ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްދޭ އިނާޔަތް ބޮޑުކުރަން ގޮވާލައިފި

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު--- ފޮޓޯ: ޕީއެސްއެމް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ މާލީ އިނާޔަތް ބޮޑުކުރަން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅުވައިގެން އެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައއި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ މާލީ އިނާޔަތަކީ އެފަރާތްތަކަށް ބޭނުންވާ އަސާސީ ކަންކަމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ.

އަދި އެފަރާތްތަކަށް މާލީ އިނާޔަތުގެ ގޮތުގައިދޭ ފައިސާގެ އަދަދު އިތުރުކުރުމަކީ މުހިއްމު ކަމެއްކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

އެޗްއާރުސީއެމް އިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ތެރޭގައި، ރާއްޖޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރެއް އެކުލަވައިލައި ބަލަހައްޓަން ކަނޑައަޅައިފައި އޮތްނަމަވެސް، އެ ދަފްތަރު އެކުލަވައިލައިފައި ނުވާ ކަމަށެވެ. ވީހާ ވެސް އަވަހަކަށް އެ ދަފްތަރު އެކުލަވައިލުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.

ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ އެފަރާތްތަކަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން މައުލޫމާތު ހޯދުމުގަޔާއި މައުލޫމާތު ލިބިގަތުމުގައި ގޮންޖެހުންތަކެއް ދިމާވެފައިވާ ބައެއް ކަމަށާއި ކޮވިޑް19ގެ ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށް ކަމާ ބެހޭ ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުލިބުމުގެ ސަބަބުން އިތުރު ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ރައްކާތެރިވެ، ކަންކަން ނިންމުމުގައި އެމީހުންގެ ބައިވެރިވުން އިތުރުކޮށް، ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ހަރުދަނާ އަދި ފަސޭހަ ގޮތްތަކެއް އެކަށައެޅުން މުހިއްމު ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ. އެ ކޮމިޝަނުން ވަނީ ދަތުރުފަތުރުކުރުމާއި، ހިނގާބިނގާވެ އުޅުމުގަޔާއި، ތަންތަނަށް ވަދެނިކުމެ އުޅުމުގައި ފަސޭހަ ގޮތްތަކެއް އެކުލަވާލުމަށް ދައުލަތަށް އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދީ، މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށް ވުރެ ހަރުދަނާކުރުމަށް، އެ ކޮމިޝަނުން ދައުލަތަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މީގެ އިތުރުން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފަދަ ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދިއުމުގައި، އެއްވެސް މީހަކު ބާކީ ނުވާނޭހެން ކަންކަން ރާވާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއި ޝާމިލުވުން ހިމެނޭގޮތައް އެފަދަ ކަންކަން ބައްޓަންކުރުމަކީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަޑިތައް ހާސިލުކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.

comment ކޮމެންޓް