ޖަޕާނާ އިންޑިއާ ގުޅިގެން ލަންކާގެ އީސްޓާން ކޮންޓެއިނާ ޓާމިނަލް ހަދަނީ

ސްރީލަންކާ--

ޖަޕާނާ އިންޑިއާއާ ގުޅިގެން ލަންކާގެ ކޮލަމްބޯ ޕޯޓްގެ އީސްޓާން ކޮންޓެއިނާ ޓާމިނަލް ހަދަން ނިންމައިފި އެވެ.

ކޮލަމްބޯ ޕޯޓަކީ ސްރީލަންކާގެ އެންމެ ބާރުބޮޑު ޕޯޓުވެސްމެ އެވެ.

ލަންކާގެ އިސް އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ "ޑެއިލީ މިރާ" ނޫހުން ބުނީ އެ ޓާމިނަލް ހަދަން ޖަޕާނުން ލޯނެއް ނުދޭނެ ކަމަށާއި ނަމަވެސް އެކަމަށް ޖަޕާނާއި އިންޑިއާއިން އިންވެސްޓުކުރާނެ ކަމަށެވެ.

އެ ޓާމިނަލް ހިންގަން ޓާމިނަލް އޮޕަރޭޝަންސް ކޮމްޕެނީ (ޓީއޯސީ)ގެ ނަމުގައި ވަކި ކުންފުންޏެއްވެސް ހެދުމަށް ވަނީ ނިންމައިފަ އެވެ. އެ ކުންފުނީގައި ލަންކާގެ 51 ޕަސެންޓް ހިއްސާވާއިރު އިންޑިއާޔާއި ޖަޕާންގެ 49 ޕަސެންޓް ހިއްސާ އޮންނާނެ އެވެ.

މީގެ ކުރިން އެ ޕްރޮޖެކްޓަށް 0.1 ޕަސެންޓު އިންޓަރެސްޓުގައި 40 އަހަރުން ދައްކާ ގޮތަށް ޖަޕާނުން އޮތީ ލޯނެއް ދޭގޮތަށެވެ. ނަމަވެސް އެ ޕްރޮޖެކްޓް ރިވިއުކޮށް ޖަޕާނުން އެ ޕްރޮޖެކްޓަށް އިންވެސްޓްކުރަން ނިންމީ އެވެ.

އެ ޕްރޮޖެކްޓަށް އިންޑިއާއިން އިންވެސްޓުކުރާނީ އެގައުމުގެ މަލްޓިނޭޝަނަލް ކުންފުނި އަދާނިސް ގްރޫޕުންނެވެ.

އިންޑިއާއާ ޖަޕާން ގުޅިގެން ޓާމިނަލްއެއް ހަދަން ނިންމިއިރު ޗައިނާއިން ވަނީ ލަންކާގައި އެތައް ބިލިއަން ޑޮލަރެއް ހޭދަކޮށްގެން ޕޯޓް ސިޓީ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްގެންދަމުންނެވެ. --ޑެއިލީމިރާ--

comment ކޮމެންޓް