުތަކެއް ހޯދުމަށް ކުރި މަސައްކަތާއި ގަދަ ހިތްވަރުންނެވެ.

މަރިޔަމް ލައިސާ އަބްދުލް ރަޝީދު، ރާޒުވާއިން ފުރަތަމަ ރަން މެޑަލް ރާއްޖެއަށް ހޯދި އެއް ކުޅުންތެރިޔާ-- ފޮތޯ:ފަޔާޒް މޫސާ/ސަން

ލައިސާގެ މަންމަ ބުނާގޮތުން ލައިސާއަކީ އެންމެ ކުޑައިރުއްސުރެވެސް ވަރަށް ސުވާލު ގިނަ ކުއްޖެކެވެ. ކަންކަން އޮޅުން ފިލުވާ ހޯދައި ބެލުމަށް ބޭނުންވާ ކުއްޖެކެވެ. ޗެސް ނުވަތަ ރާޒުވާއަކީ ކޯއްޗެއްކަންވެސް އޭނާއަށް އެނގުނީ މީގެ ތިންވަރަކަށް އަހަރުކުރިން ނެވެ.

"ހަނދާންވާގޮތުންނަމަ އަޅުގަނޑުގެ އުފަންދުވަހު ތުއްތަ އަޅުގަނޑަށް ހަދިޔާއެއް ދޭންވެގެން ގެންދިޔައީ ބުކްޝޮޕަކަށް. ގެންގޮސް ބުނީ ބޭނުންވާ އެއްޗެއް ނަގާށޭ. ދެން އެތަން ބަލަނިކޮށް އަޅުގަނޑަށް ފެނުނީ ހުދުކުލައާއި ކަޅު ކުލައިގެ ގޮޅި ޖަހާފައި ހުރި ފާޑެއްގެ ބޯޑެއް. ވަރަށް ކިއުރިއަސްވެގެން ހިތަށް އެރި މި ކޮން ބޯޑެއް ބާއޭ. އަބަދުވެސް ވަރަށް ޕްރޮބްލަމް ސޯލްވް ކުރާހިތްވާތީ އެދުވަހު އޭތި ނެގީ،" އެންމެ ކުޑައިރުއްސުރެވެސް ފޮތަށް ނުހަނު ލޯބިކުރާ ލައިސާ ބުންޏެވެ.

މިއީ ކިހާވަރެއްގެ ކުޅިވަރެއްކަން ހިތަށް އަރުވަންވެސް ނޭގިފައި ހުރި ލައިސާ އެ ދުވަހު އިހުތިޔާރު ކުރި އުފަންދުވަހުގެ ހަދިޔާ ވީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި އެއްޗަކަށެވެ. ރާޒުވާގެ އަލިފެއް ޔާއެއް ވަކިކުރަން އެދުވަހު ނޭގުނު ނަމަވެސް މިއަދު ލައިސާއަކީ މި ސަރަހައްދުގައި ހުރި އެ އުމުރުގެ އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔާ އެވެ.

ކަޅާއި ހުދުގެ ގޮޅީގެ މި ބޯޑަކީ އަސްލު ކޮންއެއްޗެއްކަން ލައިސާއަށް އެނގުނީ އޭގެ ދެތިން ދުވަސްފަހުން އޭނާގެ ދޮންބެ ރާޒުވާގެ ބޭސިކް ރޫލްތައް ކިޔައިދިނުމުންނެވެ. ލައިސާ ބުނާގޮތުން ހަޔާތުގެ ފުރަތަމަ ރާޒުވާ ފިލާވަޅު ދޮންބެ އެދުވަހު ނަގައިދިނީ އެންމެ 10 މިނިޓެއް ހާއިރަށެވެ.

އެ 10 މިނެޓުން އޭނާ އެތައް ސުވާލެއް އުފެއްދި އެވެ. އަށް އިންޗި އަށް އިންޗި ބޯޑެއްގައި ކަޅާއި ހުދުގެ 64 ގޮޅި ހުންނައިރު 32 ކުޅިބައިން ފަހަރަކު ހަރަކާތެއް އެ ގެންނަންޖެހޭ ގޮތާއި އެންމެ ފަހުންގޮސް މަންތިރި ނުވަތަ ބޮނދަށް ހަމަލާދީ ސައިކިޔަނީ އެއީ އަސްލު ކިހިނެއް ކޮންގޮތަކަށް ކޮންއިރަކު ކުޅެގެންތޯ ބަލާލަން ލައިސާ އިނީ ކެތްމަދުވެފަ އެވެ.

ނަމަވެސް އާއިލާގައި މި ކުޅިވަރު މާބޮޑަށް ކުޅޭ މީހެއް ނެތިފައި، ރާޒުވާގެ ވާނުވާއެއްވެސް ރަނގަޅަށް ނޭގޭތީ އޭނާ ދެން ފެށީ އަމިއްލައަށް ރިސާޗްކުރާށެވެ. އެއާއިއެކު މަޑުމަޑުން ރާޒުވާގެ ދުނިޔެއަށް އޭނާގެ ޝައުގުވެރިކަން ދަމައިގަތެވެ.

ލައިސާ ރާޒުވާ ކުޅުމުގެ ތެރެއިން-- ފޮޓޯ:ފަޔާޒް މޫސާ /ސަން

އެއަށްފަހު ކިޔެވުމަށް އޭނާގެ ހުސްކުރާ ވަގުތުތަކުގެ އިތުރަށް ދެން އެންމެ ގިނަވަގުތުތައް ހޭދަކުރީ ރާޒުވާ ކުޅެން ދަސްކުރުމަގަ އެވެ. މަންމަ ބުނާގޮތުން ހުރި ހަމައެކަނި ދަރިފުޅަށްވެފައި، ލިބުނު ހުސްވަގުތުތައް މިފަދަ ކަމަކަށް ހުސްކޮށް، ރާޒުވާ ކުޅުމާއި ދަސްކުރުމަށް އޭނާ ބެހެއްޓި ޝައުގާއި އެކަމުން އެ ދަރިފުޅަށް ލިބުނު އުފާވެރިކަމަކީ ހުދު އެ މައިންބަފައިންގެ ހިތަށްވެސް ލިބުނު ފިނިކަމެކެވެ.

އެއަށްފަހު މަހެއްހާ ދުވަހަށް ލައިސާ ޗެސް ކުޅޭ ކްލާހަކަށްވެސް ލާރި ދީގެން ފޮނުވި އެވެ. ހަފްތާއަކު އެއް ދުވަހު އޮންނަ މި ކްލާހުން މާ ބޮޑު ކުރިއެރުމެއް ނުލިބެނީސް ކްލާސްތައް ހުއްޓާލި އެވެ. އެއަށްފަހު މި ހާއްސަ ކުޅިވަރަށް އިންތިހާއަށް ލޯބިޖެހިފައި ހުރި ލައިސާގެ އުންމީދުތައް އަނެއްކާވެސް އާވެގެން ދިޔައީ 2018 ވަނަ އަހަރުގެ ކިޔެވުން ފެށި ސްކޫލްގެ ޗެސް ކްލަބަށް ވަނުމުގެ ފުރުސަތު ލިބުމުންނެވެ.

ރާޒުވާގެ ދުނިޔެއަށް ލޯ ހުޅުވި، މިއީވެސް ރާއްޖޭގައި ކުޅޭ އެހެން ކުޅިވަރުތައް ފަދައިން ކުރިއަށް ދެވޭނެ އަދި އުޖާލާ މުސްތަގުބަލެއް ކުރެހޭނެ ކުޅިވަރެއްކަން އޭނާއަށް ވިސްނުނު ހިސާބަކީވެސް މިއީ އެވެ. ކްލަބުގައި ކޯޗު ކޮށްދިން އަޝްރަފް އަދި ކޮކީ ކޯޗަށް ފުރަތަމަ ދުވަހުންވެސް ލައިސާގެ ހުނަރު ފާހަގަވި އެވެ. އެހިސާބުންވެސް ލައިސާގެ މައިންބަފައިންނާއި ވާހަކަ ދައްކާ މިކަމުގައި ކުރިއަށް ދިއުމަށް އެހީތެރިވެ ތަރުހީބު ދިނެވެ.

