ވީއޭއާރު ގެންނަން ތާއީދު ކުރެވުނީތީ ކްލޮޕް މޮޔަ ހީވެފައި

ލިވަޕޫލްގެ ކޯޗު ޖާގަން ކްލޮޕް ރުޅި ގަދަވެފައި --- ފޮޓޯ/ އޭޕީ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ލިވަޕޫލް ކުޅުނު މެޗުގައި ދިމާވި ކަންތައްތަކުގެ ސަބަބުން ވީއޭއާރު ގެނައުމަށް ކުރިން ތާއީދު ކުރެވުނީތީ މޮޔަ ހީވާ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ލިވަޕޫލް ގަދަ 16 އަށް ކޮލިފައިވީ ނަމަވެސް ރޭ މައިޓީލަންޑް އަތުން ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ލިވަޕޫލުން ލީޑު ނަގާފައިވަނިކޮށް އިދިކޮޅު ޓީމުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މެޗުން ޕޮއިންޓެއް ލިބުނެއް ކަމަކު ކަންބޮޑުވުމެއް ނެތް ކަމަށް ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނި އިރު، މެޗުގައި ވީއޭއާރުގެ ސަބަބުން ދިމާވި އުނދަގޫތަކަށް ކްލޮޕް ވަނީ އޭނަގެ ޝަކުވާތަށް ބަންޑުން ކޮށްލައިފަ އެވެ. ފަހަކަށް އައިސް އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ވީއޭއާރުގެ ގޯސް ނިންމުންތަކެއްގެ ސަބަބުން ލިވަޕޫލަށް ޕޮއިންޓް ގެއްލިފައިވާ ދަނޑިވަޅުގައި ރޭ ދިމާވި ބައެއް ކަންކަމުގެ ސަބަބުން ކްލޮޕް ވަނީ ވީއޭއާރަށް ކުރިން ކުރި ތާއީދު އެއްކޮށް ގެއްލިފައިވާ ކަމަށް ބުނެފަ އެވެ.

ރޭގެ މެޗުގައި ދެ ޓީމުން ޖެހި ދެ ގޯލެއް ވީއޭއާރުގެ ލަފާގެ މަތިން ކެންސަލްކޮށްފައިވާ އިރު، އެ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއްކަން ފާހަގަކޮށް ކްލޮޕް ބުނީ، މައްސަލަ އަކީ ނިންމުން ނޫން ކަމަށާއި، އެކަމަށް ހޭދަވި ވަގުތަކީ ކުޅުންތެރިންނަށް ލިބުނު ވަރުބަލި ކަމެއް ކަމަށެވެ. ރޭގެ މެޗުގައި އެކި އެކި ވީއޭއާރުގެ ނިންމުންތަކަށް ދިން ވަގުތާ އެކު އަށް މިނަޓުގެ އިތުރު ވަގުތު ވަނީ ރެފްރީ ދައްކައިފަ އެވެ.

"މައްސަލަ އަކީ އެކަމަށް މާ ގިނަ އިރު ނަގާތީ. ކުރިން އެކަން އެހާ ބޮޑަކަށް ފާހަގައެއް ނުވޭ. އެކަމަކު މިހާރު ވަރަށް ސާފު ވެއްޖެ،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ، ވީއޭއާރަކީ ރެފްރީންގެ ނިންމުންތައް ފަސޭހަ ކުރުމަށް ގެނައި އީޖާދެއް ކަމަށާއި، އެކަމަކު ކުރި ސޯޓުބުރި ލައިގެން ތިބި ކުޅުންތެރިން އެހާ ފިނީގައި ހަތަރު - ފަސް މިނަޓު ބޭތިއްބުމަކީ ހަގީގަތުގައި ކުޅުންތެރިންނަށް ލިބޭނެ ވަރުބަލި ކަމެއް ކަމަށެވެ.

"އަހަރެން ކުރިން ވީއޭއާރަށް ތާއީދު ކުރީ އެކަމުގެ ސަބަބުން ލިބޭނެ ކަމަށް ލަފާކުރި ފައިދާތައް ގިނަވީމަ. އެކަމަކު މިހާރު އެކަމާ ހިތާމަކުރަން. ވީއޭއާރުގެ ސަބަބުން އެންމެ ފުރިހަމަ ފައިދާއެއްވުރެން ގެއްލުން ބޮޑު."

comment ކޮމެންޓް