އޭވިއޭޝަން ދާއިރާ އިން ދިވެހިންނަށް ފުރުސަތު ފަހިކޮށްދޭނަން: މިނިސްޓަރު

މިނިސްޓަރު އާއިޝަތު ނަހުލާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ބަލިމަޑުކަމުން އަރައިގަނެވައިގެ ދަތުރުފަތުރުގެ ހަރަކާތްތައް ފުޅާވާން ފެށުމާއެކު އެ ދާއިރާ އިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށާއި ދިވެހި ޒުވާނުންނަށް އެ ދާއިރާއިން ފުރުސަތުތައް ހޯދައިދޭނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ސިވިލްއޭވިއޭޝަން ދުވާހާ ގުޅިގެން މިނިސްޓަރު ފޮނުއްވި ހިތޯބުގައި ވިދާޅުވީ މިއަހަރުގެ ސިވިލް އޭވިއޭޝަން ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅަކީ މުޅި ދުނިޔެ ބަލިމަޑުކަމެއްގެ ތެރޭގައި އޮތް ދުވަސްވަރެއް ކަމަށާއި ދަތުރުފަތުރުގެ ދާއިރާ އަށްވެސް ބޮޑު ގޮންޖެހުމެއް މި ދަނޑިވަޅުގައި ކުރިމަތިވެފައިވާ ކަމަށެވެ.

ގޮންޖެހުންތަކާއެކު ވެސް އޭވިއޭޝަން ދާއިރާ އިން ގައުމީ ހިދުމަތުގައި ދެމި އޮތް ކަމަށާއި ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު ކުރުން އެންމެ ހިފެހެއްޓިގެން ދިޔަ ދުވަސްވަރު، ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި ވައިގެ މަގުން ގެނައުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން ކުރި މަސައްކަތްތައް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ގިނަ ގޮންޖެހުން ތަކާއެކުވެސް، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ހަރަކާތްތަކުގެ ރިކަވަރީ މަރުހަލާ ފެށިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިންވެސް ޕްލޭންކޮށްފައިވާ ގޮތަށް އެއާލައިންތަކުގެ އޮޕަރޭޝަންތައް ފުޅާ ކުރެވި، އިރާދަ ކުރެއްވިއްޔާ ލަސްތަކެއް ނުވެ ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ދަތުރު ކުރާ ފަރާތްތަކަށް ބޭނުންކުރެވޭނޭ ބައިނަލްއަގުވާމީ ދިވެހި އެއާލައިންތަކުގެ އަދަދު އިތުރުވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ މޯލްޑިވިއަން އިން އިންޑިއާގައި ފުރަތަމަ ފަހަރަށް ސީޕްލޭން އޮޕަރޭޝަނެއް ކުރިއަށް ގެންދިޔުމަށް ކުރި މަސައްކަތްވެސް ފާހަގަ ކުރައްވައިފަ އެވެ. އެ މަސައްކަތަކީ ބައިނަލްއަގުވާމީ ސުރުހީތަކުން ޖާގަ ހޯދި މަސައްކަތެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ސަރުކާރުން އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައްވެސް މިއަހަރު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި މިއަހަރު ހުޅުވުނު އެއާޕޯޓުތަކުގެ ސަބަބުން އެ އަތޮޅުތަކުގެ އިގްތިސާދަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.

ސަރުކާރުން ކަނޑައަޅާފައިވާގޮތަށް، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުން ދެވޭ ސަރަހައްދުގައި އެއާޕޯޓު ގާއިމް ކުރުމުގެ ޕްލޭން ކައިރި މުސްތަގުބަލެއްގައި ފުރިހަމަ ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ އަންނަ އަހަރު ވެގެންދާނީ އޭވިއޭޝަން ދާއިރާ "ރިކަވާ އެންޑް ރީ ބިލްޑް" ކުރެވޭ އަހަރަށް ކަމަށެވެ.

ވަސީލަތްތައް ފުރިހަމަ އަދި ސިނާއަތުގެ ޑިމާންޑްތަކާ އެއްވަރަށް ހިދުމަތްދެވޭ ޒަމާނާ އެއްގޮތަށް ބަދަލުވަމުންދާ ދައުލަތުގެ
މުއައްސަސާއެއްގެ ގޮތުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ ހެދި ބޮޑުވެގެން ދާންޖެހޭ ކަމަށާއި އެ ރޮނގުން ވިސްނާއިރު، އޮތޯރިޓީގެ ހިންގުން އިތުރު ހަރުފަތްތަކަކަށް ގެންދިމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އާ އެއްގޮތްވާ ގޮތުގެ މަތީން ކުރިއަށް އޮތްފަސް އަހަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފްލައިޓް ޕްލޭން މި އަހަރުވަނީ އިފްތިތާހު ކުރެވިފައި. ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި ބައިވެރިވުމާއެކު އެކުލަވާލެވިފައިވާ މި ޕްލޭންގެ ސަބަބުން ސިވިލް އޭވިއޭޝަން ދާއިރާއަށް އިތުރު ހަރުދަނާކަން ގެނެސްދީ އިތުރު ކުރިއެރުންތަކަށް މަގު ކޮށިގެންދާނޭ ކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަން،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފްލައިޓު ޕްލޭންގައި އިސްކަން ދީފައިވާނީ ކުރާ މަސައްކަތާމެދު ސިނާއަތާއި އާންމުންގެ އިތުބާރު ބޮޑުކުރުމުގެ މައްޗަށް ކަމަށެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހިންގުން ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމުގެ ބޭނުމުގައި އިންޓާނަލް ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުމަށާއި ޝަކުވާ މެނޭޖްކުރުމުގެ ނިޒާމެއް އަންނަ އަހަރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ނިޒާމުތަކުގެ ސަބަބުން އޮތޯރިޓީގެ ނިންމުންތަކާއި ހަރަކާކާތްތައް އިތުރަށް ސްޓްރީމް ލައިން ކުރެވި، ދެފުށް ފެންނަ އުސޫލުތައް މިހާރަށްވުރެވެސް ބޮޑަށް ހަރުދަނާކުރެވިގެން ދާނެ ކަމަށާއި މިހުރިހާ ބަދަލުތަކާއެކު އަންނަ އަހަރު ވެގެންދާނީ ހިދުމަތް ހޯދާ ފަރާތްތަކަށް ތަފާތު ފާހަގަ ކުރެވޭނޭ މިންވަރަށް އޮތޯރިޓީގެ މަސައްކަތްތަކަށް އެކަށީގެންވާ ކުރިއެރުން ލިބޭނެ އަހަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވައިގެ ދަރުތުފަތުރުގެ ސަލާމަތްތެރިކަން ހިންގާ ބެލެހެއްޓުމުގެ މަސައްކަތް އިތުރު ދަރަޖައަކަށް މައްޗަށް ދާނެ ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ވައިގެ ދަތުރުފަތުގެ ދާއިރާއިން ފަންނީ މުވައްޒަފުން ބިނާކުރުމަކީ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"މި ރޮނގުން ވިސްނާއިރު، މިދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ކިޔެވުން ފުރިހަމަ ކުރެވޭނޭ މަގުތައް ތަނަވަސްކުރުމަށް މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެ. މިދާއިރާއިން ކިޔެވުމަށް ދިވެހި ދަރިންނަށް މަގުފަހިކޮށްދީ ވަޒީފާގެ ބާޒާރުވެސް ދިވެހި ޒުވާނުންނަށް ތިޔާގި ކުރަމުން ގެންދިއުމަކީ އުފަލާއެކު އަޅުގަނޑުމެންގެ ކޮނޑުގައި އަޅައިގެން އަދާކުރަމުންދާނޭ ވާޖިބެއް،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

comment ކޮމެންޓް