އައިއޯއައިޖީ ގެއްލުން: ކުޅިވަރުގެ އުންމީދީ ނާރެހަށް ހުސްކަމެއް

ޖުލައި 29، 2019: މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވާދަވެރިން ބަލިކޮށް އެތައް މެޑަލްއެއްގެ އިތުރުން ރާއްޖެއަށް ލިބުމުގެ އިތުރަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސުން ރާއްޖެއަށް ލިބުނު އަނެއް ކާމިޔާބަކީ އެ ގޭމްސް ބޭއްވުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރުމެވެ. މިދިޔަ އަހަރު މޮރިޝަސްއިން ފުރައިގެން ދިވެހި ކޮންޓިންޖެންޓް ކުޅިވަރަސް ގެނެސް ދިން ހަދިޔާ އަކީ އުންމީދެވެ.

ތާރީހުގައި ވެސް މުޅިން އަލަށް އެފަދަ ބޮޑު ގޭމްސްއެއް އިންތިޒާމު ކުރުމުގެ ފުރުސަތާ އެކު ރާއްޖޭގެ މުޅި ކުޅިވަރުގެ އާއިލާ ތިބީ އެކަމަށް އެންމެ ފުރިހަމައަށް ފޫގަޅައިގެންނެވެ. އެކަމަކު އެންމެ ފަހު ވަގުތު އެ އުންމީދުތައް ގެއްލި އެ ފުރުސަތު ވެސް ދޫކޮށްލަން މަޖުބޫރުވީ އެވެ.

ކޮމޮރޯސް އާއި މަޑަގަސްކަރާ ވާދަކޮށް ރާއްޖެއިން އެ ބިޑް ކާމިޔާބު ކުރީ އުނދަގުލާ އެކު އެވެ. ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ އިތުރުން ދިވެހި ކުޅިވަރު އާއިލާގެ އެތައް މިންނެއް މަސައްކަތުންނެވެ. ހިސާބުގަނޑުގެ ހުރިހާ ގައުމަކަށް ގޮސް، އާދޭސްކޮށް އެވެރިންގެ އާބަސް ހޯދަން ޖެހުނެވެ. ތާރީހުގައި އެކަން ނުވެ އޮތް ކަމަކު ރާއްޖެއިން އެކަން ކުރާނެ ކަމުގެ ޔަގީންކަން އޮތީ ދީފަ އެވެ. އަދި މީގެ ކުރިން ބޭއްވި 10 މުބާރާތުގައި ވެސް ރާއްޖެ ތަމްސީލް ކުރި ކަމާއި 40 އަހަރު ވަންދެން ބައިވެރިވި އިރު މުޅިން ވެސް ޖެހުނީ ކަނޑު ހުރަސްކޮށްގެން ދާން ކަމަށް ބުނެ އާ ތަޖުރިބާއެއްގެ މުހިއްމުކަން އެގައުމުތަކަށް ރާއްޖެއިން ވިސްނައިދިނެވެ.

މިކަން ރާއްޖެއިން އޭރު ކާމިޔާބު ކުރި ނަމަވެސް ކުރިމަތީގައި އޮތީ ކިހާވަރެއްގެ ބޮޑު ދަތިކަމެއްކަން އިހުސާސެއް ނުކުރެވެ އެވެ. އޭރުވެސް ޔަގީން ކަށަވަރު އެއްކަމަކީ ރާއްޖޭގައި ގޭމްސް ބާއްވަން ޖެހޭނީ މުޅިން އާ އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށްގެންކަމެވެ. އެކަމަށް ބޮޑު ހޭދަޔަކާ ވަގުތުތަކެއް ވެސް ދާނެކަން އެނގިތިބެ އެކަމާ ކުރިމަތިލީ ޗެލެންޖެއްގެ ގޮތުގަ އެވެ.

އައިއޯއައިޖީގެ ބިޑް ކާމިޔާބު ކުރުމަށް މޮރިޝަސްގައި ބޭއްވި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފްއާއި އޮލިމްޕިކް ކޮމިޓީގެ ޖެނެރަސް ސެކެއްޓަރީ އަހުމަދު މަރްޒޫގް --- ފޮޓޯ//އެމްއޯސީ

ނަމަވެސް ހާލަތު މުޅިން ބަދަލުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު މުޅި ގައުމު ފައިސާގެ ދަތިކަމަށް ޖެހި، ބޭރުގެ ގައުމުތައް އަތުން ސަލާންޖަހާ ހިސާބަަށް ކަންތައް ދިއުމުންނެވެ.

