ކުވެއިތުގެ ބޮޑުވަޒީރުގެ މަގާމަށް ޝެއިޚް ސަބާހު ދެވަނަ ފަހަރަށް އައްޔަނުކޮށްފި

ކުވެއިތުގެ ބޮޑުވަޒީރު ޝެއިޚް އައް ސަބާހް އަލް ޚާލިދް އައް ސަބާހް ... ފޮޓޯ/ ޒިމްބިއޯ

އިގްތިސާދީ އަނދަވަޅަކަށް އެ ގައުމު ވެއްޓިފައިވާ މި ދަނޑިވަޅުގައި، ކުވައިތުގެ އަމީރު ޝެއިޚް ނަވާފް އަލް އަހުމަދް އައް ސަބާހް ދެވަނަ ފަހަރަށް އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ޝެއިޚް ސަބާހް އަލް ޚާލިދް އައް ސަބާހް އައްޔަނުކުރައްވައިފި އެވެ.

އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އަންގާރަ ދުވަހު ރިޕޯޓުކުރި ގޮތުގައި ޝެއިޚް ނަވާފް ވަނީ އާ ކެބިނެޓެއް އައްޔަނުކުރުމުގެ މަސައްކަތް ޝެއިޚް ސަބާހްއާ ހަވާލުކުރައްވައިފަ އެވެ.

ކުވެއިތުގެ ދައުލަތުގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނުމުގެ ބާރު އޮންނަނީ އެ ގައުމުގެ އަމީރަށެވެ. ދައުލަތް ހިންގުމުގައި އާންމު ގޮތެއްގައި އެ ގައުމުގެ ބޮޑު ވަޒީރުގެ ދައުރަކީ އެ ގައުމުގެ ޕާލަމެންޓާއި ސަރުކާރާ ދެމެދު އުފެދޭ ހިލާފުތައް ހައްލުކޮށް އެ ދެ މުއައްސަސާގެ ގުޅުން ދެމެހެއްޓުމެވެ. ހޮނިހިރު ދުވަހު ބޭއްވި ޕާލިމެންޓް ވޯޓުގައި އެ ގައުމުގެ އިދިކޮޅު ފަރާތްތަކަށް ވަނީ އިތުރު ކުރިއެރުންތަކެއް ލިބިފަ އެވެ.

ބޮޑު ވަޒީރުގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން 2011 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ހާރިޖީ ވަޒީރުގެ މަގާމް އަދާކުރައްވާފައިވާ ޝެއިޚް ސަބާހްގެ އެންމެ ފުރަތަމަ މަސައްކަތަކަށް ވާނެކަމަށް ބެލެވެނީ ދަރަނީގެ ގާނޫނާ ބެހޭ ގޮތުން އެ ގައުމުގެ ޕާލިމެންޓުގައި އުފެދިފައިވާ ހިލާފްތައް ހައްލުކުރުމެވެ.

ކުވެއިތުގެ ޕާލިމެންޓަކީ މެދުއިރުމަތީ ސަރަހައްދުގައި އެންމެ ގިނައިން ކަންކަމާމެދު ބަސްކިޔާ، އެންމެ ދުވަސްވީ ޕާލިމެންޓެވެ. ކުވެއިތުގެ ޕާލިމެންޓާއި އެ ގައުމުގެ ކެބިނެޓާ ދެމެދު އުފެދޭ ހިލާފުތައް މީގެ ކުރިން އެތައް ފަހަރަކު ވެފައި ވަނީ އެ ގައުމުގެ ސަރުކާރުގެ މަގާމުތައް ބަދަލުވެ، ޕާލިމެންޓް އުވާލަން ޖެހޭ ސަބަބަށެވެ. އަދި އޭގެ އިތުރުން އެކަން ވެފައި ވަނީ އެ ގައުމުގެ ތަރައްގީ އާއި އިގްތިސާދީ ކުރިއެރުމަށް އޮތް ހުރަހަކަށެވެ.

ނަމަވެސް އަލަށް މި އިންތިހާބުވި ސަރުކާރުގެ ދަށުން އޯޕެކްގެ ގައުމެއް ކަމަށްވާ ކުވެއިތުގެ ސުޕްރީމް ޕެޓްރޯލިއަމް ކައުންސިލުން ކަނޑައަޅާފައިވާ ތެލާ ބެހޭ ސިޔާސަތުތަކަށާއި، އެ ގައުމުގެ އަމީރު ކަނޑައަޅުއްވާފައިވާ ހާރިޖީ ސިޔާސަތުތަކަށް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް