ވައްކަމާ ގުޅިގެން ބައެއް ބޭފުޅުންނަށް ދައުވާ ކުރަން ޕީޖީ ފަހަތަށް ޖެހޭ: ނަޝީދު

މަޖިލިސް ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ވައްކަމާ ގުޅިގެން ބައެއް ބޭފުޅުންނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ފަހަތަށް ޖެހިވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވީ މިރޭ ކުރިއަށް ދާ މަޖިލީހުގެ ޖަލްސާގައި، އިމްތިޔާޒު ކޮމިޓީއިން ނިންމި ރިޕޯޓަކާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެއީ ވެންޓިލޭޓަރުތަކާއި ގުޅިގެން މަޖިލީހަށް ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ދޮގު މައުލޫމާތު ދިން މައްސަލައިގެ ރިޕޯޓެވެ. އިމްތިޔާޒު ކޮމިޓީއިން ނިންމާފައިވަނީ އަމީން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްފައިވާ ކަމަށެވެ.

މިރޭ ޖަލްސާގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއް މަޖިލީހުން ފޮނުވުމުން ޕްރޮސެކިއުޓަރު ޖެނެރަލަށް ޖެހޭނީ ދައުވާކޮށްދޭން ކަމަށެވެ. އިތުރު އެހެން ގޮތެއް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ވައްކަމާއި ހިޔާނާތާއި ފޭރުމާއި މަކަރާއި ހިލަތާއި ވަގު ޒިނޭ ކުރުން ފަދަ މައްސަލަތައް ޝަރީއަތަށް ފޮނުވުމުގައި އެމަނިކުފާނުގެ ބަހެއް ނެތް ނަމަވެސް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފި ނަމަ މަޖިލީހަށް އެކަމާ މެދު އަމަލު ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތީމާ. މިތަނުން އެކަން ނިންމީމާ. ޕްރޮސެކިއުޓަރު ޖެނެރަލް ދައުވާކޮށްދެއްވާން ޖެހޭނެ. އެއަކު ދެން އިތުރު ބަހަނާއެއް ވާހަކައެއް ނެތް. ޕްރޮސެކިއުޓަރު ޖެނެރަލް ފަހަތަށް އެބަ ޖެހިވަޑައިގަންނަވާ ވައްކަމުގައި ދައުވާ ކުރެއްވުމަށް. ބައެއް ބޭފުޅުންގެ މައްޗަށް." ނަޝީދު ވިދާޅުވި އެވެ.

އެހެންނަމަވެސް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލައެއްގައި ފަހަތަށް ޖެހިވަޑައި ނުގެންނެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މުޅި މަޖިލީހަށް ގަސްދުގައި އޮޅުވާލާފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއިން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް