27 އަހަރުވަންދެން ގަނޑުކުރި އެމްބްރީޔޯއިން ލޯބި ދަރިއެއް

27 އަހަރުވަންދެން ގަނޑުކޮށްފައިވާ އެމްބްރީޔޯ އިން އުފަންވި މޯލީ ގިބްސަން

ދުނިޔޭގެ އެންމެ ގިނަދުވަސްވަންދެން ގަނޑުކޮށްފައިވާ އެމްބްރިޔޯއިން ކުއްޖަކު އުފަންވެއްޖެއެވެ. މި އެމްބްރީޔޯއަކީ 27 އަހަރުވަންދެން ގަނޑުކުރެވުނު އެމްބްރީޔޯ އެކެވެ.

މޯލީ ގިބްސަންގެ ނަމުން ނަން ދެވުނު މި ކުއްޖާ އުފަންވީ މިއަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. މީގެ ކުރިން މި ރިކޯޑު އޮންނަނީ މޯލީގެ ދައްތަ އެމާ ގިބްސަން އަތުގަ އެވެ.

މޯލީއާއި އެމާގެ މަންމައާއި ބައްޕަ ޓީނާ އާއި ބެން ގިބްސަން ވަނީ ދަރިއެއް ހޯދުމަށްޓަކައި ފަސް އަހަރުވަންދެން މަސައްކަތްކޮށްފައެވެ. ނަމަވެސް ގަނޑުކޮށްފައިވާ އެމްބްރީޔޯއެއް ބޭނުންކޮށްގެން ދަރިއެއް ހޯދުމުގެ ޚިޔާލު ދިނީ ބެންގެ މައިންބަފައިންނެވެެ.

އުމުރުން 29 އަހަރުގެ ޓީޗަރެއް ކަމުގައިވާ ޓީނާ އާއި 36 އަހަރުގެ ސައިބާ ސެކިއުރިޓި އެނަލިސްޓެއް ކަމުގައިވާ ބެންއާއި ދެމީހުންނަށް އާއިލާއެއް ބިނާކުރުމުގެ މި ހުވަފެން ސީދާ ކޮށްދިނުމުގައި އެހީތެރިވެދިނީ އެމެރިކާގެ ނެޝެނަލް އެމްބްރީޔޯ ޑޮނޭޝަން ސެންޓަރު (އެންއީޑީސީ) އިންނެވެ.

މީގެ 17 އަހަރުކުރިން ހުޅުވި މި ސެންޓަރަކީ އައިވީއެފް ހެދުމަށްޓަކައި ނަގައި އެމްބްރީޔޯތަކުގެ ތެރެއިން ބާކީ ހުންނަ އެމްބްރީޔޯތައް ހުއްދައާއި އެކު ފަހުން ބޭނުންކުރަން ގަނޑުކޮށްފައި ބަހައްޓާ ސެންޓަރެކެވެ.

ގިބްސަންގެ އާއިލާފަދަ އާއިލާތަކުން މި އެމްބްރީޔޯތައް ބޭނުންކޮށްގެން ދަރިން ލިބުމުގެ ފުރުސަތު އޮންނައިރު މިހެން ލިބޭ ދަރިންނާއި އެޑޮޕްޓްކުރާ މައިންބަފައިންނާއި އެއްވެސް ވަރެއްގެ ގުޅުމެއް ޖެނެޓިކަލީ ނޯންނާނެ އެވެ.

އެންއީޑީސީ އިން ބުނާގޮތުގައި މިހާރުވެސް ގާތްގަނޑަކަށް އެއް މިލިއަން މިފަދަ އެމްބްރީޔޯސް އެމެރިކާގައި ރައްކާކުރެވިފައި ހުންނާނެ އެވެ.

މޯލީއާއި އޭނާގެ ދައްތަ އެމާ ގިބްސަން

މިފަދައިން އެމްބްރީޔޯ އެޑޮޕްޓް ކުރާއިރު ކޮންބައެއްކަން ނޭނގިވެސް އެޑޮޕްޓްކުރެވޭނެ އެވެ. އަދި އަސްލު ޑޯނަރުންނާއި ވާހަކަ ދައްކާއި މައުލޫމާތު ހިއްސާކޮށްގެންވެސް އެޑޮޕްޓްކުރެވެ އެވެ.

ޓީނާއާއި ބެން ބުނެފައިވަނީ އެމްބްރީޔޯ އިހުތިޔާރުކުރުމުގައި އެމީހުން ބެލީ ވީހާވެސް އެމީހުންގެ ސިފަތަކާއި ވައްތަރުވާނެ ގޮތަކަށް އިހުތިޔާރު ކުުރުމަށެވެ. އަދި މިފަދައިން ލިސްޓު ކުޑަކުރުމުންވެސް އެތަށް ސަތޭކަ އޮޕްޝަންސް ހުރި ކަމަށާއި، މިހާ ދުވަސްވީ އެމްބްރީޔޯއެއް އިހުތިޔާރުކުރީ މަޖަލަކަށް ސެންޓަރުގެ ސްޓާފެއް ދިން ހިޔާލެއްގެ މައްޗަށް ކަމުގަ އެވެ.

1992ގައި ގަނޑުކުރެވިފައިވާ އެމްބްރީޔޯއިން ޓީނާގެ ދޮށީ ދަރިފުޅު އެމާ އުފަންވީ 2017 ގައެވެ. އެމާ އާޢި މޯލީ އަކީ އެއްބައެއްގެ ފަރާތުން ޑޮނޭޓްްކޮށްފައިވާ އެމްބްރީޔޯތަކެއް ކަމުން ދެ ކުދިންވާނީ ޖެނެޓިކަލީވެސް ހަމަ އެއްބަނޑުއެއްބަފާ ކުދިންނަށެވެ.

comment ކޮމެންޓް