އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އުނަގަނޑު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށްފި

ޖުލައި 21، 2019: އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަރަހަށް އުނަގަނޑު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފި އެވެ.

އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ މިދިޔަ އާދީއްތަ ދުވަހު އެ ހޮސްޕިޓަލުގެ އޮތޯޕީޑިކް ޑިޕާޓްމެންޓުން އެ ހޮސްޕިޓަލުގައި އުނަގަނޑު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. މިއީ އައްޑޫގައި މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.

އެ ހޮސްޕިޓަލުން ބުނީ، އެ ސާޖަރީ ކާމިޔާބު ކަމަށާއި ބަލި މީހާ ރަނގަޅަށް ރިކަވާ ވަމުންދާ ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު ހިދުމަތް ދޭން ފެށި އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އެންމެ ފުރަތަމަ އޮޕަރޭޝަނެއް ކުރީ އޭޕްރިލް މަހު އެވެ. އެއީ އުކުޅުވަޅުގެ ހުޅު ބިނދިފައި ހުރުމުން އެކަން ރަނގަޅު ކުރަން ކުރި އޮޕަރޭޝަނެކެވެ.

މިހާރު އެ ހޮސްޕިޓަލުގައި ބޮޑެތި އޮޕަރޭޝަންތައްވެސް ކުރެ އެވެ. ނަމަވެސް، އެފަދަ ބައެއް އޮޕަރޭޝަންތައް ކުރަނީ އޭޑީކޭ އަދި އައިޖީއެމްއެޗް ފަދަ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުންގެ އެހީތެރިކަމާއެކު އެވެ.

އެގޮތުން، އެ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް މައިބަދައިގެ އޮޕަރޭޝަނެއް ކުރީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އެހީއާއެކު އެވެ. އަދި ފުރަތަމަ ފަހަރަށް ނިއުރޯސާޖަރީއެއް ހެދީ އޭޑީކޭގެ ޓީމެއްގެ އެހީއާ އެކު އެވެ.

comment ކޮމެންޓް