ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުން ހައްލަކަށް ގެނައުމަށް އެހީތެރިވެދެއްވުމަށް ރައީސް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފި

10:00


ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުން ހައްލަކަށް ގެނައުމަށް އެހީތެރިވެދެއްވުމަށް ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފި އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި ރައީސް ރާޖްޕަކްސަ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.


ޒުހެއިރު ވިދާޅުވީ ރައީސް މަހިންދަ ރާޖްޕަކްސަގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.


ސްރީލަންކާގެ ރައީސް މާލެ ވަޑައިގަތުމާ ގުޅިގެން މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރްޙަބާ ވިދާޅުވީ، ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކެވެ.


ރައީސް ރާޖަޕަކްސަ އަށް ރަސްމީ ގޮތުން މަރްހަބާ ދެންނެވުން އޮތީ، މާލޭ ރަސްމީ ފާލަމުގެ ކުރިމަތީގަ އެވެ. ރައީސް ރާޖަޕަކްސަ މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުން އޮތެވެ. އަދި ރަސްމީ ފާލަމުން ރައީސް ރާޖަޕަކްސަ އަށް މަރްހަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު