އިންޑޮނޭޝިއާއަށް ޗައިނާގެ ކޮވިޑް ވެކްސިންގެ 1.2 މިލިއަން ޑޯޒް ލިބިއްޖެ

އިންޑޮނޭޝީއާއިން ވަނީ އެގައުމަށް ސައިނޯވެކް ވެކްސިންގެ 1.2 މިލިއަން ޑޯޒް ލިބިފައިވާ ކަމަށް ބުނެފަ -- ފޮޓޯ: އޭޕީ

ޖަކާޓާ (ޑިސެމްބަރު 7): ޗައިނާގެ ސައިނޯވެކް ބަޔޯޓެކް ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިންގެ 1.2 މިލިއަން ޑޯޒް އިންޑޮނޭޝިއާއަށް ލިބިފައިވާ ކަމަށް އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވެއްޖެ އެވެ.

ވިޑޯޑޯ ވިދާޅުވި ގޮތުގައި އިންޑޮނޭޝިއާއަށް ލިބިފައިވާ ވެކްސިންއަކީ މިދިޔަ އޮގަސްޓު މަހުން ފެށިގެން އެގައުމުގައި ޓެސްޓު ކުރަމުން އަންނަ ވެކްސިންއެކެވެ. އަދި އެގައުމުން އެ ވެކްސިން މީހުންނަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ އިރު އެގައުމުގެ ފުޑް އެންޑް ޑްރަގް އޭޖެންސީ (ބީޕީއޯއެމް)އިން ވެކްސިން ބޭނުން ކުރަން ހުއްދަ ދިނުމާ ބެހޭ ގޮތުން ގޮތެއް ނިންމާނެ އެވެ.

"[ވެކްސިން ދިނުމަށް] އެކި ޕްރޮވިންސުތަކުގައި އަޅުގަނޑުމެން ތައްޔާރުވަމުން ގެންދާތާ މަސްތަކެއް ވެއްޖެ އަދި ވެކްސިން ދޭން ހުއްދަ ލިބޭ އިރަށް ހުރިހާ ކަމެއް ހުންނާނީ ތައްޔާރަށް،" ވިޑޯޑޯ ވިދާޅުވި އެވެ.

މީގެ އިތުރުން އަންނަ މަހު އެ ވެކްސިންގެ އިތުރު 1.8 މިލިއަން ޑޯޒް ލިބޭނެ ކަމަށާއި އެ ވެކްސިންގެ 45 މިލިއަން ޑޯޒް އުފައްދަން ބޭނުންވާ ރޯ މެޓީރިއަލްވެސް މި މަހާއި އަންނަ މަހު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސައިނޯވެކް ވެކްސިންގެ ފަހު މަރުހަލާގެ ޓެސްޓުތައް ބްރެޒިލް އާއި ތުރުކީގައި ވެސް ދަނީ ކުރިއަށްގެންދަމުންނެވެ. އަދި އެ ވެކްސިންގެ ކާމިޔާބީ ދައްކުވައިދޭ ވަގުތީ ނަތީޖާ މި މަހުގެ މެދު ތެރޭގައި ލިބޭނެ ކަމަށް ބްރެޒިލްއިން ބުންޏެވެ.

އެ ދެ ގައުމުންވެސް ވަނީ ސައިނޯވެކް ވެކްސިން ހޯދުމަށް އެއްބަސްވުންތައް ހަދާފަ އެވެ. އަދި ޗައިނާއިން އެގައުމުގެ ބައެއް މީހުންނަށް ދޭން ވަގުތީ ހުއްދައެއް ދިން ތިން ވެކްސިންގެ ތެރޭގައި ސައިނޯވެކްގެ ވެކްސިން ހިމެނެ އެވެ.

އިންޑޮނޭޝިއާއަކީ މިހާރު އިރުދެކުނު އޭޝިއާގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގޮތުން އެގައުމުގައި 582،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހި، ބަލީގައި 17,867 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް