2023ގައި އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

ޖުލައި 29، 2019: މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމުގެ ބިޑު ރާއްޖެއިން ކާމިޔާބުކޮށްފައިވީ ނަމަވެސް، ރާއްޖެ އެ ފުރުސަތު ދޫކޮށްލުމުން ދެން ވާދަކުރި މަޑަގަސްކަރައަށް އެ ފުރުސަތު ލިބިއްޖެ އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ރޭ ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކާ ހުރެ އަންނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ވަރަށް ބައިވަރު ގޮންޖެހުންތަކެއް ހުރުމާ އެކު އެ ގޭމްސް ބޭއްވުން 2025 އަށް ފަސްކޮށް ދިނުމަށް ރާއްޖެއިން އެދުނު ކަމަށެވެ.

އެހެން ނަމަވެސް އިތުރު ދެ އަހަރު މަޑުކުރަން ބޭނުންނުވާތީ އާއި އަންނަ އަހަރު ގޭމްސް ބޭއްވުމަށް ރާއްޖެއާ ދެން ވާދަކުރި މަޑަގަސްކަރައިގެ އިއުތިރާޒެއް ނެތުމުން 2023 ވަނަ އަހަރުގެ ގޭމްސް އެ ގައުމުގައި ބޭއްވުމަށް އައިއޯއައިޖީގެ ކައުންސިލް ބައްދަލުވުމުގައި ރޭ ނިންމީ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

ވޭތުވެ ދިޔަ އަހަރު މޮރިޝަސްގައި އޮތް ބިޑް ރަސްމިއްޔާތުގައި ރާއްޖެއިން ބިޑް ކާމިޔާބު ކުރީ މަޑަގަސްކަރައާ ވާދަކޮށް، ބޮޑު އަގުލަބިއްޔަތަކުންނެވެ. ރާއްޖެއިން ބިޑް ކާމިޔާބު ކުރުމަށް މިނިސްޓަރު މަހްލޫފާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަވަށްޓެރި ޖަޒީރާ ގިނަ ގައުމުތަކަށް ވަޑައިގެން ގިނަ މަސައްކަތްތަކެއް އޭރު ކުރެެއްވި އެވެ.

ރާއްޖޭގައި 2025 ވަނަ އަހަރު އިތުރު ގޭމްސްއެއް ބޭއްވުމަށް ނުވަތަ 2027 ވަނަ އަހަރުގެ ގޭމްސް ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އޮންނަ އައިއޯއައިޖީގެ ކައުންސިލް ބައްދަލުވުންތަކުގަ އެވެ.

comment ކޮމެންޓް