އެޕަލް އިން 500 ޑޮލަރުގެ ހެޑްފޯނެއް

އެޕަލް އިން އަލަށް ތައާރަފުކުރި އެއާޕޮޑްސް މެކްސްގެ ޕްރޮމޯއެއް --- ފޮޓޯ : އެޕަލް ސަޕޯޓް

އެޕަލް ކުންފުނީން 549 ޑޮލަރަށް ވިއްކާ "އޯވާ އިޔާ" ހެޑްފޯނެއް ލޯންޗުކޮށްފިއެވެ.

އެޕަލް ކުންފުނީގެ އެއާޕޮޑްސް ސީރީޒްގެ ޕްރޮޑަކްޓުތަކަށް އަލަށް އިތުރުކޮށްލި ހެޑްފޯނަކީ އެކުންފުނީން ތައާރަފުކުރާ ލަގްޒަރީ ޕްރޮޑަކްޓެކެވެ. އެއާޕޮޑްސް މެކްސް ކިޔާ އެ ހެޑްފޯނުގެ އެންމެ ފުރަތަމަވެސް ފާހަގަކުރެވޭ އެއް ކަމަކީ އޭގެ އަގެވެ. ޖުމްލަ 546 ޑޮލަރަށް މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ އެއާޕޮޑްސް މެކްސްއަކީ އަގުހެޔޮ ޕްރޮޑަކްޓެއް ނޫނެވެ.

އެހެންނަމަވެސް އެއާޕޮޑްސް މެކްސްގައި ތަފާތު ގިނަ ފީޗާތަކެއްވެސް ހިމެނެއެވެ. ޒަމާނީ ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ އެއާޕޮޑްސްގެ އެންމެ ފާހަގަކޮށްލެވޭ ފީޗާއަކީ ސްޕޭޝިއަލް އޯޑިއޯ އާއި އެކްޓިވް ނޮއިސް ކެންސަލިންގެ ފީޗާއެވެ. އެ ދެ ފީޗާއަކީވެސް މިއުޒިކް އަޑުއެހުމާއި މޮޅު ކޮލިޓީގެ އޯޑިއޯ އެކްސްޕީރިއެންސްއެއް ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިއްމުވާނެ ފީޗާއެވެ.

އޭގެއިތުރުން އެޕަލް އިން ބުނާގޮތުގައި އެ ހެޑްފޯންގައި "ޓްރާންސްޕޭރެންސީ މޯޑް" ކިޔާ ފީޗާއެއް އިންނާނެއެވެ. އެ ފީޗާއާއެކު ހެޑްފޯން އަޅައިގެން އިންނައިރުވެސް ވަށައިގެންވާ މާހައުލުން ހިނގާ ހުރިހާ ކަންތަކާއި އަޑުތަކެއް ސާފުކޮށް އެނގޭނެ ކަމަށް އެޕަލް އިން ބުނެއެވެ.

އެޕަލް އިން އާ ޕްރޮޑަކްޓު ލޯންޗުކުރުމާއެކު އެތައް ބައެއްގެ މެދުގައި އެކަމާ ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ދިޔައެވެ. އަދި ސޯޝަލް މީޑިއާގައި އެއާޕޮޑްސް މެކްސް ވަނީ ޓްރެންޑްވެ އެތައް ބައެއް އެއަށް މީމް ހަދާފައެވެ. އެ ހުރިހާ މީމްތަކަކީވެސް އެއާޕޮޑްގެ އަގާ ގުޅޭގޮތުން ފާޑުކިޔާ މީމްތަކެވެ.

އެޕަލް އިން ބުނާގޮތުގައި މި މަހުގެ 15 އިން ފެށިގެން އެޕަލް އެއާޕޮޑްސް މެކްސް އާންމުންނަށް ގަންނަން ލިބޭނެއެވެ.

comment ކޮމެންޓް