އެއަހަރު ބޭއްވި އިންޓަސްކޫލް ޗެސް މުބާރާތުން ތާޖުއްދީން ސްކޫލް ތަމްސީލް ކުރި ޓީމުގައި ހިމެނި އެ ސްކޫލަށް އެ މުބާރާތުން ދެވަނަ ހޯދައިދިނުމުގައި ލައިސާ މުހިންމު ރޯލެއް ކުޅެދިނެވެ. އެއަށްފަހު ދެން އޭނާ މިސްރާބު ޖެހީ ރާއްޖޭގެ ގައުމީ ސްކޮޑަށެވެ.

"އޭރު އަޅުގަނޑަކަށް ނޭނގޭ ޗެސް އިން ގައުމީ ޓީމެއް އޮންނަ ކަމެއްވެސް. އަބަދުވެސް ހީކުރީ ފުޓްބޯލް ބެޑްމިންޓަން ކަހަލަ ބޮޑެތި ސްޕޯޓަށް އެކަނި ކަމަށް ގައުމީ ޓީމެއް އޮންނަނީ. ވަރަށް ސަޕްރައިޒްވި އެކަން އެނގުނީމާ،" ލައިސާ ބުންޏެވެ.

ގައުމީ ޓީމަށް ހޮވޭތޯ ލައިސާ މަސައްކަތްކުރި ފުރަތަމަ ފަހަރު ވީ ނާކާމިޔާބެވެ. ނޮވެމްބަރު 2019ގައި ގައުމީ ޓީމްގެ ސީނިއާ ސްކޮޑް ސިލެކްޝަންއިން އޭނާ ދިޔައީ އަށްވަނަ އަށެވެ. އެއާއިއެކު އެ އަހަރު ގައުމީ ޓީމުން އޭނާއަށް ފުރުސަތު ގެއްލުނެވެ. ކިތަންމެ ދެރަވިއަސް އެދުވަހުވެސް ލައިސާގެ އުންމީދީ ހުވަފެންތަކަށް ކުޑަ ނަމަވެސް ފަނޑުކަމެއް ނާދެ އެވެ. އޭނާގެ މަންމަ ބުނާގޮތުން މަންމަގެ ވެސް އުންމީދު އާކޮށްދިނީ ހަމަ ލައިސާ އެވެ.

"ވަރަށް ދެރަވެފައި ހުރީ. އެކަމަކު އަމިއްލައަށް ހަމަ އައިސް ބުނި މަންމާއޭ، އޯކޭ ވާނެއޭ އަދިވެސް ފުރުސަތު އޮންނާނެއޭ. އެ ހިތްވަރު ފެނިފައި ހުދު އަޅުގަނޑުމެންވެސް ތިބީ ހަމަ އަޖައިބުވެފައި" ލައިސާގެ މަންމަ ބުންޏެވެ.

އޭގެ ދެމަސް ފަހުން އޮތް ސީނިއާ ޓީމް ސިލެކްޝަންގައި ލައިސާގެ ފަރާތުން ފެނުނު މޮޅު ކުޅުމާއިއެކު އޭނާ ދިޔައީ އެފަހަރު ދެވަނަ އަށެވެ. އަދި ގައުމީ ޓީމުން ޖާގައެއް ސީދާ ކަށަވަރު ކުރި އެވެ. ލައިސާ ބުނި ގޮތުގައި މިއީ ޝަމްރޫހު ކޯޗުގެ މަސައްކަތުން އޭނާ ހޯދި ކާމިޔާބީއެކެވެ.

ނަމަވެސް ކޮވިޑްގެ ބަލިމަޑުކަން ރާއްޖެއާ ހިސާބަށް އައިސް ހުރިހާ ކުޅިވަރުތަކެއް ވެސް ހުއްޓާލަން ޖެހުނެވެ. ދެން އެ ހިސާބުން ލައިސާ ހޯދީ އޮންލައިންކޮށް ޗެސް ކުޅެވޭނެ ގިނަ ފުރުސަތުތަކެކެވެ.

