ކޮރަޕްޝަންގެ 1081 މައްސަލަ ހުށަހެޅި އިރު ސަލާމަތްވާ ދައުލަތުގެ އެންމެ އިދާރާއެއް ވެސް ނެތް!

ރައީސް ސޯލިހު --- ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގާއިމުކުރި ޕޯޓަލްއަށް، ނޮވެމްބަރު މަހުގެ ނިޔަލަށް 1081 މައްސަލައެއް ހުށާހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް އެންމެ ދުވަސްވީ އެންމެ ބޮޑު އެއް ބައްޔަކީ ކޮރަޕްޝަން ކަމަށެވެ.

އަދި ރާއްޖޭގައިވެސް ކޮރަޕްޝަނަކީ، ވަރަށް ދުވަސްވީ ބޮޑު މައްސަލައެއް ކަމަށާއި އެއީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް، އަދި ހައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ބޮޑު ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް ގާއިމްކުރި ޕޯޓަލްއަށް ހުށަހަޅާފައި ހުރި މައްސަލަތަކަށް ބަލައިލުމުންވެސް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި، ކޮރަޕްޝަންގެ ބަލި ފެތުރިފައި އޮތް މިންވަރު ވަޒަންކުރެވޭ ކަމަށެވެ.

"މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް އެ ޕޯޓަލްއަށް ހުށަހެޅުނު 1081 މައްސަލައިގެ ތެރޭގައި، ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭގެ ތެރޭގައި މިނިސްޓްރީތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ކައުންސިލްތަކަށް ރައްދުވާ މައްސަލަތަކާއި މިނިވަން މުއައްސަސާތަކަށާއި، ގާނޫނީ އަދި ޝަރުއީ އިދާރާތަކަށާއި، މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި، އެމްއެންޑީއެފަށާއި، ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހުށަހެޅިފައި ހުރި މައްސަލަތައް އެބަހުރި ކަމަށެވެ.

އަދި އޭގެ ތެރެއިން ތަހުގީގީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް، ތަހުގީގީ އިދާރާތަކަށް ހުށަހަޅަމުން ގެންދަވާ ކަމަށާއި އެފަދަ 209 މައްސަލައެއް، މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް އޭސީސީއަށް ފޮނުވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ ތެރެއިން 51 މައްސަލައެއް އޭސީސީއަށް ބަލައިގެންފައި ވާއިރު ޖިނާއީ ތުހުމަތު އެކުލެވޭ މައްސަލަތައް ފުލުހުންނާ ހިއްސާކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވެގެންދާ ގޮތަށް ހުރި، ވަރަށް ގިނަ ކަންތައްތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެއް ކަމަކީ، ޕްރޮކިއުމަންޓްގެ ކަންތައް މިހާތަނަށް އޮތް ގޮތް. ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ގެންގުޅޭ ހަމަތަކާއި އުސޫލުތައް. ދެވަނަ ކަމަކީ، ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބީލަމުގެ ކަންތައް ރޭވިފައި ހުރި ގޮތް. އަނެއް ކަމަކީ، ދައުލަތުގެ އިދާރާތަކުން ހިދުމަތް ދިނުމުގައި ޢަމަލުކުރެވޭ ގޮތްތައް. އަދި އޭގެ އިތުރުން، ވަޒީފާ ދިނުމުގައި އަމަލުކުރަމުން އައި ގޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ އިދާރާއަކުން ކަމެއްކުރަން، ނުވަތަ ހިދުމަތެއް ހޯދަން ނުވަތަ ވަޒީފާއެއް ހޯދަން، ނުވަތަ ބީލަމެއް ހުށަހަޅަން ބޭނުންވިޔަސް، އެކަމެއް ހާސިލްކުރެވޭނީ، އެ އިދާރާގެ ކޮންމެވެސް މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށް ކޮންމެ މީހަކަށް ވެސް ހީވެފައި އޮންނަ ކަމަށެވެ.

މި ސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުން ކަމަށާއި އަދި ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ގާނޫނުން ރައްކާތެރިކަން ހޯދައިދިނުން ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އަމަލުކުރަން ފެށި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އެންމެ ބޮޑު ބޭނުމަކީވެސް، ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރުން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިގެ އަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށް ފެންނަ، ނަޒާހަތްތެރި ސަގާފަތެއް ދައުލަތުގެ އިދާރާތަކާއި، އާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް، އެ ގާނޫނުގެ ވަރަށް މުހިންމު މަގުސަދެއް ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް