ކޮރަޕްޝަން އިތުރުވީކީ ނޫން، މައްސަލަ ހުށަހެޅޭނެ މަގު ފަހިވީ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒީރޯ ޓޮލަރެންސް ކެމްޕޭން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް އިތުރުވެފައިވާ ކަމަށް ބުނަ ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަވާބުދެއްވައިފިއެވެ.

ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވިސްލްބްލޯ ޕޯޓަލް އާއި ވިސްލްބްލޯ ގާނޫނު ވުޖޫދަށް އައި ފަހުން، ކޮރަޕްޝަންގެ އަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ.

"އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މިސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ގަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތީމަ،" ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގާއިމުކުރި ޕޯޓަލްއަށް، ނޮވެމްބަރު މަހުގެ ނިޔަލަށް 1081 މައްސަލައެއް ހުށާހަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާތަކާ މެދު، އެމަނިކުފާނު އަޅުއްވަންޖެހިވަޑައިގަންނަވާ ފިޔަވަޅުތައް ވެސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

އެފަދަ މައްސަލަތަކުގެ ތެރެއިން ތަހުގީގީ ދާރާތަކުގެ ލަފައަށް ބިނާކޮށް، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ޕޯޓަލްއިން ފާހަގަވާ ކަންކަމާ މެދު، މުއައްސަސާތަކާ މަޝްވަރާކޮށް ޕޮލިސީ ލެވެލްގައާއި، ހިންގުމުގެ ލެވެލްގައި ގެންނަންޖެހޭ އިސްލާހުތައް ވެސް ގެންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ ތެރެއިން ތަހުގީގީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް، ތަހުގީގީ އިދާރާތަކަށް ހުށަހަޅަމުން ގެންދަވާ ކަމަށާއި އެފަދަ 209 މައްސަލައެއް، މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް އޭސީސީއަށް ފޮނުވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ ތެރެއިން 51 މައްސަލައެއް އޭސީސީއަށް ބަލައިގެންފައި ވާއިރު ޖިނާއީ ތުހުމަތު އެކުލެވޭ މައްސަލަތައް ފުލުހުންނާ ހިއްސާކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19އަށް ފަހު ގައުމު ބިނާކުރުމަށްޓަކައި ހާއްސަ އިސްކަމެއް ދީގެން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، 2020 އިން 2022 އަށް، ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ ނަމުގައި، ޕްލޭނެއް އެކުލަވާލައި މިހާރު އަންނަނީ އަމަލުކުރަމުންނެވެ.

ރައީސް ވިދާޅުވީ އެ ޕްލޭންގައިވެސް ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ.

އޭގެ ތެރޭގައި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމާއި، މާލީ ބަޔާންތައް އާންމުކޮށް ފެންނާނޭހެން ހާމަކުރުން ހިމެނެއެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކަށް އައްޔަންކުރެވޭ ބޭފުޅުން ހިމެނޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން، ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ހިނާޔަތްތެރިވުމަކީ ކުށެއްކަން ކަނޑައެޅުމަށް ހުށަހަޅުއްވާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

މާލިއްޔަތު ގަވާއިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރުމަށް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށާއި ގަވާއިދަށް، އަދި ޕްރޮކިއުމަންޓް ގައިޑްލައިންތަކަށް ބަދަލުގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ، އިގްތިސޯދު އަލުން ކޮޅަށް ޖަހަން ކުރާ މަސައްކަތުގެ ތެރޭގައި، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދޮރުތައް ބަންދުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތަކާއި އުސޫލުތައް ހަދައި، ޕްރޮކިއުމަންޓްގެ ކަންތައް ބެލެހެއްޓުމަށް، މިއަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު އުފެއްދި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑްގެ މަސައްކަތްތައް ފަށާފައި ވާއިރު ބިޑްކުރުމަކާ ނުލައި މަސައްކަތް ހަވާލުކުރެވޭ ގޮތަށް، މާލިއްޔަތު ގަވާއިދުގައި އޮތް މާއްދާ އިސްލާހުކޮށް އަންނަނީ އަމަލުކުރަމުންނެވެ.

ދައުލަތުގެ އޮފީސްތަކުން ކުރުވާ މަސައްކަތްތަކުގެ އެގްރީމަންޓް ހެދުމުގެ ކުރިން، ބީލަމާ ގުޅިގެން މައްސަލަ ހުށަހަޅަން ވަކި މުއްދަތެއް ދިނުމަށް ލާޒިމްކޮށް، އެފަދަ މައްސަލަތައް ބެލުމަށްފަހުގައި ނޫނީ ކޮންޓްރެކްޓްތަކުގައި ސޮއި ނުކުރެވޭނެ ގޮތަށް ގަވާއިދު އިސްލާހުކޮށް، އެފަދަ މައްސަލަތައް ބެލުމަށް މިނިވަން ކޮމިޓީއެއް ވަނީ އުފައްދާފައެވެ.

"މީގެ އިތުރުން، ނޭޝަނަލް ޓެންޑާ ބޯޑުން އެވޯޑް ކުރާ ހުރިހާ މަސައްކަތްތަކެއް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި އެބަ ޢާންމުކުރެވޭ. އަދި އެބޯޑުން އެވޯޑް ކުރާ ހުރިހާ މަސައްކަތްތަކެއްގެ އިވެލުއޭޝަން ރިޕޯޓްގެ ހުލާސާއެއްވެސް، ދަނީ އާންމުކުރަމުން. މީގެ ބޭނުމަކީ ބީލަމެއް އެވޯޑް ކުރެވުނު ގޮތާއި، އެވޯޑް ކުރެވުނު ފަރާތާއި، އަދި ބިޑަށް ކުރިމަތިލި ފަރާތްތަކަކީ ކޮބައިކަމާއި، ބީލަމުގެ ކަންތައް ކުރިއަށް ގެންދިޔަ ގޮތް، ރައްޔިތުންނަށް ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި އެންގުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ނިމިގެން ދިޔަ ކޮންފަރެންސްގައި ކުރި މަޝްވަރާތަކުން، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުވުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ދައުލަތް ހިންގުމާއި ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން، ކޮރަޕްޝަން ނައްތާލުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ ފަހި މާހައުލެއް ގާއިމުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި، ދިވެހި މުޖްތަމައުން ކޮރަޕްޝަންގެ ނުބައި ވިހަ ނައްތާލުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ.

ނަމަވެސް އެ ގޮންޖެހުންތަކާ ކުރިމަތިލައި، އޭސީސީން ކުރަމުން އަންނަ މަސައްކަތަށް ރައީސް ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

comment ކޮމެންޓް