އޭގެ ތެރެއިން އެންމެ ހާއްސަ އެއް ކަމަކަށްވީ މި އަހަރުގެ ނޮވެމްބަރު މަހު ވާޗުއަލް ކޮށް ދެކުނު އޭޝިއާގެ ޗެސް ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ސައުތު އޭޝިއަން ޗެސް ފެސްޓިވަލް ފޯ ކެޑޭޓްސް، ޔޫތު އެންޑް ޑިސޭބަލްޑް ޖޫނިއާސް 2020" އެވެ.

ސައުތު އޭޝިއާގެ ގައުމުތައް ކަމުގައިވާ އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ އަދި ނޭޕާލް، ބޫޓާން، ޕާކިސްތާނުގެ އިތުރުން ރާއްޖެއަށް ހުޅުވާލައިންގެން ބޭއްވި، އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަނުން ބަލައިގެންފައިވާ އެ މުބާރާތުން ލައިސާ ވަނީ ފަހުރުވެރި އެއްވަނަ އޭނާގެ އުމުރުފުރާއިންނާއި މުޅި މުބާރާތުންވެސް ހޯދާފަ އެވެ. އަދި ޔޫތް ކެޓަގަރީއިން ވަނީ ރާއްޖެއަށް ގޯލްޑް މެޑަލް ހޯދައިފަ އެވެ.

"މުބާރާތުގައި ކޮންމެ ކުއްޖެއްވެސް ކުޅެން ޖެހުނީ އަށް މެޗު. އޭގެތެރެއިން އަޅުގަނޑު މޮޅުވީ ހަތް މެޗުން. އެ ނަތީޖާއަކީ މުބާރާތުގެ އެއްވަނަ. ސޯޅަ އަހަރުން ދަށުގެ އުމުރުފުރާއިންވެސް އެއްވަނަ. ދެން ޔޫތުއިން އަޅުގަނޑަށް ލިބުނީ ގޯލްޑް،" ލައިސާ ކިޔައިދިނެވެ.

ލައިސާއާއި އެކު، 12 އަހަރުން ދަށުގެ އުމުރުފުރާއިން ރާއްޖެ ތަމްސީލު ކުރި، މަރިޔަމް މިޝްކާ މިގްދާދުވެސް ވަނީ ރަން މެޑަލް ހޯދާފަ އެވެ.

ލައިސާގެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު ސިއްރަކީ އޭނާގެ ހިތްވަރާއި ކެރުމުގެ އިތުރަށް ފަރުވާތެރިކަމާއި މި ކުޅިވަރަށް ދޭ އަހަންމިއްޔަތުކަމެވެ. ގްރޭޑް ނުވައެއްގެ އިމްތިހާނު ދުވަސްވަރު މުބާރާތުގެ މެޗުތައް ކުރިއަށް ދިޔުމުން ޓެސްޓް ނިންމާލުމަށްފަހު ތައްޔާރުވެގެން ރާޒުވާ ކުޅެން އިށީންދެވެނީ ހަމަ ކިރިޔާ އެވެ. އެހެންނަމަވެސް ކޮންމެ ކަމަކީވެސް ވަކި ތަރުތީބެއް ލިޔެ ޝެޑިއުލްކޮށްފައިވާ ކަމެއްކަމުން ހުރިހާކަމެއްވެސް ނިމިގެން ދިޔައީ ހަމަ އެންމެ ފުރިހަމަ ކާމިޔާބީއާއި އެކު އެވެ.

ކިޔެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާއިރު، ކުޅިވަރަކީވެސް ހެދިބޮޑުވުމަށް މުހިންމު އަދި ކުދިންގެ ތަރައްގީގައި ބޮޑު ދައުރެއް އަދާކުރާ ކަމެއްގެ ގޮތުގައި ވިސްނި މީގެ ކުރިންވެސް ލައިސާ ވަނީ އެހެން ކުޅިވަރަތަކުން ވެސް ކުރިއަށް ދެވޭތޯ ވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެއީ ލައިސާއަށް ކުރިމަތިވި ހިތްދަތި ތަޖުރިބާ އެކެވެ. ކޯޗުންނާއި އެކުގައި އުޅޭ ކުދިންގެ ފަރާތުން އޭނާއަށް ކުރިމަތިލާން ޖެހުނީ ބުލީ ކުރުމާ އެވެ. އެއާއެކު އެކަމުން ދުރުވެ، ލައިސާ ހޯދީ އޭނާ ގަޔާވާ ކުޅިވަރެކެވެ. އޭނާއާ ދިމާކުރި އެންމެންނަށް ލައިސާ ރައްދު ދިނީ ރަން މެޑަލްއެއް ގައުމަށް ހޯދައިދީގެންނެވެ. އޭނާގެ އުމުރު ފުރާއިން ސަރަހައްދުގައި ހުރި އެންމެ މޮޅު ރާޒުވާ ކުޅުންތެރިޔާއަށް ވެގެންނެވެ.

ލައިސާގެ މަންމަ ބުނީ އޭނާގެ ދަރިފުޅުގެ ހުނަރު ހުރި އެހެން ކުޅިވަރެއް ފެނި އެކަމުން ކުރިއަށް ދިއުމަކީ ލިބުނު ހެޔޮ ނަސީބެއް ކަމަށެވެ.

ލައިސާ ރާޒުވާ ކުޅުމުގެ ތެރެއިން -- ފޮޓޯ:ފަޔާޒް މޫސާ/ސަން

އޭނާގެ އެންމެ ތިން އަަހަރުގެ ބުރަ މަސައްކަތާއި ހިތްވަރުން ހޯދި މި ބޮޑު ކާމިޔާބީއަކީ އެކި ރޮގުތަކުން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނާއި އަންހެނުންނަށް އޮތް ހިތްވަރެކެވެ. އޭނާގެ ކާމިޔާބީއިން ނަގައިދެނީ އެތައް ފިލާވަޅެކެވެ.

"ބައެއް މީހުން ދިމާލަށް ބުނާނެ ލައިސާއަށް ނުވާނެ އޭ. ތިއީ ފިރިހެން ކުދިން ކުޅޭ ކުޅިވަރެކޭ. އެކަމަކު އަނެއްބައިމީހުން ހަމަ އެހާ ތަރުހީބުވެސް ދޭ. މިއަދު ވަރަށް އުފާވޭ ގޯލްޑް މެޑަލްއާއި އެކީ ހުރިހާ އެންމެންގެ ވިސްނުންވެސް ބަދަލުކުރެވުނީނަމަ. އަންހެންކުއްޖަކަށް ވިޔަސް މިއީ ވާނެ ކަމެއް ކަން އަންގައިދެވުނީމަ. ލައިސާގެ މަސައްކަތް އަގުވަޒަން ކުރާހެން އިހުސާސްވޭ" ލައިސާ ބުންޏެވެ.

ލައިސާ އެންމެންނަށް ދޫކޮށްލާ ބޮޑު ނަސޭހަތަކީ؛ އެދުމަކީވެސް ކޮންމެ ކުއްޖަކީ ވެސް ތަފާތު މޮޅު ކުއްޖެއްގެ ގޮތުގައި އެންމެންވެސް ދުށުމަށެވެ. އަދި ކޮންމެ ކުއްޖަކު ވެސް ކުރާ ހިތްވާ ކަމަކުން ކުރިއަށްދިއުމަށް އާއިލާ އާއި ރަހުމަތެރިންވެސް އެހީވެ އެއްބާރުލުން ދޭ މުޖުތަމައެއް ފެނުމަކީ އޭނާގެ އުންމީދެވެ. އެންމެ މީހެއްގެ ފަރާތުން ވެސް ލިބޭ ކުޑަކުޑަ ސަޕޯޓަކީވެސް ލައިސާ ބުނާގޮތުގައި ހީނުކުރާ ވަރުގެ ކުރިއެރުމެކެވެ. އަދި މިއީ އޭނާ ކުރިއަށް ދިޔުމަށް ލިބޭ އެންމެ ބޮޑު އެހީތެރިކަމެވެ.

comment ކޮމެންޓް