ހަ އޮޓަމެޓިކް ވެދަ ސްޓޭޝަން މެޓް އޮފީހާ ހަވާލުކޮށްފި

-- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އިން ހިންގާ މަޝްރޫއުގެ ދަށުން ރާއްޖޭގެ މޫސުމީ ވިއުގައަށް އިތުރުކުރާ ހަ އޮޓޯމެޓިކް ވެދާ ސްޓޭޝަން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއާ ހަވާލުކޮށްފި އެވެ.

ޖީސީއެފްގެ ހިލޭ އެހީގެ ދަށުން އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ "ސަޕޯޓިން ވަލްނަރަބަލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް" މަޝްރޫއުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ހަރުކުރަނީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރުމުގައި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ވެދާ ސްޓޭޝަނެއް ގާއިމުކުރެވިފައި ނެތް ސަރަހައްދުތަކުގެ މޫސުން ސީދާ ކަމާއިއެކު ފުރިހަމައަށް ގެނެސްދިނުމަށެވެ.

އޮޓޮމެޓިކް ވެދާ ސްޓޭޝަންތައް ސަޕްލައިކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިޓަލީގެ ކުންފުންޏެއް ކަމަށްވާ ސީއޭއީ އެސްޕީއޭ އަށެވެ. މަސައްކަތުގެ އަގަކީ 119,200 ޔޫރޯ އެވެ.

އެންޓެނާތައް ހަރުކުރުމުގެ މަސައްކަތް ހަވާލު ކުރީ، މެކްސްޓާ މޯލްޑިވްސް އަށް 737،760.00 ރުފިޔާ އަށެވެ. މި މަސައްކަތުގެ ގެ ޖުމްލަ އަގަކީ 2.97 މިލިއަން ރުފިޔާ އެވެ.

ވެދާ ސްޓޭޝަންތައް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ ވާރޭ ނުވެހުމުގެ ސަބަބުން ކުރިމަތިވާ ފެނުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން މޫސުން ލަފާކުރުން ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އެގޮތުން، މެދު ކެނޑުމެއްނެތި މޫސުން ލަފާކުރުމާއި، ރާއްޖޭގައި ގާއިމުކުރެވިފައި ހުރި އެއް ސްޓޭޝަނާއި އަނެއް ސްޓޭޝަނާއި ދޭތެރޭގައި ހުރި ދުރުމިނުގެ ސަބަބުން ކުރިމަތިވާ ޑާޓާ ގެޕް ކުޑަ ކުރެވިގެންދާނެ އެވެ.

ސްޓޭޝަންތައް ހަރުކުރުމުގައި ބަލާފައިވަނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ނެޓްވޯކް އިތުރަށް ހަރުދަނާ ކުރުމަށް، އެފަރާތުން ބޭނުންވާ އެންމެ އެކަށޭނެ ރައްތަކުގައި ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން، މި މަސައްކަތުގެ ދަށުން މި ވެދާ ސްޓޭޝަންތައް ހަރުކުރުމަށް ހަމަޖެހިފައިވަނީ ރ. އަލިފުށި، ރ. ދުވާފަރު، ފ. ބިލެއްދޫ، ށ. ކޮމަންޑޫ، އދ، މަހިބަދޫ އަދި ސ. ހުޅުމީދޫ ގައެވެ.

މި މަސައްކަތުގެ އިތުރުން ޖީސީއެފް މަޝްރޫޢުގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ގުޅިގެން މޫސުން އެޕްލިކޭޝަން އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެޕްލިކޭޝަން ފުރިހަމަވުމުން އެންޓެނާތަކުން ލިބޭ މޫސުމީ މައުލޫމާތު ހަރުދަނާ ކުރެވި، ސީދާ ކަމާއި އެކު އެސްއެމްއެސް އެއްގެ ޒަރިއްޔާއިން އެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.

އެ މަސައްކަތްތައް ފުރިހަމަވުމުން، ރާއްޖޭގެ މޫސުމާއި އަދި ވާރޭވެހޭނެ މިންވަރު ހަރުދަނާ ގޮތެއްގައި އަންދާޒާކޮށް ބޯފެން ނަގައި ރައްކާކުރުން އިތުރަށް ފަސޭހަވެގެން ދާނެއެވެ. އެ މަޝްރޫއު އަކީ މެއި 2017 އިން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތައް ފެނުގެ ހިދުމަތުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ހިމެނޭގޮތައް ކުރިއަށްދާ މަޝްރޫއެކެވެ.

މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ 29 ރަށެއްގެ ޖުމްލަ 19,871 ގެ އާބާދީއަކަށް ސާފު އަދި ރައްކާތެރި ބޯފެން ފޯރު ކޮށްދިނުމުގެ އިތުރުން މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ފެނާ ނަރުދަމާގެ ހިދުމަތުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެ ގޮތުން، ފެނުގެ ފަށަލަ ދިރާސާކޮށް މޮނިޓާ ކުރުމާއި، ހޫނުމޫސުމަށް ފެނަށް ޖެހޭ ރަށްރަށަށް ފެންފޯރު ކޮށްދޭނެ ޕްލޭން އެކުލަވާލުމާއި، ސެކްޓާ އަށް ބޭނުންވާ މީހުން ބިނާ ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ފެނާއި ނަރުދާމާގެ ޓެރިފް އަދި ފައިނޭންޝަލް މޮޑެލްއެއް އެކުލާވާލުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށް އެންވަޔަރަމެންޓުން ބުންޏެވެ.

comment ކޮމެންޓް