އޮކްޓޯބަރު މަހާ އަޅާބަލާއިރު މިދިޔަ ނޮވެމްބަރު މަހު މީރާ އަށް ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.
މީރާ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ނޮވެމްބަރު މަހު ޑޮލަރު އާމްދަނީގެ ގޮތުގައި 11.26 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އޭގެ ކުރީ އޮކްޓޯބަރު މަހު ލިބުނީ 4.68 މިލިއަން ޑޮލަރެވެ. އެހެންކަމުން މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ މަހާ އަޅަބަލާއިރު 82 ޕަސެންޓް އިތުރުވެފަ އެވެ.
މީރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ޑޮލަރުގެ އާމްދަނީ އިން 6.74 މިލިއަން ޑޮލަރު ލިބުނެވެ. އޮގަސްޓުމަހު ލިބުނީ 21.67 މިލިއަން ޑޮލަރެވެ.
ނޮވެމްބަރު މަހު މިރާ އަށް ޑޮލަރުން އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ޓީޖީއެސްޓީ އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 8.4 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއީ ޖުމްލަ އާމްދަނީގެ 75.4 ޕަސެންޓެވެ. ގްރީން ޓެކުހުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ލިބުނުއިރު، އެއީ ޖުމްލަ އާމްދަނީގެ 9.5 ޕަސެންޓެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 463,323 ޑޮލަރު، އެއާޕޯޓް ސާވިސްޖާޗުގެ ގޮތުގައި 457,467 ޑޮލަރު ލިބުނެވެ. މީގެ އިތުރުން ސީއެސްއާރު ފީގެ ގޮތުގައި 303,000 ޑޮލަރު ލިބިފައިވެ އެވެ.
މީރާ އިން ބުނެފައިވަނީ އާމްދަނީ ދަށްވީ ޓޫރިޒަމް ދާއިރާ އަށް އައިސްފައިވާ ހީނަރުކަމާއެކު، އެ ދާއިރާ އިން ދައްކާ ޓެކްސް މަދުވުމުން ކަމަށެވެ.
ރާއްޖެ އަށް ބޭރު ފައިސާ ލިބޭ މައިގަނޑު ދާއިރާ އަކީ ޓޫރިޒަމް ދާއިރާ ކަމަށްވާއިރު ޓޫރިޒަމަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ، އިމްޕޯޓު ކުރާ މުދަލުގެ އަގު ދަނީ އުފުލެމުންނެވެ.