ޕްރޮގްރާމުގައި ބައިވެރިނުވެ އިޖުތިމާއީ ތަންތަނުގައި ދިރިއުޅޭނަމަ ފިޔަވަޅު އަޅާނަން: ކައުންސިލް

ފެބްރުއަރީ 17، 2020: މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގުމަތިވެފައި ތިބި މީހުންނަށް ރައްކާތެރިކަން ދިނުމަށް ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމުގައި ބައިވެރި ނުވެ، މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތައް ފަދަ އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭގޮތަށް އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ވަންނާނެ ބޯހިޔާވަހިކަމެއް ނެތި މާލެ ސިޓީގެ މަތުމަތީގައި ދިރިއުޅެމުން އަންނަ މީހުން ކ. ގުޅީފަޅުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ގެންގޮސް އެތަނުގައި ހޭދަކުރާ މުއްދަތުގައި އެމީހުންނަށް ބޭނުންވާ ފަރުވާގެ އިތުރުން ދާއިމީ ހިޔާވެއްސެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތާއި ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ޖެންޑާ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ "ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލަ" އަކީ މުޖުތަމައުގައި އަށަގަންނަމުންދާ ނުރަނގަޅު އާދައެއް ކަމަށެވެ.

އަދި އެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ އިރު، މާލޭ ސިޓީގެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި އެނޫންވެސް އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި، ދިރިއުޅެމުންދާ ފަރާތްތައް އެފަދަ ތަންތަނުގައި ދިރިއުޅޭ ފަދަ ގޮތަކަށް އުޅުމަކީ ކުރިންވެސް މަނާކުރެވިފައިވާ ކަމެއް ކަމަށް އިތުރަށް ހަނދާންކޮށްދޭ ކަމަށް އިއުލާނުގައިވެއެވެ.

ސިޓީ ކައުންސިލުން ބުނީ ޖެންޑާގެ ޕްރޮގްރާމަކީ، އެފަދަ ފަރާތްތަކަށް ބޭނުންވާ އިޖްތިމާއި ހިދުމަތްތަކާއި ވަގުތީ ރައްކާތެރިކަން ކަށަވަރުކޮށްދީ، ބޭނުންވާ އަސާސީ ހައްގުތައް ހޯދައިދީ އެފަރާތްތަކުގެ އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަން ފެށި މަސައްކަތެއް ކަމަށެވެ.

އަދި އެއީ އެ މަސައްކަތުގެ ތެރެއިން ހާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކަށް ވާތީ، މަގުމަތީގައި މިވަގުތު ދިރިއުޅެމުން އަންނަ ހުރިހާ ފަރާތްތަކުން ވެސް އެ ޕްރޮގްރާމަށް އެއްބާރުލުންދީ، ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭކަމަށް ކައުންސިލުން ބުންޏެވެ.

"އަދި ސަރުކާރުން މިފަދަ ޕްރޮގްރާމެއް އިއުލާންކުރެއްވުމުން އެ ޕްރޮގްރާމްގައި ބައިވެރިނުވެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާޢީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭގޮތަށް އުޅޭނަމަ އެފަދަފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅުއަޅާނެކަމުގައި ދެންނެވީމެވެ." ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް