ފުލުހުންގެ ބިލަށް ގެންނަ އިސްލާހަކީ ބަދަލުހިފަން ކުރަން އުޅޭކަމެއް: ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) -- ފޮޓޯ : މަޖިލިސް

ފުލުހުންގެ ގާނޫނަށް ގެންނަ އިސްލާހަކީ ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒްކޮށް ކޮމިޝަންޑް އޮފިސަރުންގެ ގާނޫނަށް ގެންނަ ބަދަލަކުން ބޭނުން ބަޔަކު ވަޒީފާއަށް ވައްދައި ވަޒީފާއިން ވަކިކުރެވޭގޮތަށް ގެންނަ އިސްލާހެއް ކަމަށާއި އެކަމަށް ތާއީދު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ގާނޫނަށް ގެންނަ އިސްލާހުތަކަކާ މެދު ހިތްހަމަ ނުޖެހި މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރިޔާސަތުން ވަނީ ޝަރީފްގެ ނަން އިއްވައި ތަޅުމުން ވެސް މިއަދު ބޭރުކޮށްފަ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަޑުގަދަ ވެފައިވަނީ ދެ އިއްޒަތްތެރި މެމްބަރެއްގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދުމާ ގުޅިގެން ކަމަށެވެ. އަދި އެ ހިޔާލު ތަފާތުވުމަކީ ބަގާވާތާ ގުޅޭގޮތުން އުފެދުނު ހިޔާލުތަފާތުވުމެއް ކަމަށް މަޖިލިސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ކޮމިޝަންޑް އޮފިސަރުން ވަކިކުރާ ގޮތަށް ފުލުހުންގެ އާ ބިލަށް ހުށަހަޅަން އުޅޭ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އެ މައްސަލައިގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީލު (ދޮންބިލަތް) ވަނީ ޝަރީފާ ޒުވާބު ކުރަން ފަށްޓަވާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެއާކު ނަން އިއްވެވީ ހަލީލުގެ ބަދަލުގައި ޝަރީފް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނަން އިއްވައި މަޖިލީހުން ބޭރު ކުރި ނަމަވެސް ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ މުއައްސަސާ ޕޮލިޓިސައިޒްކޮށް ކޮމިޝަންޑް އޮފިސަރުންގެ ގާނޫނަށް ގެންނަ ބަދަލަކުން ބޭނުން ބަޔަކު އަލުން ވަޒީފާ ދިނުމަށް ގެންނަން ހުށަހަޅާ އިސްލާހަށް އަޅުގަނޑު ތާއީދު ނުކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބަދަލު ހިފުމަށް އަބަދު މަސައްކަތް ކުރުމަކީ ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.

ފުލުހުންގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހާ ގުޅޭގޮތުން ރައީސް ނަޝީދުވެސް ވަނީ އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން އެ ގާނޫނަށް އިސްލާހު ގެނެސްފި ނަމަ ހަތެއް ފެބްރުއަރީ 2012 ވަނަ އަހަރު ފުލުހުން ދެއްކި ނުކިޔަމަންތެރިކަން އެއީ ނުހިނގާ ކަމެއްގެ ގޮތުގައި ދެކި ޒަމާންތަކެއް ވަންދެއް ރާއްޖެއަށް ބޮޑު ގެއްލުމެއް ދެވޭނެ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް