ކޮވިޑާ ގުޅޭ ސަރުކާރުގެ 34 ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅާފައިވޭ

މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުމެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރާ ގުޅިގެން ދައުލަތުގެ އެކި އިދާރާތްތަކުން ހިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމުގެ 34 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ދެއްވި ހިތޯބުގައި ވިދާޅުވެފައިވަނީ މި ދުވަސްވަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޮޑު ހޭދައެއް ކުރަމުން ގެންދާ ދުވަސްވަރެއް ކަމަށެވެ.

އެހެންނަމަވެސް ބަލިމަޑުކަމުގެ ތެރެއިން ލިބިގެންދިޔަ އެންމެ ބޮޑު ފިލާވަޅަކީ ކިތަންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަމެއްގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއް ނެތި ރައްޔިތުންގެ ފައިސާ އާއި މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ފަސް ނުޖެހޭކަން ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ނާޒުކު ދަނޑިވަޅެއްގެ ނާޖާއިޒު ފައިދާ ނަގައި، ނުހައްގުން މުއްސަނދިކަމެއް ހޯދޭނެ ކަމަށް ދެކޭނަމަ، އެ ބަޔަކު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ.

"އޭސީސީގެ އަމާޒަކީ ރައްޔިތުންގެ ފައިސާއިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާ މެދު މަގާމަށް ނުވަތަ ނިސްބަތްވާ ޕާޓީއަށް ބެލުމެއް ނެތި ޖަވާބުދާރީ ކުރުވައި ގާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުން،" ޝިއުނާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ބަލިމަޑުކަމުގެ ދުވަސްވަރުގައިވެސް ފެނިގެން ދަނީ ކޮރަޕްޝަންގެ ސަބަބުން އެ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅިގެންދާ މިންވަރު ކަމަށެވެ. ކޮވިޑްގެ ހާލަތުގައި ކޮރަޕްޝަންގެ ސަބަބުން ގެއްލެމުންދާ ފައިސާއަކީ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އެކަށީގެންވާ ސިއްހީ ހިދުމަތެއް ނުލިބި އެތައް ރައްޔިތުންގެ ފުރާނަ ދޫކޮށްލުމަށް މަޖުބޫރުވާ ހާލަތް މެދުވެރިވާ މައިގަނޑު އެއް ސަބަބު ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އެހެންކަމުން ކޮރަޕްޝަން އާ ދެކޮޅަށް އަޑުއުފުލައި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ނިޒާމީ ބަދަލުތަކެއްވެސް ގެންނަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ ކޮރަޕްޝަނަކީ ވަކި ދާއިރާއެއް ނުވަތަ ވަކި ފަންތިއެއް އިސްތިސްނާވުމެއް ނެތި ތަހައްމަލުކުރަން ޖެހިފައިވާ ނުރައްކާތެރި ވަބާއެއް ކަމަށެވެ. ކޮރަޕްޝަންގެ ސަބަބުން ގައުމު ތަރައްގީކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ދައުލަތުން އެތައް ފައިސާއެއް ގެއްލިގެންދާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް