ނަވާރަވަނަ މަޖިލިހުގެ ޔައުމިއްޔާއިން ޞަފުޙާޔަކަށް ކަޅިއެއް 2

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މި ކޮލަމުގެ ފުރަތަމަ ބައިގައި ދަންނަވައިލެވިފައި ވާނީ، 19 ޖޫން 2019ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދިހަ ވަނަ ޖަލްސާގައި ފާސް ކުރެއްވި ޤަރާރާ ބެހޭގޮތުން ބައެއް ވާހަކަތަކެވެ. މިއީ މި މައުޟޫޢުގައި އަޅުގަނޑު ލިޔާ ކޮލަމުގެ ދެވަނަ ބައެވެ. މި ބައިގައި އަލި އަޅުވައިލެވިފައި ވާނީ، މަޖިލިހުގެ ޤަރާރާ ބެހޭ އިތުރު ނުކުތާތަކަށެވެ. މައިގަނޑު ގޮތެއްގައި، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގއި އޮންނަ ޢިބާރާތުގެ މާނަޔަށެވެ.

ރައްޔިތުންގެ މަޖިލިހުން ކުރާ ކަމެއް ނުވަތަ ނިންމާ ނިންމުމެއް ބާޠިލު ކުރުމުގެ އެއްވެސް ބާރެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވެސް ނޯންނާނެ ކަމަށް ވިދާޅުވެ، ޤާނޫނީ ވަކީލު މުޙައްމަދު ނަޝީދު އޭނާގެ ބްލޮގުގައި 2012 ހައިތަނުގައި މަޒުމޫނެއް ލިޔުއްވި ވާހަކަ ކުރީގެ ބައިގައި ދަންނަވައިފައި ވާނެއެވެ. މި ދަންނަވާ މަޒުމޫނަކީ، ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމާއި އެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޤައްރިރުކަމުގައި ނަޝީދު ހުންނެވި ދުވަސްވަރު ލިޔުއްވި މަޒުމޫނެކެވެ. އެ ދުވަސްވަރު ނަޝީދުގެ އެންމެ ބޮޑު ސަމާލުކަމެއް ދޫ ކުރެއްވި އެއް ކަމަކީ، އެއިރު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން އެ ކޮމިޝަނުން ބޭރު ކުރެއްވުމުގެ ކަންތައްތަކެވެ. ފަހުމީ މަޤާމުން ވަކި ކުރެވުނީ 20 ނޮވެންބަރު 2012ވީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި ނެގުނު ވޯޓަކުންނެވެ. އެޔާއެކު، ފަހުމީ އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށައެޅުއްވިއެވެ. މި ދަންނަވާ ވާޤިޢީ ފަސްމަންޒަރުގައި ނަޝީދުގެ ބްލޮގުގައި ޝާއިޢު ކުރެއްވި މަޒުމޫނުގައި، ބަރުލަމާނީ ސިޔާދަތުގެ މަބްދައަށް އިޝާރާތް ކުރައްވައި ވިދާޅުވެފައި ވަނީ ބަރުލަމާނަކުން ކުރާ އެއްވެސް ކަމެއް ނުވަތަ ނިންމާ އެއްވެސް ނިންމުމެއް އެއްވެސް ކޯޓަކުން ބާޠިލު ނުކުރެވޭނެ ކަމަށާއި، ބަރުލަމާނުގެ ނިންމުމަކަށް ޤަޟާއީ ގޮތުން ޗެލެންޖު ނުކުރެވޭނެ ކަމުގައެވެ. އަދި ބަރުލަމާނުގެ ނިންމުންތަކަށް ޤަޟާއީ ނިޒާމުގެ ތެރެއިން ވިޔަސް ތަޢުނު ނުކުރެވުމަކީ "އިންޓަރނޭޝަނަލް ޕްރިންސިޕްލް" އެއް ކަމުގައެވެ. އޭނާގެ މަޤްޞަދަކީ ފަހުމީ މަޤާމުން ވަކި ކުރުމަށް މަޖިލިހުން ނިންމެވި ނިންމެވުން ސުޕްރީމް ކޯޓުން ބާޠިލު ކުރެއްވުމުގެ އިޙުތިމާލު އުފެދުމުން، ކުރީބައިގައި އެކަމަށް ހުރަސް އެޅުއްވުން ކަމަށް މެނުވީ މާނައެއް ނުކުރެވެއެވެ. ކޮންމެ ގޮތެއްގައި ވިޔަސް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން އެކަށައަޅަނީ މަބްދައުއް ދުސްތޫރިއްޔަތާއި، މަބްދައުލް މަޝްރޫޢިއްޔަތާއ، ޤާނޫނުގެ ޙުކުމުގެ މަބްދައާއި، މަބްދައު ސުމުއްވުއް ދުސްތޫރު ކަމާއި، ދިވެހިރާއްޖޭގައި ބަރުލަމާނުގެ ނިންމުންތައް ވެސް ކޯޓުތަކުން ރަޤާބާ ޤަޟާއިއްޔާގެ ނިޒާމުން މުރާޖަޢާ ކުރެވި، ބާޠިލު ވެސް ކުރެވިދާނެކަން ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް، އަދި ލިޔުއްވި އެއްޗެއް ލިޔުއްވީ އެކަން އެނގިވަޑައިގެން ހުންނަވައި ކަމަށް މެނުވީ އަޅުގަނޑު ނުދެކެމެވެ.

ބަރުލަމާނުން ނިންމާ ނިންމުންތައް، ކޯޓަކުން ބާޠިލު ނުކުރެވޭނެކަމުގެ ވިސްނުމަކީ އަޅުގަނޑުމެންގެ ތެރޭގައި އެހެން ބައެއް ބެއިފުޅުން ވެސް އެކި ގޮތްގޮތަށް ފައުޅު ކުރައްވައިފައި ވާ ވިސްނުމެކެވެ. ޤާނޫނީ ވަކީލު، އަދި މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ގޮނޑިއެއްގައި އިށީނދެވަޑައިގަންނަވާ އަލްއުސްތާޛު ޙުސްނުއްސުޢޫދު އިނގިރޭސި ބަހުން ލިޔުއްވި "ދަ މޯލްޑިވިއަން ލީގަލް ސިސްޓަމް" މި ފޮތުގެ 103 ވަނަ ޞަފުޙާ ބައްލަވައިލައްވާށެވެ! ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، ޤާނޫނެއްގެ މާއްދާއެއް ބާޠިލު ކުރެއްވި ޤަޟިއްޔާއަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޙުސްނުއް ސުޢޫދު ވިދާޅުވެފައި ވަނީ "ސުޕްރީމް ކޯޓުން، ރައްޔިތުން އިންތިޚާބު ކޮށްފައި އޮތް ޤާނޫނު ހަދާ މަޖިލިހެއްގެ މެޖޯރިޓީން ފާސް ކުރި ޤާނޫނެއް ބާޠިލު ކުރީ" ކަމުގައެވެ. "ފަނޑިޔާރުން އަޣްލަބިއްޔަތުގެ ވެރިކަން ނަފީ ކުރީ" ކަމުގައެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން "ފަނޑިޔާރުންނަކީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރެވޭ ބައެއް ނޫން" ކަމަށާއި، "ރައްޔިތުންނަށް އެއްވެސް މަސްއޫލިއްޔަތެއް އަދާ ކުރާން ޖެހޭ ބައެއް ނޫން" ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުން މަޖިލިހުގެ ނިންމުންތަކާއި މަޖިލިހުން ފާސް ކުރާ ޤާނޫނުތައް ބާޠިލު ކުރުމުގެ އުޞޫލަށް ސުޢޫދު ފާޑު ވިދާޅުވެފައި ވެއެވެ. ސުޢޫދުގެ ވާހަކައިގައި "މަބްދައު ސުމުއްވުއް ދުސްތޫރު" ގެ އުޞޫލުގެ ވާހަކަ ޒިކުރު ކުރައްވަނީ، އެއީ ފަނޑިޔާރުން އެ ބެއިފުޅުން ކަން ކުރައްވާ ގޮތް "ޖަސްޓިފައި" ކުރައްވާން ބޭނުންފުޅު ކުރައްވާ މަގެއް ނުވަތަ ގޮތެއް ކަމަށް ވިދާޅުވެ އެ އުޞޫލުގެ އަހައްމިއްޔަތާއި ޢިލްމީ އަދި "ޖުރިސްޕްރޫޑެންޝަލް" ބުރަދަން ކުޑަ ކުރެއްވުމުގެ ގޮތުންނެވެ. އެއްގޮތަކަށް ވެސް، އެ މަބްދައަކީ ދިވެހި ދުސްތޫރުގެ ޞަރީޙު އަދި ޤަޠުޢީ ނައްޞުތަކުން ކަނޑައަޅައިފައި އޮތް، ދިވެހި ދުސްތޫރީ ނިޒާމުގެ މައިގަނޑު އެއް މަބްދައުކަން ހާމަ ކުރައްވައިފައެއް ނުވެއެވެ.

ޝައުޤުވެރި ކުރުވަނިވި ކަމަކީ، މި ދެންނެވި ދެ ބެއިފުޅުން ވެސް، ރައްޔިތުންގެ މަޖިލިހުގެ ނިންމުމެއް ބާޠިލު ކުރުމަށް ޓަކައި ސުޕްރީމް ކޯޓަށް ވަޑައިގަތްކަމެވެ. 05 ޖަނަވަރީ 2009 ގައި ޙުސްނުއް ސުޢޫދާއި މުޙައްމަދު ނަޝީދާއި އަދިވެސް ދެ ބެއިފުޅަކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައެޅުއްވިއެވެ. 2008 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ނިންމެވި ނިންމެވުމެއް ޤާނޫނުއަސާސީއާ ޚިލާފު ކަމަށް ވިދާޅުވެ، އެ ނިންމުން ބާޠިލު ކޮށްދެއްވުން އެދިވަޑައިގެންނެވެ. މި މައްސަލައިގެ ތަފްޞީލުތައް ބައްލަވައިލައްވާން ޝައުޤުވެރި ވެވަޑައިގަންނަވާ ބެއިފުޅުން، ސުޕްރީމް ކޯޓުގެ ވެބްސައިޓަށް ވަދެވަޑައިގެން، 2009 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ނިންމެވި ނަންބަރު 2009/SC-C/02 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ބައްލަވައިލައްވާށެވެ! މި ބެއިބެއިފުޅުން އެއް ދުވަހު ތިއްބަވާ މައުޤިފާއި ދައްކަވާ ވާހަކަ، އެހެން ދުވަހެއް އައުމުން ބަދަލު ވަނީ ޢިލްމީ ގޮތުން ޚިޔާލު ބަދަލު ވެގެން ކަމެއް، ނުވަތަ އެއިރަކު މަޞްލަޙަތު ނިޔާ ކުރާ ގޮތަކަށް ބަދަލު ކުރައްވަނީ ކަމެއް، އަޅުގަނޑަކަށެއް ނޭނގެއެވެ.

88 (ށ) އަށް ބަލައިލުން

ރައްޔިތުންގެ މަޖިލިހުގެ ނިންމުންތަކަށް އެއްވެސް ކޯޓެއްގައި ތަޢުނު ނުކުރެވޭނެ ކަމަށް، އަދި މަޖިލިހުގެ ނިންމުމެއް ކޯޓަކުން ބާޠިލު ނުކުރެވޭނެ ކަމަށް ބުނާ ފަރާތްތަކުން އަބަދުވެސް އެންމެ ފަރިތަކޮށް އެ އެއްޗަކާ ދިމާޔަށް އިނގިލި ދިއް ކޮށްލާ އެކައްޗަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އެވެ. އިސްވެ ޙަވާލާ ދެވުނު ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-C/02 ޤަޟިއްޔާގައި، ބަންޑާރަ ނާއިބުގެ އޮފީހުން އިޖުރާއީ ގޮތުން ފާހަގަ ކުރި ނުކުތާ ބައްލަވާށެވެ! ހަމައެހެންމެ، މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްކަމުން ވަކި ކުރުމަށް މަޖިލިހުން ނިންމި ނިންމުން ބާޠިލު ކުރި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގެ ރިޕޯޓު ބައްލަވާށެވެ! މި ދެ ޤަޟިއްޔާގައި ވެސް، ބަންޑާރަ ނާއިބުގެ އޮފީހުން، އަދި ދެވަނަ ޤަޟިއްޔާގައި ރައްޔިތުންގެ މަޖިލިހުގެ ކައުންސެލް ޖެނެރަލް ވަނީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އާ ޙަވާލާ ދެއްވައި، ރައްޔިތުންގެ މަޖިލިހުން ނިންމާ އެއްވެސް ނިންމުމެއް ކޯޓަކުން މުރާޖަޢާ ކޮށް، ރަޤާބާ ޤަޟާއިއްޔާގެ ނިޒާމުން ބަލައި، އެ ނިންމުން ބާޠިލު ކުރުން އެ މާއްދާއިން މަނާ ކުރާ ކަމަށް ބުނެ ޒުވާބު ހުށައަޅުއްވައިފައެވެ. 2009 ގެ ޤަޟިއްގައި، ސުޕްރީމް ކޯޓުން އެ މާއްދާ ތަފްސީރު ކޮށް، އެ މާއްދާއަކީ ރައްޔިތުންގެ މަޖިލިހުގެ ނިންމުންތަކާއި އެ މަޖިލިހުން ކުރާ ކަންކަން ރަޤާބާ ޤަޟާއިއްޔާގެ ނިޒާމުން ބެލުން މަނާ ކުރާ މާއްދާއެއް ނޫން ކަމަށް ކަނޑައަޅުއްވައިފައި އޮއްވައި ވެސް، ބަންޑާރަ ނާއިބުގެ އޮފީހުންނާއި ރައްޔިތުންގެ މަޖިލިހުގެ ކައުންސެލް ޖެނެރަލް 2012 ވަނަ އަހަރު އަނެއްކާވެސް ހަމަ އެ ޒުވާބު ހިއްޕަވައިގެން ކޯޓަށް ވަޑައިގަތީއެވެ. މިއީ އަޅުގަނޑުމެންގެ މުއައްސަސާތައް ހިނގާ ގޮތެވެ. އުޞޫލަކަށް، ފޮތަކަށް، ގޮތަކަށް ކަންކަން ކުރުމެއް ނޯންނާނެއެވެ. އަބަދުވެސް އޮންނާނީ އެއިރަކު ބާރުގައި ތިއްބެވި ބެއިފުޅުންނަށް، އެ ވަގުތަކަށް ފެނިވަޑައިގަތް ގޮތެކެވެ. ބަނޑަށޭ ވިދާޅުވިއްޔާ ބަނޑަށް، މެޔަށޭ ވިދާޅުވިއްޔާ މެޔަށް، ސުވާލެއް ކަލާމެއް ނެތް، ގޮތެވެ.

ދެން އައީ 19 ޖޫން 2019 އެވެ. ޙިޞާން ޙުސައިންގެ "ބޮޑު ޤަރާރު" ފާސް ކުރެވުނު ޖަލްސާއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދިހަވަނަ ޖަލްސާއެވެ. މި ޖަލްސާގައި ޙިޞާން ޙުސައިން އޭނާގެ ޤަރާރު މަޖިލިހަށް އިއްވަވައި ހުށައެޅުއްވެވި އިރު، އޭގައި ވެސް ޤާނޫނުއަސާސީގެ 88 (ށ) އަށް ޙަވާލާ ދެއްވައި، އެ މާއްދާޔަކީ ރައްޔިތުންގެ މަޖިލިހުން ކުރާ އެއްވެސް ކަމެއް ނުވަތަ ނިންމާ އެއްވެސް ނިންމުމެއްގެ ދުސްތޫރިއްޔަތު ބަލައި ވަޒަން ކުރުމުގެ މައްސަލައެއް ކޯޓަކަށް ހުށައެޅުން، އަދި ޣައިރުދުސްތޫރީ ވިޔަސް މަޖިލިހުން ނިންމާ ނިންމުންތަކާއި ކުރާ ކަންކަން ކޯޓަކުން ބާޠިލު ކުރުން މަނާ ކުރާ މާއްދާއެއް ކަމަށް ވިދާޅުވެފައި އޮތެވެ. "ރައްޔިތުންގެ މަޖިލިހުން ކުރާ ކަމެއްގެ ޞައްޙަކަން ބަލައި، އެއާމެދު ފައިސަލާ ކުރުމަށް އެއްވެސް ކޯޓަކަށް ލިބިގެންވާ ބާރެއް ނޫންކަން ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އިން އެނގޭން އޮތް" މި ޢިބާރާތުންނެވެ. ޖަލްސާގެ ޔައުމިއްޔާގެ 40 ވަނަ ޞަފުޙާގެ 21 އަދި 22 ވަނަ ފޮޅުވަތް ބައްލަވާށެވެ!

އެންމެ ފުރަތަމަ ކުރު ޖަވާބެވެ.

ނޫނެކެވެ! ޙިޞާނުގެ ނުވަތަ މަޖިލިހުގެ ޤަރާރުގައި އޮތީ މުޅީން ނުބައިކޮށެވެ. ރައްޔިތުންގެ މަޖިލިހުން ކުރާ ކަމެއްގެ ޞައްޙަކަން ބަލައި އެއާ މެދު ފައިޞަލާ ކުރުމަށް އެއްވެސް ކޯޓަކަށް ބާރެއް ލިބިގެން ނުވާ ކަމަކަށް ޤާނޫނުއަސާސީގެ 88 (ށ) އަކު ވެސް، އަދި ޤާނޫނުއަސާސީގެ އެހެން މާއްދާޔަކު ވެސް ނޯންނާނެއެވެ. އަދި ކިޔެއްތަ، މަޖިލިހުން ވިޔަސް އަދި އެހެން ފަރާތަކުން ވިޔަސް ޤާނޫނުއަސާސީއާ ޚިލާފު ވެއްޖެ ކޮންމެ ޙާލަތެއްގައި، ޤާނޫނުއަސާސީއާ ޚިލާފަށް ކޮށްފައި އޮތް ކަމެއް ބާޠިލު ކަމަށް ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓަށް ލިބިގެން ވާކަން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާ އާއި، 145 ވަނަ މާއްދާ އާއި، 8 ވަނަ މާއްދާ އާއި، 268 ވަނަ މާއްދާ އާއި 299 ވަނަ މާއްދާ ފަދަ މާއްދާތަކުން ޞަރީޙަކޮށް އެނގޭން އެބައޮތެވެ.

ދެން ދިގު ޖަވާބަށް ދަމާ ހިންގަވާށެވެ.

"ދިގު ޖަވާބު" ދަންނަވައިލާނީ ހަތަރު ނުކުތާޔަކުންނެވެ.

ފުރަތަމަ ނުކުތާ

ދިވެހި ބަހުގެ ޤަވާޢިދުގެ އުސްތާޛުން "ފުށަތު ފިލި ޖެހެވުނު ގަވިޔަންޏެއްގެ" ވާހަކަ ވިދާޅުވެއެވެ.

ބެލެވޭ ގޮތުގައި މި "ގަވިޔަންޏެއްގެ" ވާހަކަ އެންމެ ފުރަތަމަ ޤަވާޢިދުގެ ފޮތްތަކުގައި ލިޔުއްވެވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. "ފުށަތު ފިލި ޖެހެވުނު ގަވިޔަނި" އަކީ ކޮބައިކަމާއި، ދިވެހި ބަހުގެ ޤަވާޢިދުގައި އެ "ގަވިޔަނީ" ގެ ދައުރަކީ ކޮބައިކަން، ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ދީދީ ލިޔުއްވި "ފިޔަވަޅު" ސިލްސިލާގެ ތިންވަނަ ފޮތުގެ 13 ވަނަ ޞަފުޙާގައި ވެސް ބަޔާން ކޮށްދެއްވައިފައި ވެއެވެ. މި "ގަވިޔަނި" އަންނާނީ އިސްމެއް ނުވަތަ ނަމެއްގެ ފަހަތަށް، އެ ނަމަކާ ގުޅިގެންނެވެ. މި "ގަވިޔަނީ" ގެ އޮންނަނީ ދެ ދައުރެކެވެ. އެއް ދައުރަކީ މިލްކުވެރިކަން އޮތްކަން ބަޔާން ކުރުމެވެ. ދެވަނަ ދައުރަކީ މިލްކުވެރިކަމުގެ ގޮތުން ނޫނަސް، ނިސްބަތް ވެގެން ވާކަން ބަޔާން ކުރުމެވެ. އިނގިރޭސި ބަހުގައި ބޭނުން ކުރާ އިޞްޠިލާޙަކުން މި ދެންނެވި "ގަވިޔަނި" ސިފަ ކުރާ ނަމަ، އެއީ "ޕުޒެސިވް ކޭސް" އެވެ. މި "ގަވިޔަނި" މިލްކުވެރިކަން އޮތްކަން ބަޔާން ކޮށްދިނުމުގެ ގޮތުން ބޭނުން ކުރެވޭ ގޮތް ދެއްކެވުމަށް ޝައިޚް ޖަމީލްދީދީ ގެންނަވައިފައި ވާ މިސާލަކީ "ދޮންތުއްތުގެ ގަލަން" މިއެވެ. ނިސްބަތް ވެގެންވާ ކަން ބަޔާން ކޮށްދޭ ގޮތް ދައްކަވައިދެއްވައިފައި ވަނީ "ގަލަމުގެ ތުނޑު" އާއި، "ބޮލުގެ އިސްތަށި" އާއި، "މަލުގެ ފިޔަ" އާއި، "ހަބަރުގެ ރަހަ" މި މިސާލުތަކުންނެވެ. އިތުރު މިސާލުތަކެއް ދަންނަވަނީ ނަމަ، "ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް" އާއި "ސުޕްރީމް ކޯޓުގެ އިޚްތިޞާޞް" އާއި "ރައްޔިތުންގެ މަޖިލިހުގެ ކަންކަން" މި ހުރިހައި މިސާލުތަކެއްގައި ވެސް އިސްމުގެ ފަހަތަށް "ގަވިޔަނި" ގެނެވިފައި އެވަނީ މި އުޞޫލުންނެވެ. މިއިން ކޮންމެ ތަނެއްގައި ވެސް، އެ "ގަވިޔަނީ" ގެ ދައުރަކީ، އެ އަކުރު އެ އިސްމަކާ ގުޅުވައިލެވޭ އިސްމަށް އެއްޗެއް ނުވަތަ ކަމެއް ނިސްބަތް ކުރުން ނުވަތަ މިލްކުވެރިކަން ބަޔާން ކޮށްދިނުމެވެ.

"ފުށަތު ފިލި ޖެހެވުނު ގަވިޔަނި" އިން ކުރާ އެންމެ މުހިއްމު ކަމަކީ، އެ "ގަވިޔަނި" ގުޅޭ އިސްމު ފިޔަވައި އެހެން ފަރާތަކަށް އެ ނިސްބަތް ކުރެވޭ ނުވަތަ މިލްކު ވެގެންވާ އެތި ނުވަތަ ކަން ނިސްބަތް ނުކުރެވޭނެކަން އަދި މިލްކު ވެގެން ނުވާކަން ބަޔާން ކުރުމެވެ. މިސާލަކަށް، "އަޙުމަދުގެ ގެ" މިހެން ބުނުމުން، އެ ގެޔަކީ އަޙުމަދުގެ ގެ ކަމާއި، އެއީ އެހެން މިހެއްގެ ގެއެއް ނޫންކަން ސާފު ވެއެވެ. "އަޙްމަދުގެ ގެ" އަކީ އިބްރާހީމް، ނުވަތަ މުޙައްމަދު، ނުވަތަ ޙަސަންގެ ގެއެއް ނޫނެވެ. އެއީ ހަމައެކަނި އަޙްމަދުގެ ގެއެވެ. އެ ގޭގެ ކަންކަމަކީ އަޙްމަދުގެ ކަންކަމެވެ. އެހެން މީހެއްގެ ކަމެއް ނޫނެވެ. ހަމަ އެފަދައިން، އަޙްމަދު ކުރާ ކަންކަމުގެ ތެރެއިން "ގޭގެ" ކަންކަމަކީ ހަމައެކަނި ގޭގެ ކަންކަމެވެ. އަޙްމަދު ދުނިޔެމަތީގައި ކުރާހައި ކަންކަމަކީ އަޙްމަދުގެ "ގޭގެ ކަންކަމެއް" ނޫނެވެ. އަޙުމަދަކީ މުދައްރިސެއް ނަމަ، އަޙްމަދު މަދަރުސާގައި މުދައްރިސެއްގެ ޙައިޘިއްޔަތުން އަދާ ކުރާ ވާޖިބުތަކަކީ އަޙްމަދުގެ "ގޭގެ ކަންކަމެއް" ނޫނެވެ. އަޙްމަދަކީ ޕާޓްޓައިމްކޮށް ނޫހަކަށް ލިޔާ ލިޔުންތެރިޔެއް ނަމަ، އެ ނޫހާއި ނޫހަށް ލިޔުމުގެ މަސައްކަތްތަކަކީ ވެސް "ގޭގެ ކަމެއް" ނޫނެވެ. އަޙްމަދު އޭނާގެ "ކޮއްކޮގެ ގޭގެ ފެންހޮޅިއެއް މަރާމާތު ކުރުމުގެ މަސައްކަތުގައި" އެހީތެރި ވެދިނަސް، އެއީ "އަޙްމަދުގެ ގޭގެ ކަމެއް" ކަމުގައެއް ނުވާނެއެވެ. އަޙްމަދު "މިއަދު މި އުޅެނީ ގޭގެ ކަމެއްގައި ވަރަށް ބުރަކޮށޭ" ބުނީމާ، އެއިގެ މާނަޔަކީ މަދަރުސާގެ ނުވަތަ އޭނާގެ މުދައްރިސުކަމުގެ ވަޒީފާޔާ ބެހޭ އެއްވެސް ކަމެއް ނުހިމެނޭ ގޮތުން، އަދި ލިޔުންތެރިޔެއްގެ ގޮތުން ކުރާ އެއްވެސް ކަމެއް ނުހިމެނޭ ގޮތުން، އޭނާގެ ގޭގެ ކަންކަމެވެ. އަޙްމަދުގެ ގޭގެ ފުރާޅުން ފެން ލީކު ވާތީ ފުރާޅު މަރާމާތު ކުރުން، ނުވަތަ ގޭގެ ކުލަ އާ ކުރުން، ނުވަތަ ގޭގެ ގޯތިތެރޭގައި މާ ގިނައިން ކުނި އޮތީތީ ސާފު ކުރުން، ނުވަތަ ގެއަށް ބޭނުންވާ ތަކެތި ގަންނާން ބާޒާރަށް ދިޔުން ފަދަ ކަންކަމެވެ. އަޙުމަދު "ގޭގެ ކަންކަން" ކުރަނީއޭ ބުނުމުން، އަޙްމަދު ކުރާ ހުރިހައި ކަންކަމެއް އޭގެ ތެރެޔަކަށް ނުވަދެއެވެ. އޭގެ ތެރެޔަށް ވަންނަނީ ހަމައެކަނި ސީދާ ގޮތެއްގައި އަޙްމަދުގެ ގޭގެ ކަންކަމެވެ. މި ދަންނަވާ އެއްޗެއް ސާފު ނޫންތޯއެވެ؟ މިއީ ދިވެހި ބަހުގައި "ފުށަތު ފިލި ޖެހެވުނު ގަވިޔަނީގެ" ޤަވާޢިދު އޮތް ގޮތެވެ. ހަމަ އެ އުޞޫލުން، "ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކޭ" ބުނީމާ، އެއިގެ މާނަޔަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކެވެ. އެއީ އެހެން އެއްވެސް ފަރާތެއްގެ މަސްއޫލިއްޔަތުތަކެއް ނުވަތަ ވާޖިބުތަކެއް ނޫނެވެ. "ރައްޔިތުންގެ މަޖިލިހުގެ ކަންކަން" މިހެން ބުނާ ޢިބާރާތް ވެސް، މާނަ ކުރެވޭނީ ހަމަ މި އުޞޫލުންނެވެ. ޔަޢުނީ، އެ ޢިބާރާތުން އެ ބުނަނީ އެހެން ފަރާތެއްގެ ކަންކަން ކަމުގައި ނުހިމެނޭ، ހަމައެކަނި ރައްޔިތުންގެ މަޖިލިހުގެ އަމިއްލަ ކަންކަމުގެ ވާހަކައެވެ. މަޖިލިހުގެ އިދާރީ ކަންކަމާއި، މަޖިލިހުގެ އެތެރޭގެ ނިޒާމު ހިންގުމާ ބެހޭ، މަޖިލިހުގެ "އިންޓަރނަލް އެފެއަރޒް" ގެ ވާހަކައެވެ.

ދެން ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ބައްލަވައިލައްވާށެވެ! އެ މާއްދާގައި އޮންނާނީ "މި ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހައި ހިނދަކު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށް ޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއްނޭޅޭނެއެވެ" މިހެންނެވެ. އާދެ، "މަޖިލީހުގެ އެއްވެސް ކަމެއް" މިހެންނެވެ. 88 (ށ) ރަނގަޅަށް ބައްލަވައިލެއްވުމަށް ފަހު، ދެން އެއްކަލަ ޙިޞާނު ޙުސައިން ހުށައަޅުއްވައިގެން، 19 ޖޫންގައި މަޖިލިހުން ފާސް ކުރެއްވި ޤަރާރު ބައްލަވައިލައްވާށެވެ! ޤަރާރުގައި އޮންނާނީ ޤާނޫނުއަސާސީގެ މާއްދާގައި އޮތް ގޮތަކަށް ނޫނެވެ. "ރައްޔިތުންގެ މަޖިލިހުން ކުރާ ކަމެއްގެ" މި ގޮތަށެވެ. ޤާނޫނުއަސާސީ ނުބައިކޮށް ކޯޓު ކޮށްފައެވެ. ޤާނޫނުއަސާސީގައި ނެތް ޢިބާރާތެއް، ޤާނޫނުއަސާސީގައި އޮތް ކަމަށް ބުނެފައެވެ. ޤާނޫނުއަސާސީގައި އޮތް ގޮތޭ ބުނެ ދޮގެއް ހަދައިފައެވެ. ޤާނޫނުއަސާސީގެ ޢިބާރާތެއްގެ ލަފުޒެއްގައި އޮތް "ފުށަތު ފިލި ޖެހެވުނު ގަވިޔަނި" ނަގައި އެއްލައިލައިފައެވެ. އެ "ގަވިޔަނީގެ" މަޤާމަށް "އިން" ގެނެސް، "މަޖިލިހުގެ" މިހެން އޮތް ތަން، "މަޖިލިހުން" މި ގޮތަށް ބަދަލު ކޮށްފައެވެ.

ކީއްވެގެންތޯ މި ސުވާލަށް ޖަވާބެއް ބޭނުންފުޅުތޯއެވެ؟

ޖަވާބު ބޭނުންފުޅު ބެއިފުޅުންނަށް ދަންނަވައިލާން އޮތީ، ޖަވާބު ވަރަށް ސާފޭއެވެ.

އާދޭހެވެ! ލިޔުމެއްގައި އޮތް ޢިބާރާތެއް ނުވަތަ ޖުމުލައެއް، ނުވަތަ މީހަކު ބުނި އެއްޗެއް، އޮޅުވައިލައި، އޭގައި ބުނާ ވާހަކަ ފޮރުވައި، އޭގައި ނުބުނާ ވާހަކަތަކެއް އެޔަށް ނިސްބަތް ކުރާން ބޭނުންވާ މީހަކު އެންމެ ފުރަތަމަ ކުރާނެ ކަމަކީ، އަޞްލު ޢިބާރާތް ނުވަތަ ޖުމުލަޔަށް ބަދަލުތައް ގެނައުމެވެ. އޭގައި ހުރި ކޮމާތަކާއި، ކޮމާކޯޅިތަކާއި، އެ ބާވަތުގެ އެހެނިހެން ފާހަގަތަކާއި، އޭގައި ބޭނުން ކޮށްފައި ހުރި ލަފުޒުތަކާއި، ޢިބާރާތް ކޮށްފައި އޮންނަ ގޮތް ބަދަލު ކޮށް އޮޅުވައިލުން ފަދަ ކަންކަމެވެ. ޙިޞާނުގެ ޤަރާރުގައި ވެސް ހައްދަވައިފައި އޮތް އެއްޗަކީ މިއެވެ. ޤާނޫނުއަސާސީގައި "ރައްޔިތުންގެ މަޖިލިހުގެ އެއްވެސް ކަމެއް" މިހެން އޮތް ތަން، "ރައްޔިތުންގެ މަޖިލިހުން ކުރާ އެއްވެސް ކަމެއް" މި ގޮތަށް ބަދަލު ކުރައްވައި އޮޅުވައިލެއްވީއެވެ. މި ދެ ގޮތުގެ މާނަ ތަފާތު ވާތީއެވެ. ފުރަތަމަ ގޮތުގައި، "ފުށަތު ފިލި ޖެހެވުނުނު ގަވިޔަނީ" ގެ ގްރެމެޓިކަލް ދައުރުގެ ސަބަބުން ނެރެވޭ މާނަޔަކީ ހަމައެކަނި "މަޖިލިހުގެ" ކަންކަމެވެ. އާދެ، މަޖިލިހުގެ އަމިއްލަ ކަންކަމެވެ. މަޖިލިހުގެ އިދާރީ ކަންކަމާއި، މަޖިލިހުގެ ނިޒާމު ހިންގުމާ ބެހޭ އެތެރޭގެ ކަންކަމެވެ. މަޖިލިހުގެ "އިންޓަރނަލް އެފެއަރޒް" އެވެ. މަޖިލިހުގެ ދައުރު ފަށާ ދުވަހާއި ނިންމާ ދުވަހެވެ. މަޖިލިހުގެ ޖަލްސާތައް ބާއްވާ ދުވަސްތަކެވެ. މަޖިލިހުގެ ޖަލްސާތައް ފަށައި، ކުރިޔަށް ގެންގޮސް، ނިންމުމާ ބެހޭ އިޖުރާއާތުތަކެވެ. މަޖިލިހުގެ މަސައްކަތުގައި ތަބަޢަ ވާނޭ އެތެރޭގެ ޤަވާޢިދުތަކެވެ. މެންބަރުންނަށް ޗުއްޓީ ދޭ ގޮތެވެ. މެންބަރުންގެ މުސާރައިގެ ކަންކަމެވެ. މެންބަރުންގެ ހާޒިރީގެ ކަންކަމެވެ. މަޖިލިހުގައި ވޯޓު ދިނުމާއި ވޯޓު ރިކޯޑު ކުރުން ފަދަ ކަންކަމެވެ. މަޖިލިހުގެ ޔައުމިއްޔާ ލިޔުމާއި ރިކޯޑުތައް ބެލެހެއްޓުމުގެ ކަންކަމެވެ. މަޖިލިހުގެ ޖަލްސާތައް ފަށާ އަދި ނިންމާ ވަގުތެވެ. ޖަލްސާތައް ލައިވް ކުރުމާއި ނުކުރުމުގެ ކަންކަމެވެ. ޖަލްސާތައް ކުރިޔަށް ގެންދިޔުމާއި، ޖަލްސާތަކުގައި ނިންމުންތައް ނިންމުމުގައި ޢަމަލު ކުރާނޭ އިޖުރާއާތުތަކެވެ. މެންބަރުންގެ ސުލޫކީ މިންގަނޑާއި، މެންބަރުންނާ މެދު ސުލޫކީ ފިޔަވަޅު އެޅުމާއި، މަޖިލިހުގެ އެތެރޭގައި ހެދުން އެޅުމުގެ އަދަބުތައް ފަދަ ކަންކަމެވެ. މެންބަރުން އެކަކު އަނެކަކަށް މުޚާޠަބު ކުރުމުގައި ގެންގުޅޭން ވީ ހަމަތަކެވެ. މަޖިލިހުގެ މުއައްޒަފުންގެ އޮނިގަނޑާއި މަސްއޫލިއްޔަތުތައް ކަނޑައެޅުމެވެ. މަޖިލިހުގެ އިދާރާ ހުޅުވުމާއި ލެއްޕުމެވެ. މިއީ ހައްތަހާ ވެސް "މަޖިލިހުގެ" ކަންކަމެވެ.

އެއާ ޚިލާފަށް، "ރައްޔިތުންގެ މަޖިލިހުން ކުރާ ކަންކަން" މިހެން ބުނީމާ، މާނަ އެތައް ތަނެއް ފުޅާ ވެގެން ދެއެވެ. މަޖލިހުން މަޖިލިހުގެ އެތެރޭގެ، މަޖިލިހުގެ އިދާރީ، މަޖިލިހުގެ އަމިއްލަ ނިޒާމުގެ ކަންކަން ވެސް ކުރާނެއެވެ. ހަމައެހެންމެ، މަޖިލިހުން މަޖިލިހުގެ ކަންކަން ކަމުގައި ނުހިމެނޭ ކަންކަން ވެސް ކުރާނެއެވެ. މިސާލަކަށް، މަޖިލިހުން ކޯޓުތަކުގެ ކަންކަމާ ބެހޭ ޤާނޫނު ހަދާނެއެވެ. އެޓަރނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކުގެ ކަންކަމާ ބެހޭ ޤާނޫނުތައް ހަދައި ނިންމުންތައް ނިންމާނެއެވެ. ސިފައިންގެ ކަންކަމާ ބެހޭ ޤާނޫނުތައް ހަދާނެއެވެ. މުޅި ދައުލަތުގެ ބަޖެޓާ ބެހޭ ޤާނޫނުތައް ހަދައި ނިންމުންތައް ނިންމާނެއެވެ. ވަޒީރުންގެ މަޖިލިހާއި ތަންފީޛީ ބާރުގެ ކަންކަމާ ބެހޭ ޤާނޫނުތައް ހަދައި ނިންމުންތައް ނިންމާނެއެވެ. މިހެން ގޮސް، މަޖިލިހުން މުޅި ދައުލަތާއި ޤައުމާ ގުޅޭ އެތައް ކަމެއް ކުރާ އިރު، އެ ހުރިހައި ކަންތައްތަކަކީ ނުވަތަ މަޖިލިހުގެ ހުރިހައި މަސައްކަތްތަކަކީ "މަޖިލިހުން" ކުރިޔަސް، "މަޖިލިހުގެ" ކަންކަމެއް ނޫނެވެ. މަޖިލިހުގެ ކަންކަން ކަމުގައި ވާނީ، ދިވެހި ބަހުގައި ފުށަތު ފިލި ޖެހެވުނު ގަވިޔަނީގެ ހަމައިގެ ދަށުން، އެހެން ފަރާތަކާ ގުޅުމެއް ނެތް ކަންކަމެވެ. އެހެން ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ޙައްޤުތައް އެކަށައެޅުމުގެ ބަދަލުގައި ސީދާ މަޖިލިހުގެ އަމިއްލަ އިދާރީ ނިޒާމާއި، މަޖިލިހުގެ ނިޒާމު ހިންގުމާއި، މަޖިލިހުގެ މަސައްކަތްތައް ރާވައި އިންތިޒާމު ކުރުމާ ބެހޭ ކަންކަން އެކަންޏެވެ. އަޙްމަދުގެ ގޭގެ މިސާލުގެ އެހީގައި ވިސްނައިލަމާތޯއެވެ! އަޙްމަދު އޭނާގެ ކޮއްކޮގެ ގޭގެ ފެންހޮޅި މަރާމާތު ކުރުމަށް ކުރާ މަސައްކަތަކީ "އަޙްމަދުގެ ގޭގެ ކަމެއް" ކަމުގައި ވާނެތޯއެވެ؟

ބަހަވިއްޔާތާއި ދިވެހި ބަހުގެ ޤަވާޢިދުގެ އަލީގައި ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) މާނަ ކުރުމުން، ނުކުންނަ ނަތީޖާ ވަރަށް ސާފެވެ. އެ މާއްދާއިން މަނާ ކުރަނީ ހަމައެކަނި ރައްޔިތުންގެ މަޖިލިހުގެ އިދާރީ ކަންކަމާއި، މަޖިލިހުގެ އެތެރޭގެ ނިޒާމީ ކަންކަމާއި، މަޖިލިހުގެ "އިންޓަރނަލް އެފެއަރޒް" ގެ ކަންކަން ހިނގާ ގޮތާ މެދު ކޯޓުތަކަށް މައްސަލަތައް އުފުލުމެވެ. އެފަދަ މައްސަލަތައް ކޯޓުތަކުން ބަލައިގަނެ، ހިންގުމެވެ.

މި ވާހަކަ ދައްކާ އިރު، 88 (ށ) ގައި އޮންނަ "ހިނގި ގޮތުގެ" މި ޢިބާރާތާއި، "މި ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހައި ހިނދަކު" މި ޢިބާރާތަށް ވެސް ބަލައިލުން މުހިއްމު ޢިބާރާތްތަކެކެވެ.

"ހިނގި ގޮތުގެ" މި ޢިބާރާތުން ވެސް އިތުރަށް ސާފު ކޮށްދެނީ، 88 (ށ) ގެ ބާރުގައި ޤަޟާއީ މުރާޖަޢާ އާއި ރަޤާބާ ޤަޟާއިއްޔާގެ ދާއިރާއިން ބޭރުގައި ބާއްވައިދެނީ މަޖިލިހުގެ ނިޒާމީ އަދި އިދާރީ ކަންކަން އެކަނިކަމެވެ. އެހެނީ، މަޖިލިހުން ފާސް ކުރާ ޤާނޫނުތަކާއި، ދައުލަތުގެ އެހެން ގުނަންތަކާއި މިނިވަން މުއައްސަސާތަކާއި ޢާއްމު ރައްޔިތުންނާއި ޖުމުލަ ގޮތެއްގައި މުޅި ދައުލަތުގެ ކަންކަމާ ބެހޭގޮތުން މަޖިލިހުން ނިންމާ ނިންމުންތަކަކީ "މަޖިލިހުގެ ކަންތައްތައް ހިނގި ގޮތް" މި ޢިބާރާތުން ސިފަ ކުރެވޭނެ ކަންކަމެއް ނޫނެވެ. މި ޢިބާރާތުން ސިފަ ކުރެވޭނީ، ޤާނޫނު ހެދުމާއި ނިންމުންތައް ނިންމުމަށް ޓަކައި މަޖިލިހުން ކުރާ މަސައްކަތުގައި، މަޖިލިހުގެ އިންޓަރނަލް އެފެއަރޒް – މަޖިލިހުގެ އެތެރޭގެ އިދާރީ އަދި ނިޒާމީ ކަންކަން – ރާވައި އިންތިޒާމު ކޮށް ހިންގާ ގޮތެވެ.

"މި ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހައި ހިނދަކު" މި ޢިބާރާތުން ސާފުކަން ބޮޑު ގޮތެއްގައި އެނގިގެން ދަނީ، މަޖިލިހުގެ ކަންކަން ވެސް، ކޯޓުތަކުން ބެލިދާނެ ޙާލަތުތަކެއް، ޤާނޫނުއަސާސީގެ އެހެން މާއްދާތަކުގެ އަސާސުގައި އުފެދިދާނެކަމެވެ. އެހެންކަމުން، މި ޢިބާރާތް އިޝާރާތް ކުރަނީ މަޖިލިހުގެ އެތެރޭގެ އިދާރީ އަދި ނިޒާމީ ކަންކަމަށް "ޤަޟާއީ ޕްރޮސީޑިންގްސް" އިން ނުވަތަ "ރަޤާބާ ޤަޟާއިއްޔާ" ގެ ނިޒާމުން ލިބިދޭ ރައްކައުތެރިކަމަކީ ވެސް މުޠުލަޤު ރައްކައުތެރިކަމެއް ނޫންކަމެވެ.

ދެވަނަ ނުކުތާ

ކީރިތި ޤުރްއާނުގެ އާޔަތެއް ކަމުގައި ވިޔަސް، ކީރިތި މާތް ނަބިއްޔާގެ ބަސްފުޅަކަށް ވިޔަސް، ޤާނޫނުއަސާސީއެއް ނުވަތަ ޤާނޫނެއްގައި ލިޔެފައި އޮތް އެއްޗަކަށް ވިޔަސް، އަދި މީހަކު ބުނެލާ ބަހެއް ކަމުގައި ވިޔަސް، އޭގެ ޙަޤީޤީ އަދި ފުރިހަމަ މާނަ ދެނެގަނެވޭނީ އޭގެ "ސިޔާގު" ނުވަތަ "ކޮންޓެކްސްޓް" ފުރިހަމަޔަށް އެނގިގެންނެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ޙަޤީޤީ މާނަ ދެނެގަތުމަށް ޓަކައި، އެ މާއްދާގެ ސިޔާގަށް ބަލައިލުމަކީ ވެސް ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ. އެ މާއްދާގެ މަޤްޞަދާއި ރޫޙު ވެސް އެނގޭނީ ސިޔާގަށް ތަޙްލީލީ ވިސްނުމަކުން ބަލައިގެން ކަމަށް ވާތީއެވެ.

88 (ށ) ގެ ސިޔާގަށް ބަލާ އިރު، އެންމެ މުހިއްމީ އެ މާއްދާގެ އަރިމަތީ ސުރުޚީ އާއި، އެ މާއްދާގެ އަނެއް ބައި ކަމުގައި ހިމެނޭ 88 (ހ) އެވެ.

މި ޙާލަތުގައި އަޅުގަނޑުމެން އަރިމަތީ ސުރުޚީޔަށް ބަލާނީ، އެއީ ޤާނޫނުއަސާސީގެ ބައެއް ކަމުގައި ވާތީއެއް ނޫނެވެ. އެހެނީ، ޤާނޫނެއްގެ އަރިމަތީ ސުރުޚީތަކަކީ ޤާނޫނުގެ ބައެއް ނޫން ކަމީ، ޤާނޫނު މާނަ ކުރުމުގައި ގެންގުޅޭ އެއް ހަމައެވެ. އެހެން ނަމަވެސް، އަރިމަތީ ސުރުޚީ އަކީ ސިޔާގުގެ ބައެއް ކަމުގައި ވާތީ، އެއަށް ވެސް ބަލައިލާން ޖެހެނީއެވެ. 88 ވަނަ މާއްދާގެ އަރިމަތީ ސުރުޚީގައި އޮންނަނީ "ހިންގުމުގެ ޤަވާޢިދު ކަނޑައެޅުން" މިހެންނެވެ. މި ސުރުޚީ އިޝާރާތް ކުރަނީ ކޮން ކަމަކަށްތޯއެވެ؟ އާދޭހެވެ! މި ސުރުޚީން ބުނާ ވާހަކަޔަކީ، 88 ވަނަ މާއްދާޔަކީ ރައްޔިތުންގެ މަޖިލިހުގެ ހިންގުމުގެ – އެ މަޖިލިސް ދައުލަތުގެ ގުނަނެއް ނުވަތަ ކިޔާނެއްގެ ގޮތުގައި ދުވަހުން ދުވަހަށް ހިންގައި "އެޑްމިނިސްޓަރ" ކުރުން – ކަންކަމާ ބެހޭ މާއްދާއެކޭ މިއެވެ. މި ހިސާބުން ވެސް، މި މާއްދާއިން ރައްޔިތުންގެ މަޖިލިހަކީ ކޯޓުތަކަށް އަތް ނުލެވޭ ހިސާބުގައި އޮންނަ، ޤާނޫނުއަސާސީއަށް ވުރެ މަތީގައި އޮންނަ ފަރާތެކޭ ބުނާ ބުނުމެއް މި މާއްދާގައި އޮވެދާނެކަން ޤަބޫލު ކުރާން ދަތި ވެއެވެ. އެހެނީ، އެފަދަ ބޮޑު ވާހަކައެއް ޤާނޫނުއަސާސީގައި ބުނަންޏާ ބުނާން ވާނީ، މަޖިލިހުގެ އިދާރީ ނިޒާމާއި ހިންގުމާ ބެހޭގޮތުން އޮންނަ މާއްދާއެއްގެ ފަހު ޖުމުލައިގައި ނުވަތަ ނިންމާ ބައިގައިކަމަށް ވެދާނެ ކަމަށް ހަމަބުއްދި ޤަބޫލެއް ނުކުރެއެވެ.

ދެން، 88 (ހ) އަށް ބަލައިލަމާ ހިންގަވާށެވެ! އެ މާއްދާގައި ދެ ނަންބަރެއް އޮވެއެވެ. 1 އަދި 2 އެވެ. 1 ވަނަ ނަންބަރުގައި ވެސް އޮންނަނީ، މަޖިލިހުގެ އިދާރީ ކަންކަމުގެ ވާހަކައެވެ. މުއައްޒަފުން ލެއްވުމާއި، މުއައްޒަފުން ވަކި ކުރުމާއި، މުއައްޒަފުންގެ މުސާރަ ކަނޑައެޅުމާއި، މަޖިލިހުގެ ޖަލްސާތަކާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ވާހަކައެވެ. މި ކަންކަން ކުރާނީ މަޖިލިހުންނޭއެވެ. މި ކަންކަމާ ބެހޭ ޤަވާޢިދުތައް ހަދާނީ ވެސް މަޖިލިހުންނޭއެވެ. 2 ވަނަ ނަންބަރަށް ބަލައިލާ އިރު، ބުނާ ވާހަކަތައް ތަފާތު ވިޔަސް، އެ ވާހަކަތަކުގެ ވެސް ދާއިރާޔަކީ ހަމަ މަޖިލިހުގެ ހިންގުމުގެ ނިޒާމާއި އިދާރީ ކަންކަމާއި، "އިންޓަރނަލް އެފެއަރޒް" އެވެ. މަޖިލިހުގައި ހަރުދަނާ، ދެފުށް ފެންނަ، ދީމިޤްރާޠީ އުޞޫލުތަކަށް ފެތޭ، ޖަވާބުދާރީ ވަނިވި ނިޒާމެއް ޤާއިމު ކުރުމާއި، މަޖިލިހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތައް ކަނޑައެޅުމާއި، މެންބަރުންގެ ހާޒިރީއާ ގުޅޭ އުޞޫލުތައް އެކުލަވައިލުމާއި، މެންބަރުންގެ މުސާރަޔާއި ޢިނާޔަތްތައް ކެނޑޭނެ ގޮތްތައް ކަނޑައެޅުން ފަދަ ކަންކަމެވެ. އެހެން ފަރާތަކާ ގުޅުމެއް ނެތް، އަދި ސީދާ މަޖިލިހުގެ އަމިއްލަ ނިޒާމީ އަދި އިދާރީ ކަންތައްތައް ފިޔަވައި އެހެން ކަމެއް މި މާއްދާޔަކު ނެތެވެ.

ދެން އަންނަނީ 88 (ށ) އެވެ. "މި ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހައި ހިނދަކު، ރައްޔިތުންގެ މަޖިލިހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ޞައްޙަކަން ބެލުމަށް ޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއްނޭޅޭނެއެވެ" މި ޢިބާރާތުންނެވެ. 88 ވަނަ މާއްދާގެ މުޅި ނައްޞުގެ ސިޔާގުން މި ޢިބާރާތް މާނަ ކުރުމުން، މި ޢިބާރާތުން ރައްޔިތުންގެ މަޖިލިހުގެ އިދާރީ އަދި ނިޒާމީ ކަންކަމާއި "އިންޓަރނަލް އެފެއަރޒް" ގެ ކަންކަން ފިޔަވައި އެހެން އެއްވެސް ކަމެއް މާނަ ކުރެވޭނެ އެއްވެސް ގޮތެއް ނުފެނެއެވެ.

ދެން، މިފަދައިން މާއްދާއެއް އޮތުމުގެ މަޤްޞަދަށް ބަލައިލަމާތޯއެވެ! އެއްވެސް އޮޅުމެއް ނެތް ގޮތުގައި، އެ މަޤްޞަދަކީ ރައްޔިތުންގެ މަޖިލިހަށް ޤާނޫނުއަސާސީއާ ޚިލާފަށް ޤާނޫނު ހެދުމާއި، ނިންމުންތައް ނިންމުމާއި، ޢަމަލުތައް ކުރުމުގެ ލައިސަންސެއް ދިނުން ކަމުގައެއް ނުވާނެއެވެ. މަޖިލިސް ޤާނޫނުއަސާސީއަށް ވުރެ މައްޗަށް އުފުލައި، ދިވެހި ދައުލަތުގައި "ޤާނޫނުގެ ވެރިކަން" ނެތިކޮށްލުން ކަމުގައެއް ނުވާނެއެވެ. މަޖިލިހުން ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ޢަމަލަކުން ނުވަތަ ނިންމާ ނިންމުމަކުން ނުވަތަ ހަދާ ޤާނޫނަކުން، ޤާނޫނުއަސާސީގެ ބާރު ކެނޑި، މީހުންގެ ޙައްޤުތައް ގެއްލި، ދައުލަތުގެ ނިޒާމު ހަލާކު ވެގެން ދާ ޙާލަތުގައި ވެސް އެކަން ހުއްޓުވޭނެ ދޮރު ބަންދު ކުރުން ކަމުގައެއް ނުވާނެއެވެ. ޝައްކެއް ނެތް ގޮތުގައި، 88 (ށ) ގެ މަޤްޞަދަކީ، ރައްޔިތުންގެ މަޖިލިހަކީ ރާއްޖޭގެ ދައުލަތުގެ ސިޔާދަތު ތަޖުސީމު ކުރާ އެންމެ މަތީ ފަރާތް ކަމުގައި ހެދުމެއް ނޫނެވެ. ރާއްޖޭގައި "ބަރުލަމާނީ ސިޔާދަތު" ގެ މަބްދައު ޤާއިމު ކުޅައުން ނުވަތަ ޤަރާރު ކުޅައުމެއް ނޫނެވެ. މިއިން ކަމެއް ކުރުމަކީ އެ މާއްދާގެ މަޤްޞަދު ކަމުގައި ބަލައިގެން އެ މާއްދާ ތަރުޖަމާ ކޮށްފި ނަމަ، އެ މާއްދާ އާއި ޤާނޫނުއަސާސީގެ 4، 5، 6، 7، 8، 143، 268، އަދި 299 ވަނަ މާއްދާ ފަދަ އެތައް މާއްދާތަކަކާ ފުށު އަރާނެއެވެ. ވީއިރު، 88 (ށ) ގެ މަޤްޞަދަކީ ކޮބައިބާވައެވެ!

އަމިއްލަ އެޖެންޑާތަކާއި، ކުރީއްސުރެ ކަނޑައަޅައިފައި ހުންނަ "ލަނޑުދަނޑިތައް" އެއްފަރާތް ކޮށްފައި، އިޚްލާޞްތެރި ހިތަކާ އެކު، ހެޔޮ ވިސްނުމަކުން، އަދި ދުނިޔޭގެ އެހެން ދުސްތޫރީ ނިޒާމުތަކުގައި މިފަދަ ނައްޞުތައް ހިމަނާ ސަބަބުތަކުގެ މައްޗަށް ބަލައި ދިރާސާ ކުރުމަށް ފަހު، ވިސްނައިލައިފި ނަމަ ސާފު ވެގެން ދާނެ ފަދައިން، 88 (ށ) ފްރޭމު ކުރެވިފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ އިދާރީ އަދި އެތެރޭގެ ނިޒާމުގެ ކަންކަން ހިނގާނުހިނގާ ގޮތާ މެދު ކޯޓުތަކަށް މައްސަލަ ހުށައަޅައިގެން، އެ ނިޒާމު ހިންގުމަށް ދަތި ކުރުން ހުއްޓުވުމުގެ މުހިއްމު މަޤްޞަދުގައެވެ. ރައްޔިތުންގެ މަޖިލިހުގެ އިދާރީ އަދި ނިޒާމީ ކަންކަން ހިނގާ ގޮތާ މެދުގައި، ކޯޓުތަކަށް މައްސަލަ ހުށައެޅުމުގެ ފުރުޞަތު އޮންނަ ނަމަ، ދެން ހިނގައިފާނެ ނުވަތަ ހިނގާނޭ ކަންކަން ތަޞައްވުރު ކޮށްލުމީ އުނދަގޫ ކަމެއް ނޫނެވެ. މިސާލަކަށް، މަޖިލިހުން ބަންދު ދުވަހެއްގައި ނުވަތަ ދައުރުން ބޭރުގެ ތާރީޚެއްގައި ޖަލްސާއެއް ބާއްވާން ނިންމައިފާނެއެވެ. ދެން، އެ ޖަލްސާ ބޭއްވުމަށް ހުރަސް އަޅާން ސިޔާސީ މަޤްޞަދުތަކެއްގައި އުޅޭ ބަޔަކު، ޖަލްސާ ބާއްވައިގެން ނުވާނެޔޭ ބުނެ ކޯޓަށް މައްސަލަ ހުށައަޅައިފާނެއެވެ. އަދި ޖަލްސާ ބޭއްވުން ހުއްޓުވުމަށް އަމުރުތަކާއި ވަގުތީ އަމުރުތަކަށް އެދި ހުށައަޅައިފާނެއެވެ. ނުވަތަ، މަޖިލިހުގެ ރިޔާސަތުން ޖަލްސާއެއް ހިނގަމުންދާ ވަގުތު މެންބަރަކު ޖަލްސާއިން ބޭރު ކުރުމުން، ދެން އެ މެންބަރު އެ ޖަލްސާގެ ބާކީ ބަޔަކީ ޤަވާޢިދާ ޚިލާފަށް ބޭއްވި، ޤާނޫނުއަސާސީން އޭނާގެ ދާއިރާގެ ރައްޔިތުންނަށް ލިބިދޭ ރިޕްރެޒެންޓޭޝަނުގެ ޙައްޤު ނިގުޅައިގަނެގެން ޣައިރުދުސްތޫރީ ގޮތެއްގައި ކުރިޔަށް ގެންދިޔަ ޖަލްސާއެއް ކަމަށް ވިދާޅުވެ ކޯޓަށް މައްސަލަ ހުށައަޅުއްވައިފާނެއެވެ. އެ ޖަލްސާއިން އޭނާ ބޭރު ކުރުމަށް ފަހު ޤާނޫނެއް އެއްޗެއް ފާސް ކުރެވުނު ނަމަ، އެ ޤާނޫނަކީ ވެސް ޣައިރުދުސްތޫރީ ޤާނޫނެއް ކަމަށް ވިދާޅުވެ ކޯޓުގައި ދަޢުވާ އުފުއްލަވައިފާނެއެވެ. މިފަދަ މައްސަލަތައް ކޯޓަށް ހުށައެޅުމުން، ދެން ކޯޓުން ޖެހޭނީ ޝަރީޢަތް ކުރާށެވެ. ވަގުތީ އަމުރުތައް ނެރެދޭނެތޯ ނުވަތަ ނޫންތޯ މި ކަންކަމުގައި ނިންމުންތައް ނިންމާށެވެ. މަޖިލިހުން އިންތިޒާމު ކޮށްފައި އޮންނަ ޖަލްސާ ބޭއްވިދާނެތޯ ނުވަތަ ނޫންތޯ، ނުވަތަ ކުރިޔަށް ގެންދިޔަ ޖަލްސާއެއް ކުރިޔަށް ގެންދިޔައީ ދުސްތޫރީ އިންތަކުގެ ތެރޭގައިތޯ ކަނޑައަޅާށެވެ. އެފަދަ ޖަލްސާއެއްގައި ޤާނޫނެއް ފާސް ކުރެވުނު ނަމަ، އެ ޤާނޫނަކީ ޞައްޙަ ޤާނޫނެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާށެވެ. މި ސުވާލުތަކަށް ޤަޟާއީ ގޮތުން ޖަވާބު ހޯދުމަށް ޓަކައި އެތައް ދުވަހެއް ފާއިތު ވެގެން ހިނގައިދާނެއެވެ. އެތައް އަޑު އެހުމެއްގައި، އެތައް ބަޔަކުގެ ވާހަކަ އަޑު އަހާން ޖެހިދާނެއެވެ. ވަކީލުން އެތައް ބަޔާންތަކެއް ލިޔެ ކޯޓަށް ހުށައަޅައި، ފަނޑިޔާރުން އެ ބަޔާންތަކާއި، ކަމާގުޅޭ ދިރާސާތައް ކުރެއްވުމުގައި އެތައް ވަގުތެއް ހޭދަ ކުރައްވާން ޖެހޭނެއެވެ. މި އިޖުރާއާތުތައް ހިންގުމުގައި، ކޯޓުގެ ފަނޑިޔާރުންނާއި މުއައްޒަފުންގެ އެތައް ވަގުތެއް ވެސް ބޭކާރު ވެގެން ދާނެއެވެ. ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލުންނާއި، މަޖިލިހުގެ ޤާނޫނީ މުއައްޒަފުންނާއި، އިތުރު އެތައް ބަޔަކުގެ ވަގުތު ބޭކާރު ވަމުން ދާނެއެވެ. މިފަދަ މައްސަލައެއް ހައިކޯޓުން ބަލައިފި ނަމަ، އޭގެ މައްޗަށް، ސުޕްރީމް ކޯޓުގައި ހިންގާ އިސްތިއުނާފުގެ މަރުޙަލާ ވެސް އޮންނާނެއެވެ. ދެން ވިސްނަވާށެވެ! މިފަދައިން ކަންކަން ހިނގާ ނަމަ، މަޖިލިހުގެ ޖަލްސާތައް ބޭއްވުމަށް ދަތި ނުވާނެތޯއެވެ! މުޅި ނިޒާމު ހިންގުމަށް ދަތި ނުވާނެތޯއެވެ؟ މަޖިލިހުން ކުރާން ޖެހޭ ކަންކަން ކުރުމުގެ ބަދަލުގައި، މަޖިލިހުގެ އިދާރީ އަދި ނިޒާމީ ކަންކަމާ ގުޅޭގޮތުން ހުށައެޅޭ މައްސަލަތަކާއި އެ މައްސަލަތަކުގައި ކޯޓުން ނިންމާ ނިންމުންތަކަށް މަޖިލިހުގެ ސަމާލުކަން ދޫ ކުރާން ޖެހުމުގެ ސަބަބުން މަޖިލިހުގެ ޙަޤީޤީ ދުސްތޫރީ މަސްއޫލިއްޔަތު އަދާ ނުކުރެވޭތަން ނާންނާނެތޯއެވެ؟ މިފަދަ މައްސަލަތަކުގެ ސަބަބުން ކޯޓުތަކާއި މަޖިލިހާ ދެމެދު "ކޫސަނި އަރައިރުންގަނޑެއް" ނުފެށި ދާނެތޯއެވެ؟ އިރުއިރުކޮޅާ، މަޖިލިހުގެ މި ބާވަތުގެ ކަންކަމާ މެދު ކޯޓުތަކަށް ހުށައެޅޭހައި މައްސަލަތައް ހިންގާން ޖެހޭ ނަމަ، ކޯޓުން އެހެން މަސައްކަތެއް ކުރެވޭނެތޯއެވެ؟ މިއީ ދައުލަތް ހިނގާނޭ ގޮތެއްތޯއެވެ؟

މި ދެންނެވި ބަޔާނުން ސާފު ވެގެން ދާނެ ފަދައިން، ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ އިދާރީ އަދި ނިޒާމީ ކަންކަމާއި މަޖިލިހުގެ "އިންޓަރނަލް އެފެއަރޒް" ތަކާ ބެހޭ ކަންކަން ހުއްޓުވުމަށާއި އެކަންކަން ހިނގާގޮތަށް ތަޢުނު ކުރުމުގެ ގޮތުން ކޯޓުތަކަށް މައްސަލަ ހުށައެޅުން މަނާ ކުރެވެނީ، އެފަދަ މައްސަލަތައް ކޯޓުތަކަށް ހުށައެޅުމާއި އެ މައްސަލަތައް ކޯޓުތަކުން ބެލުމުގެ ފުރުޞަތު އޮންނަ ނަމަ، އެފަދަ މައްސަލަތަކާ ހުރެ މަޖިލިހުގެ ނިޒާމު ހިންގުމަށް ދަތި ވާނެތީއެވެ. މަޖިލިހުގެ ދުސްތޫރީ ޒިންމާތައް އަދާ ކުރުމަށް ދަތި ވާ ޙާލަތު އަތުވެދާނެތީއެވެ. އެއީ މަޖިލިހުގެ މަސައްކަތްތައް ބުރުލެއް ނާރައި އޮމާންކަމާއެކު ކުރިޔަށް ގެންދިޔުމުގެ މަޤްޞަދުގައި ދެވޭ ރައްކައުތެރިކަމެކެވެ. މި ނުކުތާގައި އަޅުގަނޑުމެން ފާހަގަ ކުރާން ޖެހޭ އިތުރު ދެ ކަމެއް ވެސް އެބައޮތެވެ. އެއް ކަމަކީ، ދައުލަތުގެ ބާރުތައް ވަކި ކުރެވި، އެއް ދަރަޖައެއްގެ ތިން ގުނަން ދުސްތޫރީ ގޮތުން ޤާއިމު ކުރެވިފައި އޮންނަ ނިޒާމެއްގައި، އެއްވެސް ގުނަނެއްގެ އެތެރޭގެ ކަންކަމަށް އަތް ބާނައި، ގޮތް ކިޔައި ހެދުމުގެ ބާރު އެހެން ގުނަންތަކަށް ދިނުމަކީ ހަމަޖެހޭ އަދި ހަރުދަނާ ގޮތަކަށް ނުވާކަމެވެ. ދެވަނަ ކަމަކީ، މަޖިލިހުން އެތެރޭގެ ނިޒާމީ އަދި އިދާރީ ކަންކަމުގައި މަޖިލިހުގެ އަމިއްލަ ބާރާއި އިޚްތިޔާރުގެ ތެރެއިން ކަންކަން ކުރުމަށް ފުރިހަމަ މިނިވަންކަމާއި މުސްތަޤިއްލުކަން ދުސްތޫރީ ގޮތުން ދީފައި އޮތަސް، އެ ނިޒާމުގެ ތެރެއިން ކުރާ މަސައްކަތުން ފާސް ކުރާ ޤާނޫނު، ނުވަތަ މަޖިލިސް ފިޔަވައި އެހެން ފަރާތްތަކުގެ ޤާނޫނީ ޙާލަތު ނުވަތަ ޙައްޤުތައް ނުވަތަ ވާޖިބުތަކާ ގުޅޭގޮތުން ނިންމާ ނިންމުންތައް، ޤާނޫނުއަސާސީއާ ޚިލާފު ވެއްޖެ ޙާލަތެއްގައި، އެކަން ކޯޓުތަކުން ބެލޭނެތީ، މަޖިލިހުން އެ ޤާނޫނެއް ފާސް ކުރުމަށް ނުވަތަ އެ ނިންމުމެއް ނިންމުމަށް ކުރާ މަސައްކަތް ނުވަތަ ހިންގާ އިޖުރާއާތުތައް ހިންގަމުން ގެންދާ ވަގުތު، ކޯޓުތައް އެ ދޭތެރެޔަށް ވައްދައި، މަޖިލިހުގެ މަސައްކަތަށް ހުރަސް އަޅައި، ޖަލްސާތައް ބޭއްވިޔަނުދީ، މެންބަރުން ބޭރު ކުރާ ގޮތް ގޯސް ކޮށް، މެންބަރަކު ބޭރު ކުރީތީ ޖަލްސާ ކެންސަލް ކޮށް އަލުން ޖަލްސާ ބޭއްވުމަށް އެންގުން ފަދަ ކަންކަން ކުރުމުގެ އެއްވެސް ޟަރޫރަތެއް ވެސް ނޯންނަކަމެވެ.

ޤާނޫނުއަސާސީގެ 88 (ށ) އަކީ ކޮން ސިޔާގެއްގައި، ކޮން މަޤްޞަދެއްގައި އޮންނަ މާއްދާއެއްކަން ސާފު ނޫންތޯއެވެ! އެއީ އެއްވެސް ޙާލެއްގައި، މަޖިލިހުން ޣައިރުދުސްތޫރީ ޢަމަލުތައް ހިންގުމަށް ލައިސަންސް ދޭ މާއްދާއެއް ނޫންކަން ވެސް ސާފު ނޫންތޯއެވެ!

ތިންވަނަ ނުކުތާ

ރައްޔިތުންގެ މަޖިލިހުން ޤާނޫނުއަސާސީއާ ޚިލާފަށް ނުވަތަ ޤާނޫނުއަސާސީގެ ބާރު ކެނޑޭ ގޮތަށް ކަމެއް ކުރާ ޙާލަތުގައި ވެސް އެ ކަމެއް ބާޠިލު ކަމަށް ކަނޑައެޅުމުގެ ބާރު އެއްވެސް ކޯޓަކަށް ނޯންނާނެ ކަމަށް ބަލައިގެން ޢަމަލު ކޮށްފި ނަމަ، އަދި އެފަދައިން ބުނާ މާއްދާއެއްގެ ގޮތުގައި 88 (ށ) މާނަ ކޮށް ތަޠުބީޤު ކޮށްފި ނަމަ، ޤާނޫނުއަސާސީގެ އެހެން އެތައް މާއްދާއެއްގެ ބާރު ކެނޑިގެން ދާނެއެވެ. އެތައް މާއްދާޔަކާ ޚިލާފު ވެވޭނެއެވެ. ހަމައެހެންމެ، އެފަދައިން 88 (ށ) މާނަ ކުރުމަކީ ދުސްތޫރީ ފިޤްހާއި، އަދި ހަމަބުއްދިޔާ ވެސް މުޅީން އަރައިރުން ވާ، ތާކުންތާކު ނުޖެހޭ، އެއްވެސް ގޮތަކުން ދެކޮޅު ޖެއްސޭން ނެތް ވާހަކައެކެވެ.

ދިވެހި ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞުން ކަނޑައަޅައިފައި ވަނީ، ދިވެހި ދައުލަތަކީ "މަބްދައުއް ދުސްތޫރިއްޔަތު" އާއި، "މަބްދައުލް މަޝްރޫޢިއްޔަތު" އާއި، "މަބްދައު ސުމުއްވުއް ދުސްތޫރު" ގެ އުޞޫލުތަކާއި ހަމަތަކުގެ މަތީން، "ކޮންސްޓިޓިޔުޝަނަލް ސުޕްރެމަސީ" އޮންނަ ދައުލަތެއް ކަމަށެވެ. ޤާނޫނުއަސާސީގެ 8 ވަނަ މާއްދާޔާއި، 268 ވަނަ މާއްދާޔާއި، 299 ވަނަ މާއްދާއިން އެކަން އެނގެއެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލިސް ވެސް ހިނގާން ވާނީ ޤާނޫނުއަސާސީގެ ސިޔާދަތީ ބާރުވެރިކަމުގެ ދަށުންނެވެ. ޤާނޫނުއަސާސީއަށް ފުރިހަމަޔަށް ކިޔަމަންވެ، ބޯލަނބައި، ތަބަޢަ ވެ، ޤާނޫނުއަސާސީން ކަނޑައަޅާ އިންތަކުގެ ތެރޭގައެވެ. މަޖިލިހުން ވިޔަސް، ޤާނޫނުއަސާސީއާ ޚިލާފަށް ކަމެއް ކޮށްފި ނަމަ، އެ ކަމެއް ވާނީ ޣައިރުދުސްތޫރީ ވުމުގެ ސަބަބުން އެއިގެ ޒާތުގައި ވެސް ބާޠިލު ކަމެއް ކަމުގައެވެ. ފެށުމުގައި ވެސް ބާޠިލު ކަމެއް ކަމުގައެވެ. އެއީ ޤާނޫނެއް ފާސް ކުރުން ކަމުގައި ވިޔަސް، އަދި މަޖިލިހުން ނިންމާ އެހެން ކޮންމެ ނިންމުމެއް ކަމުގައި ވިޔަސްވެހެވެ. މި މައުޟޫޢުގައި އަޅުގަނޑު ލިޔުނު ފުރަތަމަ ކޮލަމުގައި ދެންނެވި ފަދައިން، "ބަރުލަމާނީ ސިޔާދަތުގެ މަބްދައު" އޮންނަ މަދު ދައުލަތްތަކެއްގައި، ބަރުލަމާނަކީ ދައުލަތުގެ އެންމެ މަތީ ޤާނޫނީ އޮތޯރިޓީ، އަދި ސިޔާދަތީ ބާރު ތަޖްސީމު ކުރާ ފަރާތް ކަމުގައި، ބަލައިގެންފައި އޮންނާތީ، އެފަދަ ދައުލަތްތަކުގައި ބަރުލަމާނުން ނިންމާ ނިންމުންތައް ތަދުވީނު ވެގެންވާ ދުސްތޫރަކުން ބަނދެވިފައެއް ނޯވެއެވެ. ނަތީޖާއެއްގެ ގޮތުން، އެ ދައުލަތްތަކުގައި ބަރުލަމާނުން ކުރާ ކަމެއް ނުވަތަ ނިންމާ ނިންމުމެއް ބާޠިލު ކުރުމުގެ ބާރު އެއްވެސް ކޯޓަކަށް ނުވަތަ އެހެން ފަރާތަކަށް ވިޔަސް ދެވިފައެއް ނޯވެއެވެ. އެހެން ފަރާތަކުން، ބަރުލަމާނުގެ ޢަމަލުތަކާއި ނިންމުންތައް ބާޠިލު ކުރުމަށް ޓަކައި އަސާސަކަށް ބަލާނެ ޤާނޫނީ އަޞްލެއް – އެބަހީ ދުސްތޫރެއް – އެފަދަ ދައުލަތްތަކުގައި ނެތުމަކީ މީގެ އެންމެ ބޮޑު ސަބަބެވެ. އިނގިރޭސި ވިލާތާއި ނިއު ޒިލޭންޑް ފަދަ ޤައުމުތަކުގައި، ބަރުލަމާނުގެ ނިންމުންތަކާއި ޢަމަލުތަކަށް އެއްވެސް ގޮތަކުން ޤާނޫނީ ޗެލެންޖެއް ކުރެވޭނެ ގޮތެއް ނެތަސް، ދިވެހި ދައުލަތުގައި ކަން އޮތިއްޔަކީ އެހެންނެއް ނޫނެވެ. ދިވެހި ދައުލަތުގައި އޮންނަ "މަބްދައުއް ދުސްތޫރިއްޔަތު" އާއި، "މަބްދައުލް މަޝްރޫޢިއްޔަތު" އާއި، "މަބްދައު ސުމުއްވުއް ދުސްތޫރު" ގެ އުޞޫލުތަކުގެ ދަށުން، ބަރުލަމާނުން ވެސް ޤާނޫނުއަސާސީއާ ޚިލާފު ވެއްޖެއްޔާ، ޚިލާފު ވެގެން ކުރި ކަމެއް ނުވަތަ ނިންމި ނިންމުމެއް ވާނީ ހަމަ ބާޠިލެވެ.

ޤާނޫނުއަސާސީއާ ޚިލާފަށް ބަރުލަމާނުން ވިޔަސް އެއްވެސް ކަމެއް ކޮށްފި ޙާލަތެއްގައި، އެ ކަމެއް ވާނީ ޣައިރުދުސްތޫރީ ވުމުގެ ސަބަބުން ބާޠިލު ކަމެއް ކަން ސާފު ވެއްޖެ ހިނދު، ދެން އޮތް ސުވާލަކީ އެކަން ކަނޑައަޅައި، މަޖިލިހުގެ އެވަނި ޢަމަލެއް ނުވަތަ މިވަނި ނިންމުމެއް ބާޠިލޭ ބުނުމުގެ ބާރު ލިބިގެން ވަނީ ކޮން ފަރާތަކަށްތޯ، މިއެވެ. މި ސުވާލަށް ވެސް ޤާނޫނުއަސާސީގެ ޞަރީޙު ނައްޞުތަކާއި، އަދި އިސްތިޤްރާރު ވެގެންވާ، ތަހުޒީބީ އެންމެހައި މުޖުތަމަޢުތަކުން ބަލައިގަނެފައި ވާ، އަދި އިސްލާމީ ޝަރީޢަތާއި ދުނިޔޭގެ ބޮޑެތި ޤާނޫނީ ނިޒާމުތަކުން ޤަބޫލު ކުރާ އުޞޫލުތަކުން ފުރިހަމަ އަދި އެއްވެސް ޝައްކަކަށް ނުވަތަ ވަހުމަކަށް ހުށަނޭޅޭނޭ ފަދަ ސާފު ޖަވާބު ލިބެއެވެ. އާދޭހެވެ! އެ ބާރު އޮންނާނީ މިނިވަން އަދި މުސްތަޤިއްލު ފަނޑިޔާރުގެޔަށެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާޔާއި، 43 ވަނަ މާއްދާޔާއި، 143 ވަނަ މާއްދާޔާއި، 145 ވަނަ މާއްދާ ބައްލަވާށެވެ! މި މާއްދާތަކުން ދިވެހިރާއްޖެޔަކީ ދައުލަތުގެ ތިން ގުނަނުގެ ތެރެއިން އެއް ގުނަނުގެ ގޮތުގައި މިނިވަން އަދި މުސްތަޤިއްލު ޖުޑީޝަރީއެއް އޮންނަ ދައުލަތެއްކަމާއި، ރައްޔިތުންގެ މަޖިލިހުން ޤާނޫނުއަސާސީއާ ޚިލާފަށް ހަދާ ޤާނޫނުތައް ބާޠިލު ކަމަށް ރަޤާބާ ޤަޟާއިއްޔާގެ ނިޒާމުން، ކޯޓުން އިއްވާ ޙުކުމުން، ކަނޑައެޅުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް އޮންނާނެކަމާއި، މިފަދަ ހުރިހައި ކަމެއްގައިމެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާނޫނުއަސާސީގެ ލަފުޒުތަކާއި ޢިބާރާތްތަކާއި މާއްދާތައް މާނަކުރާ ކުރުމާއި ނިންމާ ނިންމުންތަކަކީ މުޅި ދައުލަތުގެ އެންމެހައި ފަރާތްތަކުން – ރައްޔިތުންގެ މަޖިލިސް ވެސް ހިމެނޭ ގޮތުން – ތަބަޢަ ވާން ޖެހޭ ނިންމުންތަކެއްކަން އެނގެއެވެ.

ކަން މިހެން އޮތް އިރު، ޤާނޫނުއަސާސީގެ 88 (ށ) ގެ ބާރުގައޭ ބުނެ، ރައްޔިތުންގެ މަޖިލިސް ދުސްތޫރީ ޤައިދުތަކުން މިނިވަން ކޮށް، އެ މަޖިލިހުން ޤާނޫނުއަސާސީއާ ޚިލާފަށް ޤާނޫނުތައް ހަދައި ނިންމުންތައް ނިންމަމުން ގެންދިޔަޔަސް އެއްވެސް ފަރާތަކަށް އެކަން ނުބެލޭނެ ކަމަށް ކަނޑައަޅައި، އެ މަޖިލިހަކީ ޤާނޫނުއަސާސީގެ މާއްދާޔަކުން ނުވަތަ ދުސްތޫރީ އެއްވެސް އިމަކުން ބަނދެވި މަޙްދޫދު ވެގެން ނުވާ އަދި ޙައްދެއް ނެތް ބާރުތަކާއި އިޚްތިޔާރުތައް ލިބިގެންވާ ފަރާތެއް ކަމަށް ބެލުމަކީ، އިސްވެ ދެންނެވި ދުސްތޫރީ މާއްދާތަކާ އަރައިރުންވާ ގޮތެއް ކަމުގައި ނުވާނޭ އެއްވެސް ގޮތެއް އެބައޮތްތޯއެވެ!

ހަމަބުއްދިޔާއި ޢަޤްލީ އުޞޫލުތަކުގެ މަތީގައި – ރޭޝަނަލް ވިސްނުމަކުން – ވިސްނައިވަޑައިގަންނަވާށެވެ! ރައްޔިތުންގެ މަޖިލިހުން ޤާނޫނުއަސާސީއާ ޚިލާފު ވެގަންނަ ހިނދު، އެކަން ބަލައި، ހުއްޓުވައި، އެއީ ޣައިރުދުސްތޫރީ ވުމުގެ ސަބަބުން ބާޠިލު ޢަމަލެއް ނުވަތަ ކަމެއް ކަމުގައި ކަނޑައަޅާނެ މިނިވަން އަދި މުސްތަޤިއްލު ފަނޑިޔާރުގެއެއް ނެތް ނަމަ، ދެން ވާނީ ކިހިނެއްތޯއެވެ؟ އެއިރުން، މަޖިލިހުން މިއަދު ޤާނޫނުއަސާސީއާ ޚިލާފަށް އެއް ކަންތައް ކުރާނީއެވެ. މާދަމާ އެފަދަ ދެ ކަންތައް ކުރާނީއެވެ. ޖެހިގެން އަންނަ ދުވަހު އެފަދަ ތިން ޢަމަލެވެ. މި ގޮތުގައި ގޮސް، މަޖިލިހުގެ ދައުރު ފުރިހަމަ ވާއިރު، ޣައިރުދުސްތޫރީކޮށް ފާސް ކުރެވި ހިންގޭ ޤާނޫނުތަކާއި، އެފަދަ ބަރުލަމާނީ ނިންމުންތަކާއި ޢަމަލުތަކުގެ ކޮޅެއް މެދެއް މައްޗެއް ތިރިޔެއް ނޭނގޭ ބޮޑު ފުންޏެއްގެ ދަށުގައި ޤާނޫނުއަސާސީ ގެއްލިގެން ނުދާނެ ގޮތެއް އޮންނާނެތޯއެވެ؟ އެފަދަ ޙާލަތެއްގައި، ޤައުމުގައި އޮންނާނީ ދުސްތޫރީ ވެރިކަމެއްތޯއެވެ! ނުވަތަ މަޖިލިހުގައި ބާރުވެރިކަން އޮތް ބަޔަކު ހިންގާ ޚުދުމުޚްތާރު، ލާޤާނޫނީ، އިސްތިބްދާދީ، އަދި ޒުލްމުވެރި ވެރިކަމެއް ތޯއެވެ! އެފަދަ ޙާލަތެއްގައި، އަޅުގަނޑުމެންގެ ދައުލަތް ސިފަ ކުރެވޭނީ "ގަވަރންމަންޓް އޮފް ލޯވ" އޮންނަ ދައުލަތެއްގެ ގޮތުގައިތޯއެވެ! ނުވަތަ "ގަވަރންމަންޓް އޮފް މެން" އޮންނަ ދައުލަތެއްގެ ގޮތުގައިތޯއެވެ! ވިސްނަވާށެވެ!

ހަތަރުވަނަ ނުކުތާ

މި ކޮލަމުގެ ފުރަތަމަ ބަޔާއި، އަދި މި ބައިގެ ފުރަތަމަ ޞަފުޙާތަކުގައި ވެސް ވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެއްލެވި ނަންބަރު 2009/SC-C/02 ޤަޟިއްޔާއަށް އިޝާރާތް ކުރެވިފައެވެ.

ކުރީންވެސް ދެންނެވި ފަދައިން، މި ޤަޟިއްޔާއަކީ ރައްޔިތުންގެ މަޖިލިހުގެ 2008 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ނިންމެވި ނިންމެވުމެއް އެއީ ޤާނޫނުއަސާސީއާ ތަޢާރުޟު ވާ، އެހެންކަމުން ޣައިރުދުސްތޫރީ އަދި ބާޠިލު ނިންމެވުމެއް ކަމަށް ވިދާޅުވެ ޤާނޫނީ ވަކީލު އަލްއުސްތާޛު މުޙައްމަދު ނަޝީދާއި، ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއްސުޢޫދާއި، ކުރީގެ މަޖިލިސް މެންބަރު "ކާނަލް" މުޙައްމަދު ނަޝީދާއި، ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް ހުށައެޅުއްވި މައްސަލައެއް ބެއްލެވި ޤަޟިއްޔާއެވެ. މި ޤަޟިއްޔާއާ ބެހޭގޮތުން ފާހަގަ ކުރާން ޖެހޭ އެއް ކަމަކީ، މި ޤަޟިއްޔާގައި ދަޢުވާ ކުރެއްވި ބެއިފުޅުން، ޤާނޫނުއަސާސީއާ ޚިލާފު ވެގެން ބާޠިލޭ ވިދާޅުވި މަޖިލިހުގެ ނިންމުމަކީ ސީދާ މަޖިލިހުގެ އަމިއްލަ އިދާރީ އަދި ނިޒާމީ ކަމަކާ ގުޅޭ ގޮތުން ނިންމި ނިންމުމެއް ކަމެވެ. "މަޖިލިހުގެ ކަމެއް" ގައި ނިންމި ނިންމުމެއް ކަމެވެ. އެ ނިންމުމަކީ، މަޖިލިސް ޗުއްޓީއަށް ދިޔުމަށް ނިންމެވި ނިންމެވުމެކެވެ.

މި ދެންނެވި ޤަޟިއްޔާއަށް ދައުލަތުން ޖަވާބުދާރީ ވުމުގައި، ބަންޑާރަ ނާއިބުގެ އޮފީހުން ނެންގެވި ފުރަތަމަ ނުކުތާޔަކީ، އެ ދަޢުވާ ސުޕްރީމް ކޯޓަށް ބަލައިގަނެ އެ ދަޢުވާގެ މައްސަލަ ހިންގުން ޤާނޫނީ ގޮތުން ހުއްދަ ނޫން ކަމަށް ވިދާޅުވެ ނެންގެވި އިޖުރާއީ ނުކުތާއެވެ. ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ، ޤާނޫނުއަސާސީގެ 88 (ށ) ގައި "މި ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހައި ހިނދަކު ރައްޔިތުންގެ މަޖިލިހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ޞައްޙަކަން ބެލުމަށް ޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއްނޭޅޭނެޔޭ" އޮންނާތީ، މަޖިލިހުގެ ކަންކަމާ ގުޅޭ އެއްވެސް މައްސަލައެއް ކޯޓުގައި ނުހިންގޭނެ ވާހަކައެވެ. ނަމަވެސް ސުޕްރީމް ކޯޓުން މި ޒުވާބު ޤަބޫލެއް ނުކުރެއްވިއެވެ. މި ނުކުތާޔާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައި ވެއެވެ.

"... ބަންޑާރަ ނާއިބުގެ ފަރާތުން ދައްކައިފައިވާ ވާހަކަތަކުގެ މައްޗަށް ޤާނޫނީ ނަޒަރަކުން ބަލާއިރު މި ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލިހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ޞައްޙަކަން ބެލުމަށް ޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެކަމަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާން ވެފައިވާ އިރު، ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާން ވާނީ މި ޤާނޫނުއަސާސީގައި ވާ ގޮތުގެ މަތިންނެވެ މި ފަދައިން ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ބުނުމަށް ފަހު، ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) ގައި، ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލިހުންނާއި ޢަދުލުއިންޞާފުގެ ބާރުންނާއި މުސްތަޤިއްލު ކޮމިޝަންތަކުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަޤާމުތަކާ ޙަވާލުވެ ތިބި މީހުންނާއި އެންމެހައި ރައްޔިތުން މި ޤާނޫނުއަސާސީއަށް ޢަމަލު ކުރާން ފެށުމާއެކު މި ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަޔަށް ކިޔަމަންވެ، ޢަމަލު ކުރާންވާނެކަމަށް ކަނޑައެޅި ބަޔާންވެފައި އޮތުމުން އެއްވެސް އިސްތިސްނާއެއް ނެތި ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކުންނާއި ދައުލަތުގެ އެކި ކަންކަމާ ޙަވާލުވެތިބި ފަރާތްތަކުން ޤާނޫނުއަސާސީއަސް ފުރިހަމަޔަށް ބޯލަނބައި ކިޔަމަންތެރިކަން އަދާ ކުރާންޖެހޭނެކަމާއި ހުރިހާ ފަރާތްތަކެއްގެ ޢަމަލުތަކާއި ނިންމުންތަކަކީވެސް ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ އިންތަކުގެ ތެރޭގައި އެކަންކަން ބަލައި ޤާނޫނުއަސާސީގެ މީޒާނުން ވަޒަންކުރެވޭނެ ކަންކަމާއި އަދި އެފަދަ ޢަމަލުތަކުގެ ތެރެއިން ޞައްޙަކަމަށް ޤާނޫނީގޮތުން ބެލެވޭނީ ހަމައެކަނި ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އިންތަކުގެ ތެރޭގައި ޤާނޫނުއަސާސީއަށް ފެތޭ ޢަމަލުތައްކަމާއި ޤާނޫނުއަސާސީގައި ވަކި ގޮތަކަށް ކަމެއް ކުރުން ލާޒިމު ކޮށްފައިވާ ޙާލަތުތަކުގައި އެނޫން ގޮތަކަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ނުވަތަ ރައްޔިތުންގެ މަޖިލިހުން ވިޔަސް ކަމެއް ކޮށްފައިވާނަމަ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާންވެފައިވާ ނައްޞަކީ ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފަށް އެއްވެސް ފަރާތަކުން ކުރާ ކަމެއް ނުވަތަ ނިންމާ ނިންމެވުމެއް ހުއްދަ ކުރާ ޤާނޫނީ ނައްޞެއް ކަމަށް ޤާނޫނީގޮތުން ބެލެވެންޖެހޭނެ ހަމަ އެއްވެސް ހަމައެއް ނެތުމެވެ"

ސުޕްރީމް ކޯޓުގެ މި ނިންމެވުމުން ވަނީ ޤާނޫނުއަސާސީގެ 88 (ށ) ގެ މާނަޔަކީ ކޮބައިކަން ސާފުކޮށް ކަނޑައެޅިފައެވެ. އެ މާއްދާޔަކީ، ރައްޔިތުންގެ މަޖިލިސް ޤާނޫނުއަސާސީއާ ޚިލާފު ވިޔަސް އެކަން ނުބެލޭނެކަމަށް، އަދި މަޖިލިހުން ނިންމާ ކޮންމެ ނިންމުމަކީ އަދި ކުރާ ކޮންމެ ކަމަކީ "ނޮންޖަސްޓިޝިއެބަލް" ނިންމުމެއް ނުވަތަ ކަމެއް ކަމަށް 88 (ށ) ގައި ނުބުނާ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުން އެއޮތީ ސާފުކޮށް ކަނޑައަޅުއްވައިފައެވެ. އެހެންކަމުން، ދިވެހި ދުސްތޫރީ ޤާނޫނުގައި 88 (ށ) ގެ މާނަ މިހާރު އޮތީ އިސްތިޤްރާރު ވެފައެވެ. ދިވެހި ދުސްތޫރީ ޤާނޫނުގައި 88 (ށ) މާނަ ކުރުމާ ބެހޭގޮތުން އޮތް "އެސްޓޭބްލިޝްޑް ލޯވ" އަކީ ސުޕްރީމް ކޯޓުގެ މި ނިންމެވުމުން ކުރެއްވެވި މާނައެވެ. ވީމާ، 88 (ށ) އިން، މަޖިލިހުން ކުރާހައި ކަމެއް "ޖުޑީޝަލް ޕްރޮސީޑިންގްސް" އިން ދަފަޢަ ކޮށްދޭ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިޔަސް، އަދި ރައްޔިތުންގެ މަޖިލިހުން ފާސް ކުރާ ޤަރާރެއްގައި ވިޔަސް، ބުނުމަކީ ދުސްތޫރީ ގޮތުން ރާއްޖޭގެ "އެސްޓޭބްލިޝްޑް ލޯވ" އަށް ގޮން ޖެހުމެވެ. އެއީ ސުޕްރީމް ކޯޓުގެ ނިންމުމަކަށް ގޮން ޖަހައި، ކޯޓުގެ ޙުރުމަތް ކަނޑައި، އިސްތިޤްރާރު ވެގެންވާ ދުސްތޫރީ ހަމަތަކާ ޚިލާފަށް ހިންގާ ޣައިރުޤާނޫނީ ޢަމަލެއް ކަމުގައި މެނުވީ ނުވެއެވެ. 2012 ވަނަ އަހަރު ބަންޑާރަ ނާއިބުގެ އޮފީހާއި މަޖިލިހުގެ ކައުންސެލް ޖެނެރަލް، މުޙައްމަދު ފަހުމީ ޙަސަންގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ދެއްކެވި ވާހަކަތައް ވެސް ފެތެނީ މި ގޮޅިޔަށެވެ. 19 ޖޫން 2019 ވަނަ ދުވަހު، 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ 10 ވަނަ ޖަލްސާއިން ފާސް ކުރި "ބޮޑު ޤަރާރު" ވެސް ފެތެނީ މި ގޮޅިޔަށެވެ.

ފަހުބަސް

މި ދެންނެވީ 19 ޖޫން 2019 ވީ ބުދަ ދުވަހު އޮތް، 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދިހަވަނަ ޖަލްސާގެ ޔައުމިއްޔާގެ ޞަފުޙާޔަކަށް ކަޅިއެއް އެއްލައި ނަޒަރު ހިންގައިލުމުން، އަޅުގަނޑަށް ފާހަގަ ކުރެވުނު ކަންކަމެވެ. ޚާއްޞަކޮށް، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) މާނަ ކުރުމާ މެދު އަޅުގަނޑަށް ފެންނަ ގޮތެވެ.

ޚުލާޞާ ކޮށްލަމާ ހިންގަވާށެވެ!

19 ޖޫން 2019 ގެ ޤަރާރަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-C/02 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން އިސްތިޤްރާރު ވެފައި ވާ ދުސްތޫރީ ހަމަޔަކާ ޚިލާފަށް، ސުޕްރީމް ކޯޓުން ޤާނޫނުއަސާސީ މާނަ ކުރައްވައި ޤާނޫނުއަސާސީގެ 145 (ނ) ގެ ދަށުން ފަހުބަސް ވިދާޅުވެފައި ވާ ކަމެއްގައި، 145 (ނ) އަށް ގޮން ޖަހައި، ކޯޓުގެ ޙުރުމަތް ކަނޑައިލައިގެން ފާސް ކޮށްފައި ވާ ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ޤަރާރެކެވެ. އެ ޤަރާރުގައި، އިނގިރޭސި ވިލާތުގެ ޕްރިވީ ކައުންސިލުގެ ޖުޑީޝަލް ކޮމިޓީން ކޮށްފައި ވާ ޙުކުމެއްގެ ވާހަކަ ދައްކައިފައި ވަނީ އެންމެ ކުޑަމިނުން އެ ކައުންސިލާއި ކޮމިޓީގެ ނަންތަކާއި ޤަޟިއްޔާގެ ނަން ވެސް ނުބައިކޮށް ލިޔެ، ޤަޟިއްޔާގައި ކޮމިޓީގެ މެންބަރުން ދެއްކެވި ވާހަކަތައް މުޅީން އޮޅުވައިލައްވައިގެންނެވެ. އެ ޤަރާރުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 88 (ށ) މާނަ ކުރައްވައިފައި ވަނީ ދިވެހި ބަހުގެ ޤަވާޢިދާ ޚިލާފަށް، އެ މާއްދާގެ ސިޔާގު އޮޅުވައިލައްވައި، އެއްވެސް ގޮތަކުން ތަބްރީރު ނުކުރެވޭނޭ ފަދަ ގޯސް ގޮތަކަށް، މާއްދާގެ ޙަޤީޤީ މާނަޔާއި މަޤްޞަދާއި ރޫޙު މުޅީން އޮޅުވައިލައްވައިގެންނެވެ. އެ ޤަރާރު ފާސް ކުރުމުގައި މަޖިލިހުން ވަނީ ސުޕްރީމް ކޯޓުން ނެރުއްވައިފައި ވާ އަމުރުތަކަކަށް ގޮން ޖައްސަވައި، ޤާނޫނުއަސާސީގެ 7 ވަނަ މާއްދާޔާއި، 141 ވަނަ މާއްދާޔާއި، 145 ވަނަ މާއްދާގެ ބާރު ކަނޑުއްވައިލައްވައި، ދިވެހި ދައުލަތުގެ އެންމެ މަތީ ކޯޓުގެ ޙުރުމަތަށް އަރައިގަނެ، މިނިވަން ޖުޑީޝަރީގެ ބާރު ކަނޑުވައިލައްވައިފައެވެ. އެ ޤަރާރުގައި ވަނީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަކީ މަބްދައުއް ދުސްތޫރިއްޔަތާއި، މަބްދައުލް މަޝްރޫޢިއްޔަތާއި، މަބްދައު ސުމުއްވުއް ދުސްތޫރު ހިނގާ ދައުލަތެއް ކަމުގައި ކަނޑައަޅާ ޤާނޫނުއަސާސީގެ 4، 8، 268 އަދި 299 ވަނަ މާއްދާގެ ބާރު ކަނޑުއްވައިލައްވައި، ދިވެހި ދުސްތޫރުގެ ޙުރުމަތާއި ބާރަށް އަރައިގެންފައެވެ. އެ ޤަރާރުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 އަދި 144 ވަނަ މާއްދާޔާ ޚިލާފަށް، ރަޤާބާ ޤަޟާއިއްޔާގެ ނިޒާމަށް ހުރަސް އަޅުއްވައި، ސުޕްރީމް ކޯޓުން ޤާނޫނުއަސާސީ ނެގެހެއްޓުމަށް ހުރަސް އަޅުއްވައިފައެވެ. އެ ޤަރާރުގައި ވަނީ މަޖިލިހަށް އޮންނާނީ ހަމައެކަނި ޤާނޫނު ހެދުމުގެ ބާރު ކަމަށް ކަނޑައަޅާ 5 ވަނަ މާއްދާޔާއި، މަޖިލިހުގެ ބާރުތަކާއި އިޚްތިޔާރުތައް ކަނޑައަޅާ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ބޭރުން، ޤާނޫނުއަސާސީން ނުދޭ ބާރުތަކެއް އަމިއްލަޔަށް "އެޒިޔުމް" ކޮށް "ޔުސާރޕް" ކޮށްގެން، މިނިވަން ޖުޑީޝަރީގެ ނިންމުންތަކަށް ގޮން ޖަހައި، ޤާނޫނުއަސާސީ ތަޞައްވުރު ކުރާ ދުސްތޫރީ ނިޒާމު ގަޑުބަޑު ކޮށްފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިހަކީ ޤާބިލު، އިޚްލާޞްތެރި، އަދި ހަރުދަނާ މެންބަރުންގެ މައްޗަށް އެކުލެވޭ ޤާނޫނު ހަދާ މަޖިލިހެއްތޯ، ނުވަތަ ދިވެހި ޤައުމަށް ލައިގަތް ބޮޑުވެގެންވާ ބަދުނަޞީބެއްތޯ، މި ސުވާލުގެ ޖަވާބާ މެދުގައި ބަޙުޘް ކުރާކަށް ޖާގައެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. މައްސަލަ އެޔަށްވުރެ ސާފެވެ. 19 ޖޫން 2019 ގެ ޤަރާރުން ފެށިގެން މިއަދާ ހަމަޔަށް، މަޖިލިހުން ކުރައްވަމުން ގެންދަވާ ކަންކަމާއި ނިންމަވަމުން ގެންދަވާ ނިންމެވުންތަކާއި، މަޖިލިހުގެ "ސުޕަރމެޖޯރިޓީ" ގެ ދޫތަކުން ހުށައަޅަމުން ގެންދާ ހުށައެޅުންތަކާއި ދައްކަމުން ގެންދާ ވާހަކަތަކުން ފެންނަނީ ހަމަ އެއް މަންޒަރެކެވެ. މި ކޮލަމުގެ ފުރަތަމަ ބައިގައި، މަޖިލިހުގެ މެންބަރުންގެ ގޮތުގައި ތިބި ދެ މީހަކު މަޖިލިހުގެ ޙުރުމަތާއި، ދިވެހި ދައުލަތާއި ދިވެހި ޤައުމުގެ ޙުރުމަތާއި، މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ރައްޔިތުންގެ ދީނީ ޝަޚްޞިއްޔަތުގެ ޙުރުމަތް ކަނޑައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ ގޮވަތިގެދޮރުގެ ރިވެލިފަށުގައި، އަޅުގަނޑުމެންގެ ޅަދަރީންގެ ކުރިމަތީގައި، ﷲ ތަޢާލާ އެ އެއްޗެއްގެ ބޭނުން އެއްވެސް ގޮތަކުން ކުރުން ޙަރާމް ކުރައްވައި، އެއީ ލަޢުނަތް ލެއްވި ޝައިޠާނާގެ އަތުމަސައްކަތުގެ ތެރެއިން ހިމެނޭ އެއްޗެއް ކަމަށް ކަނޑައަޅުއްވައި އެންގެވި ބަނގުރަލުގެ ވިޔަފާރި ކޮށް މީސްމީހުންނަށް ބަނގުރާ ބޯން ދޭން ޖެހޭނެޔޭ ކިޔައިގެން އިހަކަށް ދުވަހު މަޖިލިހުގެ ތަޅުމުގައި ދެއްކި ވާހަކަ އަޅުގަނޑު ޒިކުރު ކުރީމެއް ނޫންތޯއެވެ!

އާދޭހެވެ! އެ އެއްޗެއްގެ ހުރި ދިޔައެއް މެނުވީ އެ އެއްޗަކުން ނުފެލޭނެއެވެ. ފޮނި ރަހަ ދޭ ދިޔައެއް ނުކުންނާނީ އުއްދަނޑިބުރިއެއް ފެލައިލުމުންނެވެ. ހަބަރުގަނޑެއް ގާނައިލުމުން ނުވަތަ އަހިފަތް ބޮނޑިއެއް ފެލައިލުމުން އަންނަ ދިޔައިގައި ހިތިރަހަ ނޫން އެހެން ރަހައެއް ނުދޭނެއެވެ.

comment ކޮމެންޓް