މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދަނީ ޖަމިއްޔާތުގެ އެހީ ބޭނުން: އެންޑީއޭ

މަސްތުވާތަކެއްޗާއި ގުޅުންހުރި އެކި ކަންތައްތަކާއި ގުޅިގެން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ކުރާ މަސައްކަތްތަކުގައި އެކި ދާއިރާތަކުން މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއި އެހީތެރިކަމަށް އެދިއްޖެއެވެ.

އެންޑީއޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތަފާތު ތިން ދާއިރާއަކުން މަދަނީ ޖަމިއްޔާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެއީ އާލީ އިންޓަވެންޝަން، މަސްތުވާތަކެތި ބޭނުންކުރުމުން ދުރުކޮށް ހޭލުންތެރިކުރުން އަދި ޑިޓޮކްސިފިކޭޝަން އަދި އައުޓްރީޗްގެ ދާއިރާއިންނެވެ.

އެހެންކަމުން އެ އެޖެންސީއާ ގުޅިގެން މަސައްކަތްކުރުމަށް ޝައުގުވެރިވާ މަދަނީ ޖަމިއްޔާ، ޖަމާއަތްތަކުން، މަސައްކަތް ކުރުމަށް ޝައުގުވެރިވާ ދާއިރާ ބަޔާންކޮށް ޑިސެމްބަރު 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ އޭޖެންސީއަށް ސިޓީއަކުން ނުވަތަ މެއިލްއަކުން އަންގައި ދިނުމަށް ވަނީ އެދިފައެވެ.

އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒުކުރުމުގެ މައި އިދާރާ އެވެ.

comment ކޮމެންޓް