އާ ސީޕްލޭން ޓާމިނަލްގެ ލައުންޖުތައް ކުއްޔަށް ދެނީ

އާ ސީޕްލޭން ޓާމިނަލް-- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރި އާ ސީޕްލޭން ޓާމިނަލްގެ ލައުންޖު އޭރިއާތައް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ކުރި އިއުލާނެއްގައި ބުނީ އާ ސީޕްލޭން ޓާމިނަލްގެ ލައުންޖުތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި ލައުންޖުތައް ކުއްޔަށް ހިފާ ފަރާތްތަކުން އެތަންތައް ސެޓްއަޕްކޮށް އޮޕަރޭޓު ކުރަން ޖެހޭނީ އެމްއޭސީއެލް އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެެ.

ލައުންޖުތައް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކުން މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އީމެއިލް، ފެކްސް ނުވަތަ ޕޯސްޓު މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ލައުންޖު ހިންގުމަށް ކުރިމަތިލާ ފަރާތްތަކަކީ ސީޕްލޭން އޮޕަރޭޓާރެއް ނުވަތަ ޓުއަ އޮޕަރޭޓަރެއް ނުވަތަ ރިސޯޓު އޮޕަރޭޓަރަކަށް ވާންވާނެ ކަމަށް ބުނެފައިވެ އެވެ.

ލައުންޖު ހިންގުމަށް ބިޑް ހުށަހަޅާއިރު 10،000 ޑޮލަރު ނުވަތަ އެ އަދަދާ އެކަށީގެންވާ ދިވެހި ރުފިޔާ ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަންބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 30 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ.

ސީޕްލޭން ޓާމިނަލް އާ ގުޅިގެން އުފެދުނު އެންމެ ބޮޑު ބަހުސަކީ އެތަން ހިންގަން ހަވާލު ކުރާނެ ބަޔަކާ މެދު ކުރެވުނު ބަހުސެވެ. ދުނިޔޭގެ އެންމެ ބޮޑު ސިޕްލޭން އޮޕަރޭޓަރު، ޓީއެމްއޭ އަށް އާ ސީޕްލޭން ޓާމިނަލް ހަވާލު ކުރަން އުޅޭކަމުގެ އަޑުތަކާއެކު ރައްޔިތުންގެ މަޖިލީހުންނާއި އޭސީސީ އިން އެ މައްސަލަ ބެލި އެވެ.

ޓާމިނަލް މައްސަލައިގައި ސަރުކާރުން ނިންމާފައި އޮތީ ޓީއެމްއޭ އާއި މަންޓާއިން މިހާރު ބޭނުން ކުރަމުންދާ ޓާމިނަލާ އެއްވަރުގެ ސަރަހައްދެއް، މިހާރު ވެސް ބިމު ކުލީގެ ގޮތުގައި ނަގަމުންދާ އަގު، އަކަމީޓަރަކަށް 10.35 ޑޮލަރަށް އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމަށެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން އިން އާ ޓާމިނަލުން ޖާގައެއް ބޭނުންނުވާ ކަމަށް ބުނެފައިވާއިރު، ޓީއެމްއޭއާއި މަންޓާއަށް ދޭ ސަރަހައްދުތައް ކަނޑައެޅުމަށްފަހު ބާކީ އޮންނަ ބައި ބިޑު އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ނިންމާފަ އެވެ.

ސީޕްލޭން ޓާމިނަލްގެ ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާ އެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. އެ ޓާމިނަލް ނިންމާ މި އަހަރުގެ މެއި މަހު ބޭނުން ކުރަން ފެށޭނެ ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ބުނި ނަމަވެސް އެކި ސަބަބުތަކާހުރެ އެތަން ބޭނުންކުރަން ފަށައިފައެއް ނުވެ އެވެ.

comment ކޮމެންޓް