މޯލްޑިވް ގޭހުން އަގު ބޮޑުކޮށް ގޭސް ގަތް މައްސަލަ އޭސީސީއަށް ފޮނުވައިފި

މޯލްޑިވް ގޭހުން މާކެޓް ރޭޓަށް ވުރެ އަގު ބޮޑުކޮށް ގޭސް ގަތް މައްސަލައިގައި ކޮރަޕްޝަނަށް ތުހުމަތުވާ ކަންތައްތަކެއް ހުރުމުން އެ ކަންކަން ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވަން ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމައިފި އެވެ.

މި މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ 2016ގެ އޮގަސްޓް މަހުން ފެށިގެން 2017ގެ މާޗު މަހާ ހަމައަށް މޯލްޑިވް ގޭހުން ގޭސް ގަނެފައިވަނީ ޝެލް އިންޓަނޭޝަނަލް އީސްޓާން ޓްރޭޑިންއިން ކަމަށެވެ. ނަމަވެސް 2017ގެ މާޗު މަހުން ފެށިގެން ގޭސް ގަންނަމުން އައިސްފައިވަނި ތުރީ އެޗްޑީ އިންޓަނޭޝަނަލް ނަމަކަށް ކިޔާ ސަޕްލަޔަރެއް އަތުން ކަމަށެވެ.

ތުރީ އެޗްޑީއިން ގޭސް ގަންނަމުން އައިސްފައިވަނީ ޝެލް ކުންފުނިން ގޭސް ގަތް ރޭޓަށްވުރެ ބޮޑުކޮށް ކަމަށް ކޮމެޓީއަށް ލިބުނު ލިޔެކިޔުންތަކަށް ބިނާކޮށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ސަޕްލަޔަރު ބަދަލުކުރަން ނިންމި ސަބަބުތައް ކަމަށް މޯލްޑިވް ގޭހުން ކޮމިޓީއަށް މައުލޫމާތު ދީފައި ވަނީ އެކުންފުނީގެ ބާޖުގައި ފެންޑާއެއް ނެތުމާއި ޓަގްބޯޓެއް ސްޓޭންޑްބައި ގައި ނެތުމުން ޝެލްގެ ބޯޓުފަހަރަށް ތިލަފުށި ޖެޓީއާ ކައިރި ނުކުރެވޭ ކަމަށެވެ. އަދި ގޭސް ގަންނައިރު މޯލްޑިވް ގޭހުން ފައިސާ ދެއްކުމުގައި ކުޑަކޮށް ލަސްވިނަމަވެސް ޝެލް ކުންފުނިން ބޯޓުގެ ޑެމަރޭޖް އާއި އެ ބޯޓުން ކުރަންޖެހޭ ޑެލިވަރީތައް ލަސްވުމުން އެހެން ފަރާތްތަކަށް މެދުވެރިވާ ގެއްލުމުގެ ބަދަލު މޯލްޑިވް ގޭހުން ދޭން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ކޮމެޓީން ބެލިބެލުމުން މޯލްޑިވް ގޭހުން ގޭސް ގަންނަ އަގުގެ 45-60 ޕަސެންޓާ ދޭތެރޭގެ އަގެއް ކޮންމެ ޝިޕްމަންޓަކުން ގޭސް ޑެލިވަރީކުރުމަށް ޕްރިމިއަމްގެ ގޮތުގައި ހިމަނާފައިވާ ކަމަށް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި 2016އާއި 2017ވަނަ އަހަރު ގޭހުގެ އަގު މާކެޓުގައި ދަށްވި ނަމަވެސް، ޕްރިމިއަމް އިތުރުކޮށްގެން މޯލްޑިވް ގޭހުން އާންމުކޮށް ގޭސް ގަންނަމުންދިޔަ އަގުގައި ހިފަހައްޓާފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެ އެވެ.

ރާއްޖެއަށް ގޭސް އެތެރެކުރާ މިންވަރު މަދުނަމަވެސް، ޖުމުލަ ޕްރިމިއަމް 200 ޑޮލަރަށްވުރެ އިތުރު ނުވާނެ ކަމަށް ކޮމެޓީން ހޯދި ހޯދުންތަކުން ވަނީ ފާހަގަވެފަ އެވެ. އަދި ތުރީ އެޗްޑީ ކުންފުނިން ގޭސް ގަތުން ހުއްޓާލަން 2019ގެ އޮކްޓޫބަރު މަހު ސިޓީއެއް މެދުވެރިކޮށް މޯލްޑިވް ގޭހަށް އެންގުމަށްފަހު ޕްރިމިއަމް ކުޑަވި ކަމަށާއި ޖުމްލަ ޕްރިމިއަމް 200 ޑޮލަރަށްވުރެ ދަށްކޮށް ހިފެހެއްޓިފައިވާ ކަމަށް ރިޕޯޓުގައި ބުނެ އެވެ. އޭގެ ކުރިން 2016، 2017 އަދި 2018ވަނަ އަހަރު އެވަރޭޖްކޮށް ޕްރިމިއަމް ހުރީ 250-285 ޑޮލަރާ ދެމެދުގަ އެވެ.

މީގެ އިތުރުން ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ތެޔޮ ރައްކާކުރެވޭނެ ކެޕޭސިޓީ ކުޑަވުމުގެ ސަބަބުން އިތުރު ސަޕްލަޔަރެއް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ މައްސަލަ ކޮމެޓީގެ ސަމާލުކަމަށް މޯލްޑިވް ގޭހުން ވަނީ ގެނެސްފަ އެވެ. މޯލްޑިވް ގޭހުގެ ޓޭންކްތަކުގެ ކެޕޭސިޓީއަކީ 1100 މެޓްރިކް ޓަނު ކަމަށާއި ސަޕްލަޔަރުންގެ މިނިމަން އޯޑާ ކުއަންޓިޓީއަކީ 2000 މެޓްރިކް ޓަނު ކަމަށާއި މި ސަބަބާހުރެ ގޭސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

މޯލްޑިވް ގޭހުން އަގުބޮޑުކޮށް ގޭސްގަންނަކަން އެސްޓީއޯއިން 2018ވަނަ އަހަރު ހެދި އިންޓާނަލް އޮޑިޓަކުން ވެސް ވަނީ ހާމަވެފަ އެވެ. އަދި ވާދަވެރި އަގެއްގައި ގޭސް ގަތުމަށްޓަކައި ސައުދީ އަރަމްކޯގައި މޯލްޑިވް ގޭސް ސަބްސްކްރައިބްކޮށް، ގޭސް ގަންނަ އަގު ކުޑަކުރަން އެސްޓީއޯއިން ވަނީ ލަފާދީފަ އެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހު އެސްއޯއީ ކޮމެޓީން މައްސަލަ ބަލަން ފެށިއިރު ވެސް މިކަމުން އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށްވެސް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

މި މައްސަލަތަކާ ގުޅިގެން މޯލްޑިވް ގޭހުގެ އެމްޑީ ޝަޒައިލް ޝީޔާމް ސަސްޕެންޝަނެއްގައި ހުންނަވާތާވެސް އެއް އަހަރުވަނީ ވެފަ އެވެ. އަދި މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ނިންމައި، މި މައްސަލަ ދެ މަސް ދުވަހުގެ ތެރޭގައި ތަހުގީގުކޮށްދިނުމަށް އޭސީސީއަށް ހުށަހަޅަން ކޮމެޓީން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް