ތޫފާނުގެ ބާރު ދަށްވެ، ބިރު ކުޑަވެއްޖެ

ވިއްސާރަވެ ކަނޑުގަދަވުން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުނު ތޫފާން ބުރެވީގެ ބާރު ދަށްވެ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އެ ކޮޅިގަނޑު މިހާރު އޮތީ އިންޑިއާގެ ކަންޔަންކުމާރީގެ އިރު، އިރު އުތުރުން 200 އެއްހައި ކިލޯމީޓަރު ދުރުގައި ކަމަށެވެ.

މޫސުން ގޯސްވެ ކަނޑުގަދަވާނެތީ މެޓުން ވަނީ ރާއްޖޭގެ ދެކުނަށް ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން ހުވަދޫ އިން ފެށިގެން އައްޑޫ ސިޓީ އަށް 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާގެ 10:00 އަށް މޫސުން ކުރިއަށް ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ސަރަޙައްދަކަށްވެސް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާ ކުރެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާ އިން ލަފާ ކުރެ އެވެ.

މެޓުން ބުނީ ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި ހަތް ފޫޓާ ދެމެދު ކަމަށެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާ އިން ލަފާކުރެ އެވެ.

comment ކޮމެންޓް