ފަނޑިޔާރުން މައްސަލަ ބެލުމުގައި ލަސްވާތޯ ބަލާނެ މިންގަނޑެއް ޖޭއެސްސީއިން އެކުލަވާލައިފި

އޮކްޓޯބަރ 1، 2019: ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ނަންބޯޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަނޑިޔާރުންނާ ހަވާލު ކުރެވޭ މައްސަލަތައް ބެލުމުގައި ލަސްވާ ކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅޭ މައްސަލަތައް އެ ކޮމިޝަނުން ބަލާއިރު ބޭނުންކުރާނެ މިންގަނޑެއް އެކުލަވާލައިފި އެވެ.

ޖޭއެސްސީއިން ނޮވެމްބަރު 30ގައި ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ކޯޓުތަކުން މައްސަލަތައް ބެލުމުގައި ލަސްވާކަމުގެ ޝަކުވާތައް އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. އަދި ބައެއް ފަނޑިޔާރުން މައްސަލަތައް ކުރިއަށްގެންދިޔުމުގައި ގާނޫނުގައި ބުނާ މުއްދަތުތަކަށް ކަންކަން ކުރަމުން ނުދާ ކަމަށާއި އެކަން އިސްލާހު ކުރުމަށް އެދޭ ކަމަށްވެސް ޖޭއެސްސީއިން ބުނެފައިވެ އެވެ.

އަދި އެ ސާކިއުލާގައި ވަނީ މައްސަލަ ލަސްވާ ކަމަށް ބުނެ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުގެ މަތިން، އެ ފަނޑިޔާރަކު، އެ ފަނޑިޔާރަކާ ހަވާލުކުރެވިފައިވާ މައްސަލަތައް ލަސްނުކޮށް ބެލުމުގައި އެކަށީގެންވާ ވަރަށް ޒިންމާ އަދާކޮށްފައިވޭތޯ ބަލާނެ މިންގަނޑެއް ބަޔާންކޮށްފަ އެވެ.

އެގޮތުން، ފަނޑިޔާރުންގެ ގާނޫނުގައިވާގޮތަށް، ފަނޑިޔާރަކާ މައްސަލަ ހަވާލުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި މައްސަލައިގައި ގޮތެއް ކަނޑައެޅިފައި ނުވާ ނަމަ އެކަން ސަބަބާއެކު ކޯޓުގެ ނުވަަތަ ދާއިރާގެ އިސްފަނޑިޔާރަށް އަންގާފައިވޭތޯ އާއި އެގޮތަށް އެންގުމަށްފަހު މައްސަލަ ކުރިއަށްދާ މިންވަރާ ބެހޭގޮތުން މަދުވެގެން މަހަކު އެއް ފަހަރު ފަނޑިޔާރަށް އަންގާފައިވޭތޯ ބަލާނެ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

އަދި އިސްފަނޑިޔާރުންނާ ހަވާލުކުރެވޭ މައްސަލަތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން އިސްފަނޑިޔާރުން ރިޕޯޓު އެކުލަވާލާތޯވެސް ބަލާނެ ކަމަށް އެ ކޮމިޝަނުގެ ސާކިއުލާގައިވެ އެވެ. އަދި ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ބ)އާއި 55 ވަނަ މާއްދާގެ (ބ)އާއި 68 ވަނަ މާއްދާގެ (ނ)ގެ ތިން ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާގޮތަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވުމާ ގުޅޭގޮތުން އިސްފަނޑިޔާރުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯވެސް ބަލާނެ ކަމަށް ޖޭއެސްސީއިން ބުނެފައިވެ އެވެ.

ލަސްވެގެން އުޅެނީ ޖިނާއީ މައްސަލައެއް ނަމަ މައްސަލައިގެ އަޑުއެހުންތައް ބާއްވާނެ ގަޑިއާއި ތާރީހުގެ ތާވަލެއް ހަދައި ހަސްމުންނަށް ދީފައިވޭތޯވެސް ބަލާނެ ކަމަށް އެ ސާކިއުލާގައި ވެ އެވެ.

އޭގެ އިތުރުން ގާނޫނެއްގައި ވަކި މުއްދަތެއްގައި ކޯޓުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމެއްގައި އެ މުއްދަތުގައި އެފަދައިން އަމަލުކޮށްފައިވޭތޯވެސް ބަލާނެ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

މައްސަލަތައް ލަސްވުމާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އެ މިންގަނޑުގެ ދަށުން ބަލަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް ޖޭއެސްސީއިން ބުންޏެވެ.

comment ކޮމެންޓް