"ދެހާސް ތޭވީސް ވަނަ އަހަރަކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެއް އަޅުގަނޑުމެންނަކަށް ރާއްޖޭގައި ނުބޭއްވޭނެ. މުޅި ދުނިޔެއަަށް ކޮވިޑްގެ އުނދަގޫ ޖެހުނު އިރު ރާއްޖެއަކީ އެންމެ ބޮޑަށް އިކޮނޮމީއަށް އެކަމުގެ އަސަރުކޮށް، އަޅުގަނޑުމެން މި ފެސިލިޓީތައް ޑިވެލޮޕްކޮށް، އަދި މުޅި ގޭމްސް ރާވާ ހިންގަން ވަގުތެއް ވެސް ނެތް،" ކުޅިވަރާ ބެހޭ ވަޒީރު މަހްލޫފް ކުރިން ވިދާޅުވެފައިވެ އެވެ.

"އެތައް ބައިވަރު ޒުވާނުންތަކެއްގެ ވަޒީފާ ގެއްލި އެތައް ބަޔެއްގެ އާއްމުދަނީ މަދުވެ، ހުރިހާ ވިޔަފާރިއަކަށް އޭގެ އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމަށް ފޯކަސް ކޮށްގެން އެވަރުގެ ބޮޑު ގޭމެއް 2023ގައި ބޭއްވުމަކީ ރަނގަޅުވެސް ކަމެއް ނޫން،"

މިނިސްޓަރުގެ އެ ވާހަކަފުޅުން ވެސް ދޭހަވި އެއްކަމަކީ ބައިނަލް އަގުވާމީ ބޮޑު ގޭމްސްއެއް ބޭއްވުމަށް ރާއްޖެއަށް އެތައް ގޮތަކުން ގޮންޖެހުން ބޮޑު ކަމެވެ. ހަމައެކަނި މާލީ ދަތިތަކަމެއް ވެސް ނޫނެވެ. އެ ކަމަށް ބޭނުންވާނެ ފައިސާ ލިބުނަސް އެކަން ކުރާނެ ވަގުތު ވެސް ނެތީ އެވެ. އެހެން ކަމުން ވަކި ހިސާބަކުން ސަރުކާރަށް މަޖުބޫރުވީ، ދެވަނަ ވިސްނުމަކަށް ދާށެވެ. އެއީ އައިއޯއައިޖީ ފަސްކުރެވޭނެ ގޮތެއް ހޯދުމަށެވެ. ކެބިނެޓްގެ ފެންވަރުގައި ވެސް އެކަން ކާމިޔާބު ކުރުމަށް އެތައް މަސައްކަތެއް މިވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ކޮށްފަ އެވެ.

އައިއޯއައިޖީގެ ކަމާ ބެހޭ ކޮމިޓީ، "ސީއައިޖީ" އަށް އެކަން ހުށައަޅައިގެން އެތައް ކައުންސިލް ބައްދަލުވުމެއްގައި އެކަން ގައުމުތަކާ އެކު މަޝްވަރާ ކުރި އިރު، ދަނޑިވަޅުގެ ފައިދާއަށް ވިސްނައިގެން ތިބީ 2019 ވަނަ އަހަރު ކުރި ބިޑުގައި ނާކާމިޔާބީ ލިބުނު މަޑަގަސްކަރައިންނެވެ. އެ ގައުމުން އޭރުވެސް ވަނީ ރާއްޖެ އަތުން ބިޑް ހޯދުމަށް އެތައް މަސައްކަތްތަކެއްކޮށްފަ އެވެ.

ޖުލައި 29، 2019: މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މަޑަގަސްކަރައިން މި ބިޑް ކާމިޔާބު ކުރަން އޭރުވެސް ވަރަށް މަސައްކަތް ކުރި. އަޅުގަނޑު ބިޑް ހުށައެޅި އިރު، އެކޮޅުން ބިޑް ހުށައެޅުއްވަން ވަޑައިގަތީ އެގައުމުގެ ރައީސް. އެހާ ވެސް ބޮޑަށް އެމީހުން ހިފާފައި ތިބީ. އެކަމަކު ހޯސްޓް ކުރަން ކުރެއްވި މަސައްކަތުގައި ގައުމުތަކަށް ވަޑައިގެން އަޅުގަނޑަށް ލިބުނު ތަޖުރިބާއިން ހިއެއް ނުވޭ އެގައުމުގައި ބާއްވަން އެއްވެސް ގައުމަކުން ބޭނުންވާނެ ހެނެއް." މީގެ ދެ ހަފުތާ ކުރިން މަހްލޫފް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ހީކުރި ގޮތާ ހިލާފަށް އައިއޯއައިޖީގެ އެންމެ ފަހުގެ ކައުންސިލް ބައްދަލުވުމުގައި ދިގު މަޝްވަރާއަކަށްފަހު 2023 ގެ ބިޑު އަނބުރާ މަޑަގަސްކަރައަށް ދޭން ވަނީ ގައުމުތަކުން ތާއީދު ކޮށްފަ އެވެ. އަދި ރާއްޖެއިން ބަލި ގަބޫލުކޮށް، އެއްކައިރިއަށް ޖެހިލިކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ ހާމަކޮށްފަ އެވެ. ސަބަބަކަށްވީ އެ ގޭމްސް ފަސްކުރުމަށް އެއްވެސް ގައުމަކުން ބޭނުން ނުވުމެވެ.

މިއީ ރާއްޖޭގެ އެތައް އެތުލީޓުންނެއް ކުރަމުން އައި ބޮޑު އުންމީދު ފުނޑު ފުނޑުވެގެން ދިޔަ ހިތާމަވެރި ދުވަހަކަށް މިވަނީ ވެފަ އެވެ. އަމިއްލަ ފަސްގަނޑުގައި، ދިވެހިންގެ ކުރިމަތީ ކުޅެ ރަން މެޑަލް ކަރަށް މަހާލުމުގެ އަޒުމުގައި ތިބި ހުނަރުވެރިންނަށް ލިބުނު ހިތްދަތިކަމަކަށް އެކަން ވެއްޖެ އެވެ. ސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދު ފެއިލް ވެސް ވީ އެވެ.

މޮރިޝަސް- 21 ޖުލައި 2019: އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ މޮރިޝަސް ވަރަށް ވާދަވެރި ކުޅުމަކަށް ފަހު 3-5 އިން ބަލިކޮށް ދިވެހިރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ފަހުރުވެރި ރަން މެޑަލް ހޯދުން -- ފޮޓޯ/ ރައީސް އޮފީސް

އައިއޯއައިޖީއަށް ރާއްޖެއިން ބިޑުކުރިއިރު، ބިޑުކުރީ އެންމެ "ވޯސްޓް ސިޗުއޭޝަން" ގައިވެސް ގޭމްސް ބޭއްވޭނެ ގޮތް ހޯދައިގެން ކަމަށާއި، އެހެންކަމަށް ވާނަމަ މިހާލަތުގައިވެސް ގޭމްސް ބޭއްވޭނެ މަގެއް ހޯދޭން ޖެހޭ ކަމަށް ބުނެ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓްރީ އަހުމަދު މަރުޒޫގް (މަރޭ) ވަނީ މިފަހުން ވާހަކަ ދައްކާފަ އެވެ.

ސަރުކާރުން އެކަމުގައި ގެންގުޅުނު ހިޔާލުތަކާ ތަފާތު ވިސްނުމެއްގައި ހުރި މަރޭ އޭރު ވިދާޅުވީ، ރާއްޖޭގައި ގޭމްސް ބާއްވަން އޮތް އެންމެ ބޮޑު ދައްޗަކީ ފައިސާގެ ދަތިކަން ކަމަށާއި، ދެން ސަރުކާރުން ދައްކަމުން އަންނަނީ ގޭމްސްތަކާއި ބޮޑެތި މުބާރާތްތައް ފަސްކުރާ ވާހަކަ ކަމަށެވެ. އެކަމަކު ހަގީގަތަކީ ފަސްކުރަމުން އަންނަނީ މިއަހަރާއި އަންނަ އަހަރު ބާއްވަން ނިންމާފައިވާ ގޭމްސްތައް އެކަނިކަން ކަމަށާއި، 2022 ވަނަ އަހަރުގެ ފަހުގައި ބާއްވަން ނިންމާފައިވާ އެއްވެސް މުބާރާތެއް އަދި ފަސްކޮށްފައި ނުވާ ކަމަށްވެސް މަރުޒޫގް ވިދާޅުވި އެވެ.

އެކަމަކު އޭގެ ފަހުން ކުޅިވަރާ ބެހޭ ވަޒީރު ވަނީ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން އެމްއޯސީ އާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ އެކު ވެސް މަޝްވަރާ ކުރުމަށްފަހު ޓާގެޓް ޖެހީ 2025 ވަނަ އަހަރު އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށެވެ. ރާއްޖޭގައި 2025 ވަނަ އަހަރު އިތުރު ގޭމްސްއެއް ބޭއްވުމަށް ނުވަތަ 2027 ވަނަ އަހަރުގެ ގޭމްސް ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އޮންނަ އައިއޯއައިޖީގެ ކައުންސިލް ބައްދަލުވުންތަކުގައި ކަމަށް އެމްއޯސީން ވަނީ ފަހުން ބުނެފަ އެވެ.

comment ކޮމެންޓް