ކޮވިޑާ އެކު ނޫސްވެރިކަމަށް އޮތް ނުރައްކާ ކުޑަކުރަން ޖެހޭ: މިނިސްޓަރު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

.ކޮވިޑް-19ގެ ސަބަބުން ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކާ ކުޑަކުރުމަށް މިނިސްޓަރު ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.

ދުނިޔޭގެ ގައުމުތަކުގެ މިނިސްޓަރުން ވާޗުއަލްކޮށް ބައިވެރިވެލެއްވި ވޯލްޑް ޕްރެސް ފްރީޑަމް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ދުނިޔެ ތަފާތު ފިކުރުތަކާ ދިމާލަށް ދަތުރުކުރަމުންދާއިރު އެއް ބަޔަކު އަނެއް ބަޔަކާ ގުޅުވާ ދިނުމަށް މިނިވަން ނޫސްވެރިކަން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެެ.

މިނިވަން ނޫސްވެރިކަމާއެކު ސަރުކާރުތައް ޒިންމާދާރުކުރެވި ވަރުގަދަ ޑިމޮކްރަސީއެއް ފައްކާކުރުމަށް އެހީތެރިވެދޭކަމަށް އޭނާ ވިދާޅުވި އެވެ.

"ނޫސްވެރިން އަގުނުކުރެވޭނެ ވަރުގެ ހިދުމަތްތަކެއް މުޖުތަމައުއަށް ކުރަމުން ގެންދާއިރުވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ނޫސްވެރިންނަށް ހުރަސް އަޅައި އެމީހުންގެ އަޑު ކަނޑުވާލަން ދަނީ މަސައްކަތް ކުރަމުން. މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާއެކު ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރަން މިހާރު އަދި މާބޮޑަށް ވަނީ ޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

"ކޮވިޑް-19ގެ ސަބަބުން ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކާ ކުޑަކުރަން ޖެހޭ،"

ރާއްޖޭގެ ނޫސްވެރިކަމަށް ފާއިތުވި އަހަރުތަކުގައި އެކި ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަައިގަތް ފަހުން ނޫސްވެރިންނަށް ކުރިމަތިވާ އެކި ފުރައްސާރަތައް ފަދަ ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ފަށައިފައިވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އެގޮތުން 2016 ވަނަ އަހަރު އެކުލަވާލި އަބުރުގެ ގާނޫނަށް ބަދަލުގެނެސް ބްރޯޑްކާސްޓިން ކޮމިޝަން އަލުން އެކުލަވާލިކަން ޝާހިދު ފާހަގަކުރެއްވި އެވެ. އަދި މަރާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގުކުރަން ރައީސް ސޯލިހް ރިޔާސީ ކޮމިޝަނެއް އެކުލަވާލިކަން ފާހަގަކުރެއްވި އެވެ.

ތާރިހުގެ ތެރެއިން ޕްލެޓޯނިއަންގެ ޑައިލޮގްތަކާއި ވޮލްޓަޔާގެ ޅެންތަކުންވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިންސާނީ އަސާސީ ހައްގެއްކަަމަށް ބުނެފައިވާ ކަމަށާއި އަދި ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގައިވެސް އެކަން ކަށަވަރުކޮށްދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް