ލިޔުންތައް ދިރާސާކޮށް ދައުވާތަކަށް ތައްޔާރުވާން ރައީސް ޔާމީނަށް އިތުރު ފުރުސަތެއް

ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުގެ ދައުވާތަކާ ގުޅޭ ލިޔުންތަކާއި ވީޑިއޯތައް ދިރާސާކޮށް، ތައްޔާރުވާން އިތުރު ފުރުސަތެއް ދީފިއެވެ.

މިއަދު ކުރިއަށް ދިޔައީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާއެކެވެ.

އެ އަޑުއެހުމުގައި ޔާމީންގެ ވަކީލު، މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ މިއަދުގެ ޝަރީއަތަށް ހާޒިރުވި އިރުވެސް މައްސަލައިގައި ޖަވާބުދާރީވުމަށް ބޭނުންވާ ގިނަ ލިޔެކިޔުންތަކެއް ލިބިފައި ނުވާކަމަށެވެ.

އެގޮތުން ލިޔެކިޔުންތައް ހޯދުމަށް އެދި ދިފާއުން ފޮނުވި ސިޓީގެ ޖަވާބުގައި ދައުލަތުން ފޮނުވާފައި ވަނީ އެ ލިޔެކިޔުންތަކާ ގުޅޭގޮތުން ދައުލަތުން ދެކޭ ގޮތް ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

"ބައެއް ލިޔެކިޔުންތަކާ ގުޅޭގޮތުން ވިދާޅުވެފައި ވަނީ އެއީ ދިފާއަށް އެހާ މުހިންމު ލިޔެކިޔުންތަކެއް ނޫން ކަމަށް ވާތީ ތިމަންނަ މެނަށް އެ ދެވޭކަށް ނެތޭ،" ވަކީލް ވިދާޅުވިއެވެ.

ވަކީލް ވިދާޅުވީ ދައުވާގެ ދިފާއު ބިނާކުރަންވީ ގޮތް އެނގޭނީ ޕްރޮސެކިއުޓަރަށް ނޫން ކަމަށާއި، އެއީ ދައުވާ ލިބޭ ފަރާތުގެ ކޮނޑުގައި އޮތް ޒިންމާއެއް ކަމަށެވެ.

ރައީސް ޔާމީންގެ ގަނޫނީ ވަކީލު، އަބްދުﷲ ޝިޔާޒް ވިދާޅުވީ މައްސަލައިގެ ތެރޭގައި އެދިފައިވަނީ ދިފާއަށް މުހިންމު ލިޔެކިޔުންތަކެއް ކަމަށާއި އެކަން ނިންމާނީ ދައުލަތުން ނޫން ކަމަށެވެ. އަދި އެ ލިޔުންތައް ނުލައި ދިފާއުގައި އެއްވެސް ވާހަކައެއް ދެއްކެން ނެތް ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތުން އެދުނު ލިޔެކިޔުންތައް:

  • މައްސަލަ ހުށަހަޅާ ފޯމު
  • ބަންދާ ބެހޭ މައުލޫމަތު ހުށަހަޅާ ފޯމު
  • ހެކިބަސް ދީފައިވާ ފަރާތްތަކުގެ ވަނަވަރުތައް
  • އެމްއެމްއޭގެ އެސްޓީއާރުތައް
  • ކޯޓަށް ހުށަހަޅާފައިވާ ހެކި ސިއްރު ކުރުމުގެ އަމުރު
  • ތަހުގީގު ލޮގް
  • ކޮމޕިއުޓާ ފޮރެންސިކް ރިޕޯޓު
  • ތަހުގީގު ރިޕޯޓުގައި ބަޔާންކުރާ ލިޔުންތައް
  • އޭސީސީގެ ރިޕޯޓުގެ އެނެކްސް ތަކާއި އެޕެންޑިކްސްތައް

ޝިޔާޒް ވިދާޅުވީ އެ ރިޕޯޓުގެ 10 ވަނަ ނަންބަރުގައި 101 އެޕެންޑިކްސް އޮތް ކަމަށް ފާހަގަކޮށްފައި ވީނަމަވެސް، އެޕެންޑިކްސް ނެތް ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ.

