އާ ބިލުން ފުލުހުންނަށް އޮތީ ކުރިއެރުން: އެމްޑީޕީ

ޖުލައި 5، 2020: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ ބިލު ފާސްވުމުންް މުވައްސަސާ އަށް ކުރިއެރުން އަންނާނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުން ދިވެހި ފުލުހުންގެ ބިލު ފާސްކުރުމާ ހަމައަށް ގޮސްފައިވާއިރު އެ ބިލާ ގުޅޭގޮތުން އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ބިލު ފާސްކޮށް ގާނޫނަކަށްވެ ތަންފީޒުކުރަން ފެށުމުން ފުލުހުންނާއި ފުލުހުންގެ މުވައްސަސާގެ ތަސައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ފުލުހުންގެ މުވައްސަސާ އަކީ ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމާއި އަދި ޖިނާއީ އަދުލުގެ ނިޒާމުގެ މުހިއްމު ބައިވެރިއެއް ކަމަށާއި އެއީ ހުރިހާ ރައްޔިތުންނަށް އެކަމުގެ އިތުބާރު އޮންނާނޭހެން ދެވޭ ހިމަތަކަށް ވާންޖެހޭ ކަމަށް އެމްޑީޕީ އިން ބުންޏެވެ.

ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް، ފުލުހުންގެ މައްޗަށާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް ފުރިހަމަ އިތުބާރު އޮވެގެން މަސައްކަތްކުރާ ތަނަކަށް އެތަން ވާންޖެހޭނެ ކަމަށައި ބިލު ގާނޫނަކަށްވެ، ގާނޫނު ތަންފީޒުވެގެންދާއިރު އެކަން ޙާޞިލުވެގެންދާނެ ކަމަށް އެމްޑީޕީ އިން ބުންޏެވެ.

އެ ގާނޫނުގެ ޒަރިއްޔާއިން ކަށަވަރުކޮށްދެވޭނެ އަނެއްކަމަކީ، ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތްދިނުމާއި، ކޮމިޔުނިޓީ ޕޮލިސިންގެ ފަލްސަފާގެ މައްޗަށް އެ ހިދުމަތް ދިނުން ކަމަށާއި ފުލުހުންގެ ހިދުމަތުގެ ހުރިހާ ކަމެއް ދުސްތޫރީ ހަމަތަކާއި، ގާނޫނުގެ ހުކޫމަތުގެ ތެރެއިން އަދި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރެވިގެން ފޯރުކޮށްދިން ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނީ ގާނޫނުގެ ތެރެއިން ފުލުހުންގެ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަށް ބޭނުންވާ ގާނޫނީ ހައިސިއްޔަތާއި ބާރާއި ވަސީލަތްތައް ފުލުހުންނަށް ލިބިިދޭނެ ކަމަށެވެ.

ފުލުހުންނަށް ތައުލީމާއި ތަމްރީނު ދިނުމާއި، ކުރިއެރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފާއި ހަމަހަމަ ކަމުގެ މައްޗަށް އެ ފުރުސަތުތައް އެ ގާނޫނުން ބައްޓަންކޮށްދޭނެ ކަމަށާއި ފުލުހުންގެ ހިދުމަތުގެ ބިލަކީ، ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކާ އެކު މަޝްވަރާކުރެވިގެން، އަދި އާންމުންގެ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ދިރާސާކޮށް ފުރިހަމަކޮށްފައިވާ ބިލެއް ކަމަށް އެމްޑިޕީ އިން ބުންޏެވެ.

މިއީ އެމްޑީޕީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ހިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް ހެދޭ ގާނޫނެއް ކަމަށް އެ ޕާޓީ އިން ބުންޏެވެ.

އެމްޑީޕީ އިން ބުނީ ފުލުހުންގެ ބިލު ގާނޫނަކަށް ވުމުން ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކުވެސް އައިސްފައި ނުވާފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނެ ކަމަށެވެ.

comment ކޮމެންޓް