އެކުވެނި ޓްރެކްގެ މަސައްކަތް އައު އަހަރުގެ ކުރިން ނިންމާލަނީ

އެކުވެނި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް އިންޑިއާގެ ފޮރިން ސެކްރެޓަރީ ފައްޓަވައިދެއްވަނީ -- ސަން ފޮޓޯ//ފަޔާޒް މޫސާ

މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން އެއްކޮށް ނިންމާލާނޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ދުވުމާއި، ކަސްރަތުގެ ޓްރެންޑެއް އައިސްފައިވާ އިރު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެންވަރު ރަނގަޅު ދުވާ ޓްރެކެއް ނެތުމެވެ. ގިނަ ބަޔަކު ބޭނުން ކުރަމުން އައި މާފަންނު އެކުވެނި ޓްރެކަކީ 1996 ވަނަ އަހަރު މާލޭގައި ބިނާ ކުރި ޓްރެކަކަށްވާއިރު އެތަން މަރާމާތަށް ބަންދު ކުރުމުގެ ކުރިން އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ދެވަނަ ލޭޔާއެއް އެޅުން ކަމަށެވެ. އަދި އެ ލޭޔާގެ 90 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، ބާކީ އޮތް ދެ ލޭޔާގެ މަސައްކަތް އައު އަަހަރުގެ ކުރިން ނިންމާލަން އަމާޒުހިފާފައިވާ ކަމަށެވެ.

އެ ޓްރެކް އަލުން މަރާމާތުކޮށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ސިންތެޓިކް ޓްރެކަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާ (ޕޮލްކޯ) އާ އެވެ. އެގޮތުން އެ ކުންފުނިން މިހާރު ވަނީ ޓްރެކުގެ ކޮންކްރީޓް މަސައްކަތް ނިންމާ، ސިންތެޓިކް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިން މަސައްކަތް ކުރީ ނޮވެމްބަރު މަހުގެ ނިޔަލަށް މި ޓްރެކުގެ މަސައްކަތް ނިންމާލުމަށެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން ޓްރެކުގެ މަސައްކަތް ވަނީ ކުރިން ލަފާކުރި ތާރީހަށް ނިމޭގޮތް ނުވެފަ އެވެ.

އެކުވެނި ދަނޑުގައި ޓާފް އެޅިފަހުން މިއަހަރަށް 24 އަހަރު ވެފައިވާ އިރު އެތަނަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، ދުވަސްވީ އުމުރުގެ މީހުންވެސް ކަސްރަތުކުރުމާއި، ދުވުމަށް ބޭނުން ކުރާ ތަނެކެވެ.

comment ކޮމެންޓް