"މިކަހަލަ އޮޅުވާލުން ދައުލަތުގެ ފަރާތުން ޝަރީއަތަށް އޮޅުވާލާފައި މިވަނީ. ޝަރީއަތަށް ހަމަ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ދައުލަތުން ފޯރުކޮށްދީފައި މިވަނީ،" ވަކީލު ވިދާޅުވިއެވެ.

ވަކީލް ވިދާޅުވީ ދައުލަތުގައި ހުރި ތަފާތު ލިޔުންތައް ދިފާއަށް ނުދޭން އުޅޭ ސަބަބު ސާފު ނުވާކަމަށެވެ.

މީގެ އިތުރުން ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓު ދައުލަތުން ހުށަނާޅާ ގަސްތުގައި ފޮރުވާފައި އޮތް ކަމަށް ވެސް ދިފާއީ ވަކީލުން މިއަދު ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން މައްސަލައިގެ ތެރޭގައި ވިއްސަކަށް ގަޑިއިރުގެ ވީޑިއޯ ބަލަންޖެހޭ ކަމަށާއި، މިހާތަނަށް ވީޑިއޯތައް ބަލަން އެކަށީގެންވާ ވަގުތު ލިބިފައި ނުވާތީ، އިތުރު ވަގުތު ދެއްވުމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ފަރާތުން ދެއްކެވި ވާހަކަތަކާ ގުޅިގެން މައްސަލަބައްލަވާ ގާޒީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ދިފާއަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށް ނުދެވިގެން އުޅޭ ސަބަބު އޮޅުންފިލުވައިދިނުމަށް އެދިވަޑައިގެންފައެވެ.

އަދި ކޮންމެ ދުވަހަކު ވެސް ޝަރީއަތް މެދުކަނޑާލަން ޖެހެނީ ލިޔެކިޔުން ބަދަލުކުރަން ދޭ މުއްދަތުގައި އެކަން ކުރުމަށް ނަމަވެސް، ކޮންމެ ދުވަހަކު ވެސް ޝަރީއަތުގެ ވަގުތުތައް އެއް ފޯލިއޯ ނަންބަރުތަކެއް ކިޔުމުގައި ހޭދަކުރަން ޖެހޭކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ދައުލަތުގެ ފަރާތުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ ދިފާއުން އެދުނު ލިޔުންތަކުގެ ތެރޭގައި ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ތެރެއިން ސިއްރުކުރަން އެދުނު ލިޔުންތަކާއި މައްސަލަ ހުށަހެޅި ފޯމާއި މައްސަލައިގެ އިދާރީ ލިޔުންތަކުގެ އިތުރުން މައްސަލައިގެ ތަހުގީގަށް ބަޔާންދީފައިވާ ފަރާތްތަކުގެ ވަނަވަރުތައް ފިޔަވައި ބާކީ ހުރި ހުރިހާ ލިޔެކިޔުންތައް ދައުވާ ލިބޭ ފަރާތަށް ލިބިފައިވާ ކަމަށް ދައުލަތުގެ ރެކޯޑުތަކުން ދައްކާ ކަމަށެވެ.

އަދި އިތުރު ދެ ލިޔުމެއް ފިޔަވައި ހުރިހާ ލިޔުމެއް ދައުވާ ލިބޭ ފަރާތާ ހަވާލުކުރުމަށް ކޯޓާ ހަވާލުކޮށްފައިވާނެ ކަމަށާއި، ތިން ދުވަހެއްގެ މަތިން މައްސަލައިގެ ލިޔުންތައް ކޯޓާ ހުށަހަޅާފައިވާނެ ކަމަށެވެ.

އަދި މައްސަލަގައި ހިމެނޭ އިދާރީ ލިޔުމަކީ ދައުލަތުގެ ފަރާތުން ކޯޓަށް ވެސް ހުށަހަޅާ ލިޔުމެއް ނޫން ކަމަށާއި، އެއީ އާންމު އުސޫލުން ވެސް ދައުލަތުން ކަންކުރާ ގޮތް ކަމަށެވެ.

"ހަމައެކަނި މި މައްސަލައިގައި ވަކި ގޮތަކަށް ދައުލަތުން އަމަލުކޮށްފައި ވަނީއެއް ނޫން. އެހެން މައްސަލަތަކުގައިވެސް ދައުލަތުން ކޯޓަށް ހުށަހަޅާ ލިޔުމެއް ނޫން،" ވަކީލް ވިދާޅުވިއެވެ.

އަދި އިދާރީ ބޭނުމަށް ތައްޔާރުކުރާ ލިޔުންތަކަކީ އެހެން ފަރާތަކާ ހިއްސާކުރަންޖެހޭ ލިޔުންތަކެއް ނޫންކަމަށް ވެސް ދައުލަތުން ބުންޏެވެ.

ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރި ޗެކް ޖަމާކުރި ސްލިޕް އާއި އިކޮނޮމިކް މިނިސްޓްރީގެ ސިޓީއަކާއި، ސީޑީ ވެސް ދައުވާ ލިބޭ ފަރާތަށް ރައްދުކުރުމަށް ކޯޓަށް ހުށަހަޅާފައިވާކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވާހަކައަށް ޖަވާބުދެމުން ރައީސް ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވީ، އެ ލިޔުންތައް ލިބިފައި ވީނަމަވެސް، ލިޔުންތައް ނުސާފުކަމުން އުނދަގޫވާތީ ސާފު ކޮޕީއަކަށް އެދޭ ކަމަށެވެ. އަދި ސީޑީ ނުހުޅުވޭ ކަމަށް ވެސް ދިފާއުން ބުންޏެވެ.

ގާޒީ ވަނީ ބޭންކް މާދަމާގެ ނިޔަލަށް، ސްޓޭޓްމަންޓުތައް ހިމެނޭ އެ ސީޑީ ހުޅުވޭގޮތަށް ކޯޓަށް ހުށަހެޅުމަށް ދައުލަތަށް އަންގައިފައެވެ. އަދި ވީ އެންމެ އަވަހަކަށް އެ ސީޑީ ހޯދުމަށް ދިފާއަށް ވެސް އެންގެވިއެވެ. ދައުލަތުން ވަނީ އެކަމަށް އެއްބަސްވެފައެވެ.

ދައުލަތުން މިއަދު ބުނީ ބައެއް ލިޔުންތަކަކީ ސިއްރުކުރަން ދައުލަތުން އެދި، އަދި ކޯޓުން ގޮތެއް ނިންމާފައި ނުވާ ލިޔުންތައް ކަމަށް ވާތީ، އެ ލިޔުންތައް ދޫކޮށްފައި ނުވާނެ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު ގާޒީ ޝަކީލް ވިދާޅުވީ، ދައުވާއާ ގުޅޭ ލިޔުންތަކުގެ ތެރެއިން ސިއްރުކުރަން ދައުލަތުން އެދިފައިވާ ލިޔުންތައް ފިޔަވައި، ދިފާއަށް ލިބިފައިނުވަނީ ދެ ލިޔުމެއްކަން ސާފުވެފައިވާ ކަމަށެވެ.

އަދި ވީޑިއޯތައް ދިރާސާކުރަން ދިފާއީ ވަކީލުން އެދިލެއްވި ގޮތަށް، އިތުރު ވަގުތު ދެއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތުން ދައުވާ ލިބޭ ފަރާތަށް އެކަމަށް އެކަށީގެންވާ ފުރުސަތު ފަހިކޮށްދޭން ގާޒީ ވަނީ ދައުލަތަށް އަންގަވައިފަ އެވެ. އަދި ދިފާއުން އެދުނު ގޮތަށް، މައްސަލައިގެ ލިޔުންތައް ދިރާސާ ކުރަން އިތުރު 15 ދުވަހުގެ ފުރުސަތެއް ދޭން ނިންމެވިއެވެ.

އަދި މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ނުލިބިއްޖެނަމަ، އެކަން ޝަރީއަތުގެ ސަމާލުކަމަށް ގެނައުމަށް ވެސް ގާޒީ އެންގެވިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ، ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 2:00 ގައި މައްސަލައިގެ ޝަރީއަތެއް ބާއްވާނެކަން އިއުލާނުކުރެއްވުމަށްފަހުއެވެ.

ގާޒީ ވިދާޅުވީ އެ އަޑުއެހުމުގައި އޮންނާނީ ދައުވާ އިއްވައި، ދައުވާއަށް ޖަވާބުދާރީވުން ކަމަށެވެ. އަދި އަދި އެ ދުވަހު، ލިޔެކިއުންތައް ހަމަވުމާ ގުޅިގެން އިތުރު ވާހަކައެއް ކުރިއަށް ނުގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް