މަތީ ރޭންކުތަކުގައި ތިބި ފުލުސް އޮފިސަރުން ވަކިކުރަން އިސްލާހެއް ހުށަހަޅައިފި

ދިވެހި ފުލުހުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ ބިލް ފާސްވާއިރު މަގާމުގައި ތިބި ފުލުހުންގެ އިސް އޮފިސަރުން މަގާމުތަކުން ދުރުކުރެވޭނެ އިސްލާހެއް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

މާދަމާ ފާސްކުރަން އެޖެންޑާކޮށްފައިވާ ފުލުހުންގެ ބިލުގެ ތިން ވަނަ މާއްދާއަށް އިތުރުކުރަން ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ތިބޭނޭ ކަމަށް ވެސް އީވާ ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އީވާގެ އިސްލާހު ފާސްކުރުމަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ފުލުސް އޮފިސަރުންގެ މައްސަލަތައް ބެލުމުގައި ޕޮލިސް ބޯޑުން ރިއާޔަތް ކުރަން ޖެހޭ ކަންތައްތައް ވެސް އީވާގެ އިސްލާހުގައި ވަނީ ހިމަނުއްވާފަ އެވެ. އޭގެ ތެރޭގައި އެ އޮފިސަރެއްގެ ތައުލީމީ ފެންވަރާއި ސުލޫކާއި ފުލުހުންގެ ތެރޭގައި އޭނާ އަދާ ކުރާ ދައުރާއި ހިދުމަތް ކުރި މުއްދަތާއި އޭނާއާ މެދު ކުރެވޭ ތުހުމަތުގެ ބާވަތަށް ބަލަން ޖެހެ އެވެ.

މީގެ އިތުރުން އީވާގެ އިސްލާހުގައިވާ ގޮތުގައި އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވާ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، އެބޭފުޅަކު ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމިދާނެ އެވެ. އެ ނިންމުން ތަންފީޒު ކުރަން ޕޮލިސް ކޮމިޝަނަރަށް ބޯޑުން އަންގަންވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ޕޮލިސް ބޯޑުން މައްސަލަ ބަލާ ނިންމާ އެކުލަވާލާ ރިޕޯޓުގައި އެ އޮފިސަރެއްގެ އާމްދަނީ އާއި ދަރަނީގެ ތަފްސީލްތަކާއި އަނބިންނާއި ދަރިންގެ މާލީ ބަޔާނުން ކަމެއް ފާހަގަ ވާނަމަ އެކަމާއި އާދަޔާ ހިލާފު ކުރިއެރުންތަކެއް ލިބިފައިވާ ނަމަ އެކަންކަމާ އަދި މީގެ ކުރިން މައްސަލައެއްގައި ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން އަދި އިތުރު ކޮމިޝަނަކުން އެ އޮފިސަރަކާ މެދު މައްސަލައެއް ބަލަމުން ދާނަމަ އެކަމާ ގުޅޭ މައުލޫމާތު ހިމެނަން ޖެހެ އެވެ.

ފުލުހުންގެ ބިލުގައިވާ ގޮތުން ރައީސް އައްޔަން ކުރައްވަން ޖެހޭ ޕޮލިސް ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެ ފަރާތްތަކަކީ؛

  • ރައީސް އައްޔަން ކުރައްވާ ދެ މެންބަރުން.
  • ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުން.
  • އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރުން.

އާންމު ދެ މެންބަރުން އެ ބޯޑަށް ހޮވަނީ މަޖިލީހުން އިއުލާންކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ނަންތައް ދިރާސާކޮށް މަޖިލީހުން ފާސްކުރާ ދެ ނަމެއް ކަމަށް ބިލުގައިވެ އެވެ.

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފެބުރުއަރީ 7، 2012 ގައި އެމްޑީޕީގެ ވެރިކަން ބަދަލުވުމުގެ ތެރެއިން ފުލުހުން "ބަޣާވާތް" ކުރި ކުރުމަކީ ނުހިނގާ ކަމެއް ކަމަށް ދެކި ފުލުހުންގެ ބިލް އިސްލާހު ކުރުމަކީ ޒަމާންތަކެއް ވަންދެން ރާއްޖެއަށް ދެވޭނެ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އެމްޑީޕީގެ އެކި ފެންވަރުގެ ބޭފުޅުން އަބަދުވެސް ވަކާލާތު ކުރައްވަނީ ފެބުރުއަރީ 7،8، 2012 ގައި ފުލުހުން ހިންގި ކަންތައްތަކަށް އެ ފަރާތްތަކަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށެވެ.

ފުލުހުންގެ އިސް އޮފިސަރުންގެ ތެރޭގައި ފެބުރުއަރީ 7،8 ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އިސް ދައުރެއް އަދާކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް އެބަ ތިއްބެވި އެވެ.

ފުލުުހުންގެ ބިލް ކޮމިޓީއިން ފާސްކޮށް މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ބިލް ފާސްކުރަން ފޮނުވައިފަ އެވެ. އަދި މާދަމާ އޮންނަ ދައުރުގެ ފަހު ޖަލްސާގައި އެ ބިލަށް ވޯޓަށް އަހާނެ އެވެ.

comment ކޮމެންޓް