އީއައިބީގެ އެހީގައި ދޫކުރާ ލޯނަށް ކުރިމަތިލާން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުގެ އެހީގައި ކޮވިޑްް ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކޮށްފައިވާ އީއައިބީ ކޮވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތުގެ ދަށުން 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގަ އެވެ. ލޯނު އަނބުރާދެއްކުމަށް ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްވެސް ލިބިގެންދާނެއެވެ.

ލޯނަށް އެދި ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ. ލޯނަށް އެދި ހުށަހަޅާ ފޯމާއި އިތުރު ލިޔުންތައް އީމެއިލް ކުރާނެ އީމެއިލް އެޑްރެހަކީ [email protected] އެވެ.

މި ފުރުސަތުގެ ދަށުން ލޯނު ދޫކުރާނީ 2019 ވަނަ އަހަރުގެ ތެރޭގައި ހިންގުމުގެ ފައިދާ ލިބިފައިވާ އަދި ލޯނަށް އެދޭއިރު އެއްވެސް އޯވާ ޑިއު ވެފައިވާ ފެސިލިޓީ އެއް ނެތް ކުންފުނިތަަކަށެވެ.

މި ލޯނާ ގުޅޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/eib-covid-relief-loan-scheme އިން ލިބޭނެއެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީއިން ވަނީ ފިނޭންސް މިނިސްޓްރީއާއި ބީއެމްއެލްއާއެކު އެގްރިމެންޓުގައި ސޮއިކުރީ މިދިޔަ ޖޫން މަހު އެވެ. މިއީ 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެކެވެ. މިއީ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ކޮޅަށް ޖެހުމަށް ހަމަޖެހިގެންދިޔަ ފަންޑިން އެކެވެ.

comment ކޮމެންޓް