އިސްރާއީލަކީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެންއުޅޭ ހުޅަނގުގެ އިސްތިއުމާރީ ބާރެއްކަމަށް ސިފަކުރުމުން އިސްރާއީލު ރަތަށް!

މަނާމާ ޑައިލޮގް ގައި ޕްރިންސް ތުރުކީ އަލްފައިސަލް ވާހަކަ ދައްކަވަނީ

މަނާމާ (ޑިސެމްބަރު 7) : އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކަށް އިސްތިއުމާރީ ގޮތުން ވެރިވެގަނެގެން އުޅޭ ހުޅަނގުގެ އިސްތިއުމާރީ ބާރެއް ކަމަށް ވިދާޅުވެ ސައޫދީ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޕްރިންސް ތުރުކީ އަލްފައިސަލް ދެއްކެވި ވާހަކަތަކަށް އިސްރާއީލުން ރުޅިވެރިކަމާއެކު ރައްދު ދީފިއެވެ.

ޕްރިންސް ތުރުކީ ގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިސްރާއީލުގެ ޚާރިޖީ ވަޒީރު ރިޓަޔަޑް ޖެނެރަލް ގެބީ އެޝްކިނާޒީ ވިދާޅުވީ ތުރުކީގެ ވާހަކަފުޅަކީ ބައެއް އަރަބި ގައުމުތަކުން އިސްރާއީލާ ގާތްވެ ގުޅުންތައް އުފެއްދުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ރޫޙާ މުޅިން ޚިލާފު ވާހަކަތަކެއް ކަމުގައެވެ. ޚުދު ސައޫދީ އަރަބިއާއަކީވެސް ބައެއް އަރަބި ގައުމުތަކުން އިސްރާއީލާ ގުޅުންތައް އުފެއްދުމަށް ކުރާ މަސައްކަތަށް ހިއްވަރުދޭ ގައުމަކަށްވެފައި ސައޫދީގެ ވައިގެ ސަރަހައްދުވެސް އިސްރާއީލަށް ހުޅުވާލާފައިވާއިރު ޕްރިންސް ތުރުކީ ގެ ވާހަކަތަކަކީ "ސުލްހައިގެ" މިރޫހާ މުޅިން ފުށުއަރާ ވާހަކަތަކެއްކަމަށާ އެކަމާމެދު ހިތާމަ ކުރައްވާކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މަނާމާ ޑައިލޮގްގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ރިޓަޔަޑް ޖެނެރަލް ގެބީ އެޝްކިނާޒީ ވާހަކަ ދައްކަވަނީ

ޕްރިންސް ތުރުކީ އަކީ ސައޫދީ ކުރީގެ ރަސްކަލެއް ކަމަށްވާ ކިންގް ފައިސަލްގެ ދަރިކަލެކެވެ. ޕްރިންސް ތުރުކީއަކީ މިހާރު ސައޫދީ މަސްއޫލުވެރިއެއް ނޫންނަމަވެސް މިހާރު ގައުމުން ބޭރުގައި އުޅުއްވާ ޕްރިންސް ތުރުކީއަކީ އޭނާގެ ބޮޑުބޭބެ އަދި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ގެ ވަރަށް އަރިސް ބޭފުޅެކެވެ.

ޕްރިންސް ތުރުކީއަކީ 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ސައޫދީ ޖާސޫސީ އިދާރާގެ އެންމެ އިސްވެރިޔާގެ މަގާމު އަދާކުރައްވާފައިވާ ތަޖްރިބާކާރު ބޭފުޅެކެވެ. މީގެއިތުރުން ޕްރިންސް ތުރުކީވަނީ އެމެރިކާއާއި، އިނގިރޭސިވިލާތުގައި ހުންނަވާ ސައޫދީ ސަފީރު ކަމުގެ މަގާމުވެސް ކުރިން އަދާކުރައްވާފައެވެ. ސައޫދީ އަރަބިޔާގައި ޕްރިންސް ތުރުކީ ސިފަކުރެވެނީ ސްޓްރެޓީޖިކް ތިންކްޓޭކެއްގެ ގޮތުގައެވެ.

އަރަބިންނާއި މުސްލިމުންގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ ޒަޔަނިސްޓް އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކަށް އިސްތިއުމާރީ ގޮތުން ވެރިވެގަނެގެން އުޅޭ ހުޅަނގުގެ އިސްތިއުމާރީ ބާރެއް ކަމަށް ސިފަކުރައްވައި ޕްރިންސް ތުރުކީ ވާހަކަ ދައްކަވާފައިވަނީ ބަހްރައިންގެ ވެރިރަށް މަނާމާގައި ކުރިޔަށްދިޔަ އަމަނާބެހޭ މަހާސިންތާއެއްގައި ޕެނަލިސްޓެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިއީ ލަންޑަނުގައި މަރުކަޒު ހުންނަ "އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޓްރެޓީޖިން ސްޓަޑީޒް (އައިއައިއެސްއެސް) އިން އިންތިޒާމުކޮށްގެން ބޭއްވި މަހާސިންތާއެކެވެ. މި މަހާސިންތާ ބާއްވާފައިވަނީ "ނިއު ސެކިއުރިޓީ ޕާޓްނަޝިޕްސް އިން ދަ މިޑްލް އީސްޓް އައިއެސްއެސް މަނާމާ ޑައިލޮގް" ގެ ނަމުގައެވެ. ވާޗުއަލްކޮށް ކުރިޔަށް ގެންދިޔަ މި މަހާސިންތާގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ގެބީ އެޝްކިނާޒީވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަނާމާ ޑައިލޮގް ވާޗުއަލްކޮށް ކުރިޔަށްދަނީ

ސައޫދީ އަރަބިއާ ވަރަށް ގާތްގުޅުންތަކެއް އޮންނަ ގަލްފުގެ އަރަބި ދެގައުމު ކަމަށްވާ ޔޫއޭއީ އާއި ބަހްރައިން އިން ދާދިފަހުން އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިވަނީ އިސްރާއީލު އެކަހެރިކުރުމާމެދު ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އަރަބި ގައުމުތަކުން ކަނޑައަޅާފައިވާ ސްޓްރެޓެޖީއާ މުޅިން ޚިލާފަށެވެ.

އިސްރާއީލާމެދު އަރަބި ގައުމުތަކުން ކަނޑައަޅާފައިވާ ސްޓްރެޓެޖީ ބިނާކޮށްފައިވަނީ 1967 ގެ ހަނގުރާމައިގާ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކާއި އަރަބި އެހެން ބިންތަކުން އިސްރާއީލު ފާބައި ގުދްސަކީ ފަލަސްތީނުގެ ވެރިރަށްކަމުގައިވާ ގޮތަށް ފަލަސްތީނުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުމުގެ ފުރުސަތު ދިނުމުން ނޫނީ އިސްރާއީލާއެކު އަރަބި އެއްވެސް ގައުމަކުން ގުޅުންތައް ނުއުފެއްދުމުގެ މައްޗަށެވެ.

ނަމަވެސް މިކަން ބޮލާލައި ޖެހުމަށްފަހު ޔޫއޭއީ އާއި ބަހްރައިން އިން ދާދިފަހުންވަނީ އެމެރިކާގެ ފިއްތުންތަކާއެކު އިސްރާއީލާ ގުޅުންތައް އުފައްދާފައެވެ. މިދެގައުމުން އިސްރާއީލާ ގުޅުންތައް އުފެއްދުމުން ސައޫދީ ސަރުކާރުންވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި ޚުދު ސައޫދީއަކީވެސް މިހާރު ސިއްރިޔާތުގައި އިސްރާއީލާ ގުޅުންތައް ބާއްވަމުން ގެންދާ ގައުމެެއްކަމަށް އަޑުއަރާފައިވާ ގައުމެކެވެ.

އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދު ކުރަމުން ގެންދާ ފަލަސްތީނުގެ ޖަމާއަތްތަކާމެދުވެސް ސައޫދީން މިހާރު ދެކެނީ އެއީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައެވެ. ކުރިން ސައޫދީ ގެންދިޔައީ ފަލަސްތީނުގެ ޖަމާއަތްތަކަށް އެހީތެރިވަމުންނެވެ. އިސްރާއީލާމެދު ޒަމާނުއްސުރެ ސައޫދީ ގެންގުޅޭ އިސްލާމީ އަރަބި ވަންތަ ސިޔާސަތު ކުއްލި ގޮތަކަށް ބަދަލުވެފައިވަނީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވަލީއުލްއަހްދު ކަމުގެ މަގާމަށް އިސްކުރުމާއެކު އޭނާގެ ނުފޫޒުގައި ކަމަށާ އަދިވެސް ސައޫދީ ރަސްގެފާނު ސަލްމާން އަކީ އިސްރާއީލާ ވަރަށް އިދިކޮޅު ބޭފުޅެއްކަމަށް އިސްރާއިލުގެ ނޫސްތަށް ބުނެއެވެ.

އިސްރާއީލުގެ ނޫހެއްކަމަށްވާ "ހާއާޓްސް" ބުނާގޮތުން އިސްރާއީލާ ގާތްވުމަށް މުހައްމަދު ބިން ސަލްމާން ކުރައްވާ ކޮންމެ ކަމެއް އޭނާގެ ބައްޕަ ސަލްމާން ރަސްގެފާނު ގެންދަވަނީ އަނެއްކޮޅަށް ޖައްސަވަމުންނެވެ. އެހެންކަމުން ސަލްމާން ރަސްގެފާނުގެ ބާރު ސައޫދީ ރަސްކަމުގައި އޮންނަ ހިނދެއްގައި ސައޫދީން ރަސްމީ ސިފައެއްގައި އިސްރާއީލާ ގުޅުންތައް އުފެއްދުމަކީ ނާދިރުކަމެއްކަމަށް އެނޫސް ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އިސްރާއީލާ ގާތްވުމަށާ އިސްރާއީލާ ގުޅުންތައް އުފައްދަން ބޭނުންވަނީ ސައޫދީ ރަސްކަމަށް އޭނާ އިސްވުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އެމެރިކާގެ ތާއީދު ހޯދުމުގެ އަމިއްލަ ބޭނުމުގައެވެ. ސައޫދީ ރަސްކަމުގެ ނިޒާމަކީ އެގައުމުގެ ރައްޔިތުންނާ އެއްވެސް ގުޅުންނެތް އާއިލީ ވިރާސީ ރަސްކަމުގެ ނިޒާމަކަށްވެފައި ސައޫދީ ރަސްކަން ހިމާޔަތްކޮށްދޭ ފަރާތަކީ އެމެރިކާގައި އޭރަކު އޮންނަ ސަރުކާރެއް ކަމަށްވާތީއެވެ.

ސައޫދީ ރަސްކަމަށް އިސްވުމުގައި މުހައްމަދު ބިން ސަލްމާން އެމެރިކާގެ ރުހުން މިހާބޮޑަށް ބޭނުންވަނީ މުހައްމަދު ބިން ސަލްމާން ސައޫދީ ރަސްކަމަށް އިސްވުމަށް މަސައްކަތް ކުރައްވަނީ އެކަމަށް ސައޫދީގައި އޮންނަ އުސޫލާ ޚިލާފަށް ކަމަށް ވެފައި ސަލްމާން ރަސްގެފާނަށްފަހު ސައޫދީ ރަސްކަމަށް ގެނައުމަށް އެމެރިކާގެ ތާއީދުއޮތީ ކުރީގެ ވަލީއުލްއަމްދު މުހައްމަދު ބިން ނާއިފް އަށްކަމަށް ސައޫދީ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. މުހައްމަދު ބިން ސަލްމާންގެ ނުފޫޒުގައި މުހައްމަދު ބިން ނާއިފް މިހާރުވަނީ ވަލީއުލްއަހްދުކަމުން ވަކިކޮށް ޖަލަށްލާފައި ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކުގައި ހުޅަނގުން އުފައްދާފައިވާ ކެންސަރު ސެލްއެއްކަމާއި ކެންސަރުގެ މިސެލް އަކީ ނައްތާލަންޖެހޭ ސެލްއެއްކަމަށް ސިފަކުރާ އަދި އެކަމަށް ގޮވާލާ ގައުމަކީ އީރާންއެވެ. މިކަމުގެ ސަބަބުން އީރާނަކީ އިސްރާއީލުގެ ޖާނީ ދުޝްމަނަކީ އީރާން ކަމަށްވެފައިވާތީ ސައޫދީން އީރާނާ އާދަޔާ ޚިލާފަށް ޖައްސާލައި ދުޝްމަން ވެގެންއުޅެނީވެސް މުހައްމަދު ބިން ސަލްމާންގެ ނުފޫޒުގައި ކަމަށާ އެކަމުގެ ބޭނުމަކީވެސް ސައޫދީ ރަސްކަމަށް އޭނާ އިސްވުމަށް އެމެރިކާގެ ތާއީދު ހޯދުންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

2015 ވަނައަހަރު ސައޫދީގައި މުހައްމަދު ބިން ސަލްމާން ގެ ބާރާއި ނުފޫޒު ގަދަވުމުގެ ކުރިން ސައޫދީއަކީ އީރާނާ ޑިޕްލޮމެޓިކް ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތައްވެސް ބާއްވަމުން ދިޔަ ގައުމެކެވެ. އީރާނާއި ސައޫދީ އަކީ މެދުއިރުމައްޗާއި ގަލްފުގެ ސަރަހައްދަށް ބާރާއި ނުފޫޒު ހިންގުމުގައި ވާދަވެރި ދެގައުމު ކަމަށްވީނަމަވެސް 2015 ވަނައަހަރަށްފަހު އެދެގައުމުގެ ދެމެދުގައި ދުޝްމަންކަން ގާއިމްވި މިންވަރާ ގާތަށްވެސް ކުރިން ދުޝްމަންކަމެއް ނޯވެއެވެ.

މުހައްމަދު ބިން ސަލްމާން ސައޫދީ ރަސްކަމަށް އިސްވުމަށް މަސައްކަތް ކުރަނީ އެކަމަށް ސައޫދީގައި އޮންނަ އުސޫލާ ޚިލާފަށް އޭނާގެ ބައްޕަ ސަލްމާން ރަސްގެފާނުގެ މައްޗަށް ބާރާއި ނުފޫޒު ހިންގައިގެންނާއި ސައޫދީ ރަސްކަމުގެ ބައިއަތާބެހޭ އިދާރާއަށް ބާރާއި ނުފޫޒު ފޯރުވައި ބިރު ދައްކައިގެން ކަމަށް ސައޫދީ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ޕްރިންސް ތުރުކީގެ ވާހަކަފުޅުގައި އިސްރާއީލަކީ ޑިމޮކްރަސީ އެއްކަމަށް ސިފަކުރެވޭ ސިފަކުރުމަށްވެސް ވަރަށް ބޮޑަށް ޖޯކު ޖެއްސެވިއެވެ. މިގޮތުން އިސްރާއީލަކީ ހުޅަނގުގެ އިސްތިއުމާރީ ބާރަކަށް ވެފައި އިސްރާއީލު ގެންދަނީ އެގައުމުގެ ވެރިން ހިތުހުރިހާ ގޮތަކަށް ފަލަސްތީނުގެ ގެތަށް ތަޅައި ބިމާހަމަކޮށް ފަލަސްތީނުގެ ރައްޔިތުން އެއްވެސް ހައްގަކާނުލައި މަރައި އެމީހުންގެ ބިމާއި ގެދޮރާއި މިލްކިއްޔާތު ފޭރިގަންނަމުންކަންވެސް ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން އިސްރާއީލުގެ ރައްޔިތުންނަކީ ހަމައެކަނި ޔަހޫދީންކަމަށް ހަދައި އިސްރާއީލުގައި ދިރިއުޅޭ އެހެންދަރިކޮޅު ތަކުގެ މީހުންގެ ހައްގެއްނެތްކަމަށް އިސްރާއީލުގެ ޕާލަމެންޓުން ގާނޫނެއް ފާސްކޮށްފައިވާއިރު ޑިމޮކްރަސީއަކީ މިއީތޯ ޕްރިންސް ތުރުކީވަނީ ސުވާލު އުފައްދަވާފައެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް