ބޯޑަރު ހުޅުވާލިފަހުން އައި ޓޫރިސްޓުންގެ އަދަދު ލައްކައަކާ ކައިރިކުރަނީ

ރާއްޖެ އައި ފަތުރުވެރިންތަކެއް --- ފޮޓޯ: ވީއައިއޭ

ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓާލާފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކަ އަކާ ކައިރިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު މި ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 79،627 ފަތުރުވެރިން ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައިސްފައިވެ އެވެ. އެހާތަނަށް މި އަހަރުގެ ތެރޭ އައި ފަތުުރުވެރިންގެ ޖުމްލަ އަކީ 462,474 އެވެ.

ޓޫރިޒަމްގެ ތަފާސްހިސާބަށް ބަލާއިރު ޖުލައިމަހުގެ 15 ގައި ބޯޑަރު ހުޅުވާލިފަހުން އެ މަހުގެ 31ގެ ނިޔަލަށް ރާއްޖެ އައީ 1،701 ފަތުރުވެރިންނެވެ. އެއީ އެވްރެޖުކޮށް ދުވާލަކު 100 މީހުންނެވެ.

އޮގަސްޓުމަހު އައިސްފައިވަނީ 7،628 ފަތުރުވެރިންނެވެ. އެއީ އެވްރެޖުކޮށް ބަލާނަމަ ދުވާލަކަށް 246 މީހުންނެވެ. ސެޕްޓެމްބަރު މަހު 9,538 ފަތުރުވެރިން އައި އިރު އެއީ އެވްރެޖުކޮށް ދުވާލަކު 318 ފަތުރުވެރިންނެވެ. އޮކްޓޯބަރު މަހު 21,515 ފަތުރުވެރިން އައި އިރު އެއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 694 މީހުންނެވެ. މި ނިމުނު ނޮވެމްބަރު މަހު 35,759 މީހުން ރާއްޖެ އައި އިރު އެއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 1,192 ފަތުރުވެރިންނެވެ.

ޓޫރިޒަމް އިން ބުނީ މި ޑިިސެމްބަރު މަހުގެ ފުރަތަމަ ދެ ދުވަހުގެ ތެރޭ 3،486 ފަތުރުވެރިން އައި ކަމަށެވެ. އެއީ ޑެިސެމްބަރު މަހުގެ ފުރަތަމަ ދުވަހު2،031 ފަތުތުވެރިން އަދި ދެވަނަ ދުވަހު1،455 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލިފަހުން އެނންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ. ރަޝިއާ އިން 17،404 ފަތުރުވެރިން އައި އިރު އިންޑިއާ އިން 10،318 ފަތުރުވެރިން އައިސްފައިވެ އެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 5،703 ފަތުރުވެރިން އައި އިރު އެމެރިކާ އިން 5,488 ފަތުރުވެރިން އަދި ޔޫއޭއީ އިން 4,842 ފަތުރުވެރިން އައިސްފައިވެ އެވެ.

ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ރިސޯޓު، ސިޓީހޮޓާ އަދި ގެސްޓްހައުސްތަކާއި ސަފާރީތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައިވާއިރު މި ފެސިލިޓީތަކުގައި ސްޕްލިޓް ސްޓޭ ކުރުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.

ޓޫރިޒަމް އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު 392 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ 36,446 އެނދެވެ.

ރާއްޖެ އަންނަ ފަތުރުވެރިން 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިސް ޓެސްޓު ނަތީޖާ އެއް ހުށަހަޅަން ޖެހޭއިރު ރާއްޖެ އައުމަށް ކުރިއާލާ ބުކިން އެއް ހައްދާފައި އޮންނަން ޖެހެ އެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބެ އެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ރާއްޖެ އާއި ވައިގެ މަގުން ގުޅާލާ ބޮޑެތި އެއާލައިންތަކުން މިހާރު ދަނީ ރާއްޖެއަށް ދަތުރު ކުރަމުންނެވެ. އަދި ފިނި މޫސުމުގެ ޗުއްޓީ އާއި އާއަހަރުގެ ޗުއްޓީ އާއި ދިމާކޮށް އިތުރު އެއާލައިންތަކުން ޝެޑިއުލްޑް އަދި ޗާޓަރު ދަތުރުތައްވެސް ރާއްޖެ އަށް ފަށަން ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 500،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

comment ކޮމެންޓް