ޔަމަންގެ ހަނގުރާމައިގާ އެމެރިކާއިން ސައުދީއަށް ދޭ އެހީތެރިކަން ހުއްޓުވޭތޯ މަސައްކަތްކުރަނީ

ވޮޝިންޓަން (ޑިސެމްބަރު 2) : ސައުދީ އަރަބިޔާ އިސްވެ އޮވެގެން ޔަމަންގައި ކުރަމުން ގެންދާ ލޭ އޮހޮރުވުން ބޮޑު ހަނގުރާމައިގާ އެމެރިކާ ނުސީދާ ގޮތެއްގައި ބައިވެރިވާ ކަމަށާ އެކަން ނިމުކަކަށް ގެނައުމަށް ޓަކައި ކޮންގްރެސް އަށް ހުށަހަޅާ ބިލަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގެ 13 މެންބަރަކު ތާއީދު ކުރައްވައިފިއެވެ.

މި 13 މެންބަރުގެ ތެރޭގައި އެމެރިކާގެ މައި ދެ ޕާޓީކަމަށްވާ ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންވެސް ހިމެނެއެވެ. ސައުދީއާއި ޔޫއޭއީ ން ޔަމަންގައި ކުރިޔަށްގެންދާ ހަނގުރާމައަށް އެމެރިކާ ދޭ އެއްބާރުލުން ނިމުކަކަށް ގެނައުމަށް ގޮވާލައި ކޮންގްރެސް އަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ ބިލަށް މީގެކުރިން ތާއީދުކޮށްފައިވާ ކޮންގްރެސް މަދު މެންބަރުންނެވެ. މިމެންބަރުންގެ ތެރޭގައި ގިނައީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މެންބަރުންނެވެ. ނަމަވެސް މި ބިލަށް އަލަށް ތާއީދުކުރި 13 މެންބަރުގެ ތެރޭގައި ރިޕަބްލިކަން ޕާޓީގެ މެންބަރުން މަދެއްނޫނެވެ.

ޔަމަންގެ ހަނގުރާމައިގާ މަދަނީ އިންފްރާސްޓްރަކްޗަރ ހަލާކުކޮށް ބިމާ ހަމަކޮށްލާފައި

މިބިލްގެ ބޭނުމަކީ ޔަމަންގެ ހަނގުރާމަ ކުރިޔަށް ގެންދިޔުމަށް ސައުދީއަށް އެމެރިކާ ސަރުކާރުން ދޭ އެހީތެރިކަމާއި އެއްބާރުލުން ނިމުމަކަށް ގެނައުމެވެ. ޔަމަންގެ ހަނގުރާމަ ކުރިޔަށް ގެންދިޔުމަށް އެމެރިކާ ސަރުކާރުން ސައުދީއަށް ވާގިވެރިވަނީ ކޮންގްރެސްއިން އެކަމަށް ހުއްދަދީގެނެއްނޫނެވެ. އެމެރިކާ ސަރުކާރުން ބުނަނީ ޔަމަންގެ ހަނގުރާމައިގާ އެމެރިކާ ބައިވެރިނުވާ ކަމަށާ ސައުދީ އަށް އެމެރިކާއިން ހަތިޔާރު ވިއްކަނީ ޔަމަންގެ ހަނގުރާމައަށް ޚާއްސަކޮށްގެން ނޫންކަމުގައެވެ. ނަމަވެސް ޔަމަންގެ ހަނގުރާމައަށް ބޭނުންވާ ހަތިޔާރުގެ އިތުރުން ސައުދީ ސިފައިންނަށް އަސްކަރީ ލަފައާއި އިރުޝާދުދީ ޖާސޫސީ މައުލޫމާތުވެސް ސައުދީއަށް ދެނީ އެމެރިކާއިންނެވެ.

ޔަމަންގެ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރަށާއި ސްކޫލްތަކަށް ސައުދީ އާއި ޔޫއޭއީން ޙަމަލާދެނީވެސް އެމެރިކާގެ ހަތިޔާރު ބޭނުން ކޮށްގެންނެވެ. އަދި ސައުދީއާއި ޔޫއޭއީގެ ޙަމަލާތަކުގައި ޔަމަންގެ އާންމުންގެ އެތަށް ހާސްބަޔަކުވަނީ މަރުވެފައެވެ. ސައުދީ އިސްވެ އޮވެގެން ޔަމަންގައި ކުރާ ކުރާ ހަނގުރާމައިގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމައަށްފަހު ގައުމެއްގެ ރައްޔިތުން ވެއްޓިފައިނުވާފަދަ އިންސާނީ ބޮޑު ކާރިސާއަކަށް ޔަމަންގެ ރައްޔިތުން ވެއްޓިފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.

އދ. ންވެސްވަނީ ޔަމަންގެ ހަނގުރާމައަކީ މިހާރު ގައުމެއްގެ ފެންވަރުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާ ކަމަށް ސިފަކޮށްފައެވެ. މިގޮތުން މި ހަނގުރާމައިގެ ސަބަބުން ޔަމަންގެ ރައްޔިތުންގެ 70 އިންސައްތަ މީހުންވަނީ ހައިހޫނުކަމާ ކުރިމަތިލާންޖެހިފައެވެ. އަދި ޔަމަންގެ ރައްޔިތުންގެ ގިނަ ބަޔަކުވަނީ ކޮލެރާއާއި އެނޫންވެސް ގިނަ ބަލިތަކެއްގެ ޝިކާރައަކަށްވެފައެވެ.

ޔަމަންގެ ހަނގުރާމައިގާ އެމެރިކާ ނުސީދާ ގޮތެއްގައި ބައިވެރިވާ ބައިވެރިވުން ނިމުމަކަށް ގެނައުމަށް ގޮވާލާ ބިލް މިހާރުވަނީ ދިރާސާކުރުމަށްޓަކައި ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީން މިބިލް ފާސްކޮށްފިނަމަ ދެން ދާނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ތަޅުމަށެވެ.

ސައުދީއާއި ޔޫއޭއީގެ ބޮމުގެ ޙަމަލާތަކުގައި ޔަމަންގެ މަދަނީ އިންފްރާސްޓްރަކްޗަރ ގެ ބޮޑުބައެއްވަނި ބިމާ ހަމަވެފައިވާއިރު އެދެގައުމުން ދޭ ވައިގެ ޙަމަލާތަށް އާންމުންގެ އެއްވުންތަކާއި ކައިވެނި ޕާޓީތައްފަދަ ތަންތަނަށްވެސް އަމާޒުކޮށްފައިވެއެވެ. މި ފަދަ ލާއިންސާނީ ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ބެލޭނެކަންކަން ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ނަމަވެސް ސައުދީ އަށް ހަތިޔާރު ވިއްކުމަކީ އެމެރިކާއަށް އެންމެ ގިނަ ފައިސާ ލިބޭ ވިޔަފާރި ކަމަށްވާއިރު އެކަން ހުއްޓާލުމަކީ އެމެރިކާގެ އެއްވެސް ސަރުކާރަކުން ކުރާނެކަމެއް ނޫންކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް