ގަމު ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. ގަމުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ލ. ގަމުގައި ތަރައްގީ ކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލުގެ އަަލީ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކެންސަރު ހޮސްޕިޓަލެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި 5.5 މިލިއަން ރުފިޔާ އެކަމަށް ހިމަނާފައިވާއިރު، އަދި 2022 ވަނަ އަހަރުގެ ބަޖެޓުން 27 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެ ހޮސްޕިޓަލަށް ޖުމްލަ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 98 މިލިއަން ރުފިޔާ އެވެ.

ލ. އަތޮޅުގެ ބައެއް މަޝްރޫއުތައް ނިންމުން ފާހަގަކުރެއްވުމަށް މިއަދު އެ އަތޮޅަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކެންސަރު ހޮސްޕިޓަލަކީ އިންޑިއާގެ އެހީގައި ތަރައްގީ ކުރާ ތަނެއް ކަމުން، އެކަމާ ބެހޭ ލިޔުންތައް އެގައުމުގެ ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އެ ހޮސްޕިޓަލަކީ އިންޑިއާގެ އެހީގައި އަޅާ ހޮސްޕިޓަލެއް ކަމުން އެއާ ބެހޭ ލިޔެކިޔުންތައް މީގެ ދެ ދުވަސް ކުރިން އިންޑިއާ ސަރުކާރާ ހިއްސާކޮށްފައި. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ، އެކަމާ ގުޅޭ ނިންމުންތައް ނިންމި މި ރަށުގައި އެ ހޮސްޕިޓަލު އަމަލީ ގޮތުން އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސީޓީ ސްކޭންގެ ހިދުމަތް ފެށުން މިއަދު ވަނީ ފާހަގަކޮށްފަ އެވެ.

"މީގެ ސަބަބުން މި ހިދުމަތް ހޯދަން މާލެއަށް ނުގޮސް ރަށުގައި ތިބެގެން ނުވަތަ މި އަތޮޅުން ހިދުމަތް ހޯދުމުގެ ފުރުސަތު މިވަނީ މި ސަރަހައްދުގެ ރައްޔިތުންނަށް ފަހިކޮށްދެވިފައި،"

އޭގެ އިތުރުން، އޯޕީޑީއަށް އިތުރު ކުރި ކޮޓަރިތައް މިހާރު ހުރީ ނިމިފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޑިޖިޓަލް އެކްސްރޭއާއި މެމޯގްރާމާއި ދަތުގެ ފަރުވާ އަށާއި ފިޒިއޯތެރެޕީއަށާއި، ލެބޯޓަރީއަށް ބޭނުންވާ ސާމާނު މިހާރު ހުރީ ހޮސްޕިޓަލަށް ގެނެސްފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ތަކެތި އިންސްޓޯލްކޮށް ވަރަށް އަވަހަށް ހިދުމަތް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަދި ހޮސްޕިޓަލަށް ބޭނުންވާ ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއިން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ސިއްހީ ހިދުމަތް ލާމަރުކަޒީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކަށް އޮންނަ އިތުބާރު އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ސިއްހީ ހިދުމަތްތައް ލާމަރުކަޒީ ކުރުމުގެ މުހިންމުކަން ހާމަވެގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ގަމު ހޮސްޕިޓަލު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ އާ އިމާރާތް ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެ އިމާރާތް ނިމި ޓާޝަރީ ފެންވަރަށް ސިއްހީ ހިދުމަތް ދޭން ފެށުމާއެކު ލާމުގެ ސިއްހީ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 34.79 ބިލިއަން ރުފިޔާގެ ބަޖެޓުގައި 4.04 ބިލިއަން ރުފިޔާ ވަނީ ސިއްހީ ދާއިރާއަށް ހާއްސަކޮށްފަ އެވެ.

comment ކޮމެންޓް