ފެރެންސްވާރޮސް އަތުން ބާސެލޯނާއަށް ފަސޭހަ ކާމިޔާބީއެއް

ބާސާ ރޭ ޗެންޕިއަންސް ލީގުގައި ކުޅުނު މެޗުގެ ތެރެއިން ... ފޮޓޯ/ ވަޓްސްނިއުޓުޑޭ

ޗެންޕިއަންސް ލީގް ގްރޫޕް ޖީގެ ޓީމުތަކުގެ ތެރެއިން ފެރެންސްވާރޮސް އާއި ބާސެލޯނާ ރޭ ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ބާސެލޯނާ 3-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފި އެވެ.

މުބާރާތުގެ ނޮކްއައުޓް ސްޓޭޖުން ޖާގަ ލިބިފައިވާ ބާސާ ރޭގެ މެޗަށް ނިކުއިން އިރު އެ ޓީމުގެ ތަރި ލައޮނަލް މެސީ އިނީ ބެންޗުގަ އެވެ. ރޭގެ މެޗުގައި މެސީގެ ޖާދޫ ފެނިގެން ނުދިޔަ ކަމުގައި ވިޔަސް، ބާސާއިން ރޭ ވަނީ މޮޅު ކުޅުމެއް ދައްކާ މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފަ އެވެ.

ރޭގެ މެޗުގައި ބާސާއަށް އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 14 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ދިން ޕާހަކުން އެ ޓީމުގެ އޮންޓްވޮން ގްރިޒްމަން އެވެ. އޭނާ ވަނީ ބާސާ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ސްކޯ ކޮށްފަ އެވެ.

އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ބާސާގެ އުސްމާން ޑެމްބެލޭ ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ފޮނުވާލައިން ބާސާގެ ބްރިތްވެއިޓް ވަނީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފަ އެވެ. ބާސާގެ ތިން ވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ވިންގާ ބްރިތްވެއިޓް އެވެ.

ފުރަމަ ހާފްގައި ތިން ގޯލްގެ ލީޑެއް ނެގި ބާސާ ދެވަނަ ހާފްއާ ކުރިމަތިލާފައި ވަނީ ޑިފެންސިވް ގޭމަކާއި އެކުއެވެ. ނަމަވެސް އެ ހާފްގައި ވެސް އެ ޓީމްގެ ޑެމްބެލޭ ވަނީ ފެރެންސްވާރޮސްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. ރޭގެ ކާމިޔާބީ އާއެކު ބާސާ ވަނީ ގްރޫޕް ޖީގެ ތާޥަލްގެ އެއްވަނަ މަގާމު 13 ޕޮއިންޓާ އެކު ކަށަވަރު ކޮށްފަ އެވެ. ބާސާ ވަނީ ޗެންޕިއަންސް ލީގް ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފަ އެވެ.

comment ކޮމެންޓް