ޑިސެމްބަރު 14ގައި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދެނީ

ހުޅުމާލޭގެ ގެސްޓްހައުސެއް -- ސަން ފައިލް ފޮޓޯ

މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން، މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތައް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަކުރެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ޑިސެމްބަރު 14 އިން ފެށިގެން މާލެ ސަރަހައްދުގެ ހޮޓެލްތަކާއި ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭއިރު، އެތަންތަނަށް އަންނަ ފަތުރުވެރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު، މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

އޭގެ ފަހުން 110 ގެސްޓްހައުސް އަކަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އެއީ ޖުމްލަ 2،202 އެނދެވެ.

ކޮންމެ ގެސްޓްހައުސްއަކުންވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރަންޖެހޭ އިރު އައިސޮލޭޝަންއަށް ހާއްސަ ކޮޓަރިތަކެއް ހުންނަން ޖެހޭނެ ކަމަށް މިހާރު އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންގައިދޭ ނިޝާންތަކާއި ޕޯސްޓަރުތައް ގެސްޓްހައުސްގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭ އިރު ޕީޕީއީވެސް އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހެ އެވެ. ހުރިހާ ސްޓާފުންނަށް ކޮވިޑް19ގެ މައުލޫމާތު ދީ މި ހާލަތުގައި މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު ދޭން ޖެހެ އެވެ.

މީގެ އިތުރުން ސްޓާފުންނަށް ހާއްސަ މަސައްކަތު ޔުނިފޯމު ބަދަލުކޮށް ގެއަށް ދިޔުމުގެ ކުރިން ފެންވެރުމުގެ އިންތިޒާމު ގެސްޓްހައުސްގައި ހަމަޖައްސަން ޖެހޭނެ އެވެ.

ރާއްޖޭގެ 86 ރަށުގައި 10،000 އަށްވުރެ ގިނަ ގެސްޓްހައުސް އެނދު ހުރި އިރު 6000 އަށްވުރެ ގިނަ ރައްޔިތުންގެ އާމްދަނީ އާއި ވަޒީފާ ގުޅިފައި ވަނީ ގެސްޓްހައުސް ސިނާއަތަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 ޕަސެންޓަކީ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކަ އަކާ ވަނީ ކައިރިކޮށްފައެވެ.

comment ކޮމެންޓް