މައުމޫންގެ ރައްދު ނަޝީދަށް: "ދެ ފަރާތަކުން މަޝްވަރާކޮށްގެން ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވޭނެ"

ޑިސެމްބަރ 7، 2019: މުލީއާގެއަށް 100 އަހަރު ފުރުން ފާހަގަކުރެއްވުމަށް މުލިއާގޭގައި ބޭއްވެވި ޚާއްޞަ ހަފްލާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ދެ ފަރާތަކުން މަޝްވަރާކޮށްގެން ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވެފައި މިވަނީ، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އެމަނިކުފާނު އެހެން ވިދާޅުވީ، ރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް ނިޒާމެއް ކަމަށެވެ. އެހެންވެ، ދެ މީހަކު މަޝްވަރާކޮށްގެން އެ ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވީމާ ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭ ވޯޓެއް 2007 ވަނަ އަހަރު ނެގި އެވެ. އެ ވޯޓުގައި ދިވެހި ރައްޔިތުން ނިންމާފައި ވަނީ ރިޔާސީ ނިޒާމަކުން ވެރިކަން ހިންގުމަށެވެ.

ނަމަވެސް 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައިގައި ކަމަށާއި، ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް މަޖިލިސް ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެމަނިކުފާނު ރޭގައި ވިދާޅުވީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ރުހުމާއެކު، އެއް ކަމެއް ދެފަހަރު ނުކޮށް ހަރަދުތައް ވެސް ކުޑަކޮށް، ސާދާގޮތެއްގައި ވެރިކަން ކުރެވެން އޮތް ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

comment ކޮމެންޓް