ހޮންކޮންކުގެ ޒުވާން އެކްޓިވިސްޓު އެއް އަހަރަށް ޖަލަށް ލައިފި

ޖޯޝުއާ ވޮންގް (ކ)، އިވަން ލާމް އަދި އެގްނެސް ޗޯ ޖަލަށް ލާން ވަނީ ހުކުމްކޮށްފަ -- ފޮޓޯ: ގެޓީ

ހޮންކޮންގް (ޑިސެމްބަރު 3): ހޮންކޮންގްގައި މިދިޔަ އަހަރު ބޭއްވި މުޒާހަރާތަކުގައި ފުލުހުންގެ ހެޑްކުއާޓާސް ކުރިމަތީ ބޭއްވި އެއްވުމަކާ ގުޅިގެން ޑިމޮކްރަސީ އެކްޓިވިސްޓު ޖޯޝުއާ ވޮންގް، 24، އާއި އިތުރު ދެ އެކްޓިވިސްޓަކު ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ހޮންކޮންގްގައި ޑިމޮކްރަސީ ފުޅާ ކުރަން ގޮވާލާ އެކްޓިވިސްޓުން ކަމަށްވާ ވޮންގް އާއި އިވަން ލާމް، 26، އާއި އެގްނެސް ޗޯ، 23، މިދިޔަ ހަފްތާ ތެރޭ ހައްޔަރު ކުރީ މިދިޔަ އަހަރުގެ ޖޫން 21ގައި އެ ސިޓީގެ ފުލުހުންގެ ހެޑްކުއާޓާސް ކުރިމަތީގައި 15 ގަޑި އިރުވަންދެން ގަވާއިދާ ހިލާފަށް ބޭއްވި އެއްވުމަކާ ގުޅިގެންނެވެ. އަދި އެ ތިން މީހުންގެ މައްޗަށް ވަނީ އެ އެއްވުމުގައި ބައިވެރިވެ، ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ދައުވާކޮށްފަ އެވެ.

އެ މައްސަލައިގައި ވޮންގް، ލާމް އަދި ޗޯ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން އެ މީހުން ވަނީ އެ މީހުންގެ ވަކީލުންގެ ލަފާގެ މަތިން، ކުށަށް އިއުތިރާފު ވެފަ އެވެ. އަދި އެ މައްސަލައިގައި ހުކުމް ކުރަންދެން އެ ތިން މީހުންގެ މައްޗަށް އިއްޔެއާ ހަމަޔަށް މުއްދަތު ޖެހި އެވެ.

އިއްޔެގެ ޝަރީއަތުގައި ވޮންގް 13 މަހަށް، ޗޯ 10 މަހަށް އަދި ލާމް ހަތް މަހަށް ޖަލަށް ލާން ހުކުމް ކުރި އެވެ.

އެ ހުކުމް ކުރި ފަހުން ވޮންގްގެ ފަރާތުން އޭނާގެ ވަކީލު ކުރެއްވި ޓުވީޓެއްގައި ވަނީ "ހޮންކޮންގްގެ ޑިމޮކްރަސީއަށާއި މިނިވަންކަމަށް ކުރާ މަސައްކަތުގައި ޖަލުގައި ހުރެގެން އޭނާ ބައިވެރިވަމުން ދާނެ ކަމަށާއި މުޒާހަރާތަކުގައި ބައިވެރިވި ގިނަ އަަދަދެއްގެ މީހުން މިހާރުވެސް ޖަލުގައި ތިބިކަން" ފާހަގަކޮށްފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ އެ ހުކުމް ކުށްވެރިކޮށްފަ އެވެ. އަދި އެއީ ސަރުކާރަށް ފާޑު ކިޔާ މީހުންނަށް ދޭ އިންޒާރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ވޮންގް، ލާމް އަދި ޗޯއަށް ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔައީ، ހޮންކޮންގްގެ ލީޑަރުން އާއްމު އިންތިހާބަކުން ހޮވުމުގެ ފުރުސަތު ދިނުމަށް ގޮވާލާ 2014 ވަނަ އަހަރު ބޭއްވި އަމްބްރެލާ މޫވްމެންޓުގައި ބައިވެރިވުމުންނެވެ. އަދި ގަވާއިދާ ހިލާފަށް އެއްވުންތައް ބޭއްވި ކަމަށް ބުނެ މީގެ ކުރިންވެސް ވޮންގް އާއި ޗޯ ހައްޔަރުކޮށްފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް